Last Updated: 1 decade 1 year ago
Last Updated:
1 decade 1 year ago
ރާއްޖެ ބަލިކޮށް ފިލިޕީންސް ފައިނަލަށް
- ފިލިޕީންސް 3، ރާއްޖެ 2
ފުރަތަމަ ހާފްގެ 19 ވަނަ މިނިޓްގައި ފިލިޕީންސަަށް މެޗުގެ ކުރި ހޯދައި ދިނީ ފިލިޕް ޖޭމްސް ޔަންގްހަޒްބަންޑް އެވެ. އެހެން ނަމަވެސް 37 ވަނަ މިނިޓްގައި މުހައްމަދު އުމޭރު ވަނީ ފިލިޕީންސް ގޯލަށް ލަނޑު ޖަހައި ނަތީޖާ ހަމަހަމަކޮށްދީފަ އެވެ.
ފިލިޕީންސުން މެޗުގައި ދެ ވަނަ ފަހަރަށް ކުރި ހޯދީ 39 ވަނަ މިނިޓްގައި ޖެރީ ރޫބެން ޖަހައިދިން ލަނޑުންނެވެ. އެ ލަނޑާއެކު ފުރަތަމަ 45 މިނިޓްގެ ކުޅުން ނިމިގެން ދިޔައީ 2-1 ލަނޑުން ފިލިޕީންސް ކުރީގައި އޮވެގެންނެވެ.
ދެ ވަނަ ހާފުގެ ކުޅުން ފެށިގެން ހަތް ވަނަ މިނިޓުގައި ރާއްޖެއަށް ލަނޑު ޖަހާނޭ ރަނގަޅު ފުރުސަތެއް ލިބުނެވެ. ފިލިޕީންސް ޕެނަލްޓީ އޭރިޔަ ތެރެއިން އެ ޓީމުގެ ކުޅުންތެރިއަކު ރާއްޖޭ ކެޕްޓަން އަލީ އަޝްފާގު (ދަގަނޑޭ)އަށް ފައުލުކުރުމާ ގުޅިގެން ރާއްޖެއަށް ވަނީ ޕެނަލްޓީއެއް ލިބިފަ އެވެ. އެހެން ނަމަވެސް ރާއްޖޭގައި ހުރި ޕެނަލްޓީ ޖަހާ އެންމެ ތަޖުރިބާކާރު އެއް ކުޅުންތެރިޔާ އިބްރާހީމް ފަޒީލު (އޮއްޕޮ) ފޮނުވާލި ޕެނަލްޓީ ފިލިޕީންސް ގޯލް ކީޕަރު، މުލާ ވަނީ އަތުން ޖަހައި ދިފާއުކޮށްފަ އެވެ.
ރާއްޖޭ ޓީމަށް ދެ ވަނަ ފަހަރަށް މެޗުގެ ނަތީޖާ ހަމަހަމަކޮށްދިނީ، ފަހު ހާފުގައި އޮއްޕޮގެ ބަދަލުގައި ކުޅެން އެރުވި، އަސަދުﷲ އަބްދުﷲ އެވެ. އަސަދުﷲ އެ ލަނޑު ކާމިޔާބު ކުރީ ފިލިޕީންސް ޕެނަލްޓީ އޭރިޔާ ތެރެއަށް އުމޭރު ނަގައިދިން ކޯނަރެއް ފުންނާބުން ޖަހައި ގޯލް ތެރެއަށް ފޮނުވާލައިގެންނެވެ. އެ ލަނޑު ކާމިޔާބު ކުރީ މެޗުގެ 66 ވަނަ މިނިޓްގަ އެވެ.
މެޗުގެ ފުރިހަމަ ވަގުތު ހަވަމަވި އިރު ދެ ޓީމް 2-2 އިން އެއްވަރުވެފައި އޮތުމުން ނަތީޖާ ނެރެން 15 މިނިޓްގެ ދެހާފު ކުޅެން ޖެހުނެވެ. ފިލިޕީންސުން ތިން ވަނަ ފަހަރަށް މެޗުގެ ކުރި ހޯދީ، މެޗުގެ 114 ވަނަ މިނިޓްގަ އެވެ. އެ ޓީމަށް މެޗުން މޮޅުވި ލަނޑު ޖަހައިދިނީ، ފަހު ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ކްރިސްޓޮފާ ރޮބާޓް އެވެ.
ފިލިޕީންސުން ރާއްޖެ މައްޗަށް 3-2 ލަނޑުން މި ހޯދި ކާމިޔާބީއާއެކު މުބާރާތުގެ ފައިނަލްގައި އެ ޓީމު ވާދަކުރަން ޖެހޭނީ ފަލަސްތީނާ އެވެ.
މުބާރާތުގެ ތިންވަނަ ހޮވާ މެޗުގައި ބުރާސްފަތި ދުވަހުގެ ރޭ 9:00ގައި ރާއްޖެ ވާދަކުރަން ޖެހޭނީ ސެމީގެ ފުރަތަމަ މެޗުން ފަލަސްތީނު އަތުން ބަލިވި އަފްޣާނިސްތާނާ ދެކޮޅަށެވެ.
ޗެލެންޖް ކަޕްގެ ފައިނަލްގައި ފަލަސްތީނާ ފިިލިޕީންްސް ވާދަކުރާ މެޗު އޮންނާނީ ހުކުރު ދުވަހުގެ ރޭ 9:00ގައި ގައުމީ ފުޓްބޯޅަ ދަނޑުގައެވެ.
- އިމްރާން މުހައްމަދު (އިންމަ) ގޯލް ކީޕަރު
- އަމްދާން އަލީ
- ޝާފިއު އަޙްމަދު (ޝާފީ)
- މުޙައްމަދު ރަޝީދު (ހޮކޭ)
- ރިލްވާން ވަހީދު (ރިލޭ)
- އިބްރާހީމް ފަޒީލް (އޮއްޕޮ)
- މުޙައްމަދު އާރިފް (ބަކާ)
- މުޙައްމަދު އުމެއިރު ( އުމޭ)
- ޢަލީ އަޝްފާޤު (ދަގަނޑޭ) ކެޕްޓަން
- އަޝްހަދު ޢަލީ (އަޑޭ)
- ޢަލީ ފާސިރު (ސެންޓޭ)