ޗެލްސީގެ ބެލްޖިއަމް ތަރި އެޑެން ހަޒާޑް އެކްލަބުގައި މަޑުކުރާނެ ކަމަށް އުންމީދުކުރާ ކަމުގައި ޗެލްސީގެ ޖަރުމަން ފޯވަޑް އަންދްރޭ ޝޫލާ ބުނެފި އެވެ.

ޗެލްސީގައި ހޭދަކުރި ކާމިޔާބު ސީޒަނަކަށް ފަހު، ބެލްޖިއަމް ސްކޮޑާއެކު ވޯލްޑް ކަޕު ދަތުރުގައި ބައިވެރިވުމަށް ހަޒާޑް ހުރީ ތައްޔާރަށެވެ. ހަޒާޑު ހޯދުމަށް ގިނަ ކްލަބުތަކަކުން މަސައްކަތްކުރާ އިރު، ޗެލްސީގައި އޭނާ މަޑުކޮށްފާނެތޯ މިއީ އުފެދިފައިވާ ސުވާލެކެވެ.

"ހަޒާޑަކީ ވަރަށް ހުނަރުވެރި މޮޅު ކުޅުންތެރިއެއްކަން ކޯޗު އަދި ކްލަބަށް ވެސް އެނގޭނެ. އޭނާ ކްލަބަށް ކޮށްދިން ކަންތައްތަކާ މެދު ހަނދާން ނައްތާލައިގެން ނުވާނެ،" ޖަރުމަން ގައުމީ ޓީމުގެ ޓްރެއިނިންގް ކޭމްޕުގެ ތެރޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން ޝޫލާ ބުންޏެވެ. "މޮރީނިއޯއާ މެދު ހަޒާޑް ހިތްހަމަނުޖެހޭ ކަމަށް ދެކެވުނު ވާހަކަތައް މިހާރު އެވަނީ ހަބަރުތަކުގައި ލިޔެފަ. ނަމަވެސް މޮރީނިއޯއާ އެކު ޗެލްސީގައި ހަޒާޑް ހުރީ އުފަލުގައި. އަންނަ ސީޒަނުގައި ހުރިހާ ކަމެއް ރަނގަޅުވާނެ."

ޗެލްސީގެ ކޯޗު ހޯޒޭ މޮރީނިއޯއާ ބެހޭގޮތުން ވާހަކަދައްކަމުން ޝޫލާ ބުނީ، މޮރީނިއޯގެ ވިސްނުމަކީ މޮޅުވުން ކަމަށާއި އޭނާ ވިސްނަމުންދާ ގޮތަކީ ޓީމަށް އެންމެ ފައިދާވާނެ ގޮތް ކަމަށެވެ.

"އޭނާ ވިސްނާ ގޮތާއި ގެންގުޅޭ ގޮތްތައް ވަރަށް ރަނގަޅު. އޭނާ އަބަދުވެސް ވިސްނަނީ މޮޅުވާން. މޮރީނިއޯ ބޭނުންވަނީ ހުރިހާ މެޗަކުން މޮޅުވާން. ކޮންމެ ޓީމެއް އިދިކޮޅަށް ނުކުތް ކަމުގައިވިޔަސް އޭނާ ބޭނުންވަނީ ކާމިޔާބީ. މުބާރާތްތައް ކާމިޔާބުކުރަން،" ޝޫލާ ބުންޏެވެ.

ނިމިގެންދިޔަ ސީޒަނުގައި މޮރީނިއޯއާ އެކު ޗެލްސީއަށް އެއްވެސް ކާމިޔާބެއް ލިބިފައެއް ނުވެ އެވެ. ޕްރިމިއާ ލީގުގެ ތިންވަނައިގައި ޗެލްސީ ނިންމާލަން ޖެހުނު އިރު، ޗެމްޕިއަންސް ލީގާއި އަލްވަދާއު ކިޔާފައި ވަނީ ސެމީ ފައިނަލުންނެވެ.