27 May 2014, 20:43
މިސަރުކާރަކީ ކޯލިޝަން ސަރުކާރަކަށްވާ އިރު، ސަރުކާރުގެ ތެރެއިން ޖުމްހޫރީ ޕާޓީ އަށް ދޭންޖެހޭ ބައެއް މަގާމުތައް ނުދެވިގެން އުޅެނީ އެ ޕާޓީން ހުށަހަޅާފައިވާ ބޭފުޅުންގެ ފެންވަރު ނެތިގެން ކަމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.
އިންޑިއާ އަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު އިބްރާހީމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓުގައި ނޫސްވެރީންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ ޖުމްހޫރީ ޕާޓީން އެކި ކުންފުނިތަކުގެ ބޯޑަށް އައްޔަން ކުރައްވަން ހުށަހެޅުއްވި ބޭފުޅުންގެ ފެންވަރު ނެތް ކަމަށް ޕްރައިވަޓައިޒް ބޯޑުން ފާސްކުރުމުން ކަމަށެވެ.
"[ޖުމްހޫރީ ޕާޓީގެ ލީޑަރު] ގާސިމް ޕާޓީ އަށް ލިބެން ޖެހޭ ހިއްސާ ލިބޭނެ، ވާގޮތަކީ ގާސިމް އެކިއެކި ބޯޑަށް ހުށައެޅި ބޭފުޅުންގެ ފެންވަރުނެތިގެން ޕްރައިވެޓައިޒޭޝަން ބޯޑުން އެބޭފުޅުން ދޫކޮށްލެއްވީ،" ރައީސް ޔާމީން ވިދާޅުވި އެވެ.
ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ވިދާޅުވެފައި ވަނީ ސަރުކާރުން މިހާރު ވެސް ސިޔާސީ 300 ވަރަކަށް މަގާމް އުފައްދަވާފައިވާ އިރު، އޭގެ ތެރެއިން އެ ޕާޓީ އަށް ދެއްވާފައި ވަނީ 34 މަގާމު ކަމަށެވެ. އަދި އެއީ އެއްބަސްވި 35 ޕަސެންޓް ނޫން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ޖުމްހޫރީ ޕާޓީ އަށް ނަންތައް ހުށަނޭޅިގެން ޕީޕީއެމްގެ ބޭފުޅުން އެމަގާމްތައް ފުރަމުންދާ ކަމަށެވެ. އަދި ސަރުކާރަށް ހަތް މަސް ދުވަސް ވެފައިވާ އިރު ދެން ނަން ހުށައެޅޭނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
އެގްރިމެންޓްގައި އޮތްގޮތަށް ޖުމްހޫރީ ޕާޓީން ބޭނުންވާ ޕަސެންޓް ލިބޭނީ ޝަރުތު ހަމަވާ ފަރާތްތަކުގެ ނަންތައް ހުށަހެޅުމުން ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވި އެވެ.