28 May 2014, 01:40
އޭއެފްސީ ޗެލެންޖް ކަޕުގެ ސެމީ ފައިނަލުގައި ފިލިޕީންސްއާ ދެކޮޅަށް ކުޅުނު މެޗުގައި ރާއްޖޭގެ ކުޅުންތެރިން ދެއްކި ކުޅުމަށް ގައުމީ ކޯޗު ޑްރާގޯ މަމިޗް ތައުރީފްކޮށްފި އެވެ.
ސެމީ ފައިނަލުގައި މިރޭ 9:00ގައި ބައްދަލުކުރި މެޗުގައި ފިލިޕީންސް އަތުން ރާއްޖެ ބަލިވީ 3-2 ލަނޑުންނެވެ. އިތުރު ވަގުތު ކުޅެން ޖެހުނު މި މެޗުގައި ރާއްޖެ އަށް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބި ބޭކާރުވެފައި ވެއެވެ.
މެޗަށް ފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރާއްޖޭގެ ކޯޗު މަމިޗް ބުނީ، މެޗުން މޮޅުވީ ގިނަ ލަނޑު ކާމިޔާބުކުރި ޓީމު ކަމަށާއި ދެ ޓީމު ވެސް މޮޅުވުން ހައްގު ކަމަށެވެ.
"ރާއްޖޭގެ ކުޅުންތެރިންނަކީ މިއަދު އަހަރެންގެ ބަތަލުން. އަހަރެން އެމީހުން ދެއްކި ކުޅުމާއި މެދު ފަހުރުވެރިވަން. މިއަދު ޓީމުން ދެއްކި ކުޅުމާ މެދު ގައުމުގެ ހުރިހާ ރައްޔިތުން ވެސް ފަހުރުވެރިވާން ޖެހޭނެ. މި މެޗުން ދެ ޓީމުން ވެސް މޮޅުވާން ޖެހޭ. ނަމަވެސް މެޗުން މޮޅުވެގެން މިދިޔައީ ގިނަ ލަނޑު ކާމިޔާބުކުރި ޓީމު. މިފަހަރު ފިލިޕީންސް ކާމިޔާބުކުރީ 3 ލަނޑު. އަދި އަހަރެމެންނަށް ކާމިޔާބުކުރެވުނީ 2 ލަނޑު،" އޭނާ ބުންޏެވެ.
މަމިޗް ބުނީ، ރާއްޖޭގެ ކެޕްޓަން އަލީ އަޝްފާގު (ދަގަނޑޭ)، ފިލިޕީންސްގެ ގޯލްކީޕަރު ކަޓުވާލައިފައި ގޯލު ޖަހަން ލިބުނު ހުސް ފުރުސަތު ނާކާމިޔާބުވުމުގައި އެއްވެސް ކުޅުންތެރިއެއްގެ ކުށެއް ނެތް ކަމަށާއި މެޗުގެ އިތުރު ވަގުތުގައި ހުސައިން ނިޔާޒް (ބޮކުރީ) އަރުވަން ރޭވި ނަމަވެސް ޝާފިއު އަހްމަދަށް ލިބުނު އަނިޔާއާ ގުޅިގެން އެ ބަދަލު ނުގެނެވުނު ކަމަށެވެ.
"އެއީ އެއްވެސް ކުޅުންތެރިއެއްގެ ކުށެއް ނޫން ކަމަށް އަހަރެން އަޝްފާގު ކައިރީ ބުނިން. މި މެޗުގެ އަމާޒަކަށްވީ ތިންވަނަ ލަނޑެއް ކާމިޔާބުކުރަން ހުސް ފުރުސަތެއް ލިބުމުން އެ ލަނޑު ކާމިޔާބުކުރުން. މެޗުގައި އަހަރެމެންނަށް އަނިޔާގެ މައްސަލަތަކާ ހުރެ ބަދަލުތަކެއް ގެންނަން ޖެހުނު. އަހަރެމެން ކޮޅަށް ލަނޑު ޖެހިއިރު، ދެ ކުޅުންތެރިއަކު ދަނޑުމަތީގައި މަދު. އަހަރެންގެ ރޭވުން ކުރިން ހުރީ އިތުރު ވަގުތުގައި ބޮކުރީ ކުޅެން އަރުވަން. ނަމަވެސް ޝާފީ އަށް އަނިޔާވުމުން އެ ބަދަލެއް ނުގެނެވުނު،" އޭނާ ބުންޏެވެ.
ރާއްޖޭގެ ކޯޗު އިތުރަށް ބުނީ، އިބްރާހިމް ފަޒީލް (އޮއްޕޮ)ގެ ޕެނަލްޓީ ނާކާމިޔާބުވިތާ ފަސް މިނެޓް ފަހުން އޭނާ ބަދަލުކުރީ ކޮންމެހެން އެ ޕެނަލްޓީ ނާކާމިޔާބު ވުމުން ނޫން ކަމަށާއި އެއީ ޓީމު ބަލިވެފައި އޮތުމުން ކުރި ބަދަލެއް ކަމަށެވެ.
"އޮއްޕޮ ބަދަލުކުރަން ޖެހުނީ ޕެނަލްޓީ ކާމިޔާބު ނުކުރެވުމުންނެއް ނޫން. އެއީ އަހަރެމެން މެޗުން ބަލިވާން ދާތީ ގެނައި ބަދަލެއް. ކުރީގެ ނޫސް ކޮންފަރެންސްގައި ވެސް ޓީމުގައި ޖޯކަރުން [މުހިއްމު ވަގުތުގައި ބޭނުންކުރާ ކުޅުންތެރިން] ތިބި ކަން އަހަރެން ފާހަގަކުރިން. އެމީހުންނަށް ރަނގަޅު ކުޅުމެއް ދެއްކިދާނެ ކަމަށް އަހަރެން ގަބޫލުކުރިން. އެގޮތުން އަހަރެން އަސަދުﷲ ކުޅެން އެރުވިން. އެގޮތުން އޭނާ އަކީ އުންމީދީ ކުޅުންތެރިއެއްކަން އޭނާ ސާބިތުކޮށްދިން،" އޭނާ ބުންޏެވެ.
އޭނާ ބުނީ، މެޗުގައި ރާއްޖެއިން ދެއްކީ ވަރަށް ހިތްވަރުގަދަ ކުޅުމެއް ކަމަށާއި މެޗުގައި ކުޅުންތެރިންނަށް އަނިޔާތަކެއްވީ ކައިރިކައިރީގައި ވާދަވެރި މެޗުތަކެއް ކުޅެން ޖެހުމުން ކަމަށެވެ.
"މެޗަށް ފަހު އަހަރެން ކުޅުންތެރިން ކައިރީ ބުނިން ނިމިގެންދިޔަ ހަތަރު މެޗަކީ މި މުބާރާތުގައި އަހަރެމެން ދެއްކި އެންމެ ރަނގަޅު ކުޅުމޭ. މިއަދު އަހަރެމެން ދެއްކީ ވަރަށް ހިތްވަރުގަދަ ކުޅުމެއް. އެގޮތުން އަހަރެމެންގެ ކުޅުންތެރިންނަށް އަނިޔާތަކެއް ކުރިމަތިވި. ކައިރިކައިރީގައި ވާދަވެރި މެޗުތަކެއް ކުޅޭނަމަ، މި ފަދަ އަނިޔާތަކެއް ކުރިމަތިވާނެ،" މަމިޗް ބުންޏެވެ.
މިރޭގެ މެޗުން ލިބުނު މޮޅާއެކު ރާއްޖެ ކަޓުވާލައި ފިލިޕީންސް ފައިނަލަށް ދަތުރުކުރި އިރު، ފައިނަލުގައި އެޓީމާ ދެކޮޅަށް ނުކުންނާނީ ފަލަސްތީނެވެ.