އޭއެފްސީ ޗެލެންޖް ކަޕް ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލްގެ ފުރަތަމަ މެޗުގައި މިއަދު ހަވީރު ކުޅުނު މެޗުގައި ފަލަސްތީން އަތުން ބަލިވީ މެޗުގެ ކުރީކޮޅު ފަލަސްތީނަށް ލިބުނު ޕެނަލްޓީއެއް ލިބުނު ހިސާބުން ކަމަށް އަފްޣާނިސްތާން ކޯޗު އެރިކް ރޫޓެމޫލާ ބުނެފި އެވެ.

ގައުމީ ފުޓްބޯޅަ ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗް 2-0 ލަނޑުން ކާމިޔާބުކޮށް ފަލަސްތީން ވަނީ މުބާރާތުގެ ފައިނަލުގެ ފުރަތަމަ ޖާގަ ކަށަވަރު ކޮށްފަ އެވެ.

މެޗަށްފަހު އަފްގާން ކޯޗް ރޫޓެމޫލާ ބުނީ ފުރަތަމަ ހާފުގައި ވެސް ލަނޑު ޖަހާނެ ދެތިން ފުރުސަތެއް ލިބުނު ކަމަށާއި ނަމަވެސް ފުރަތަމަ ހާފް ނިމެން ދަނިކޮށް ފަލަސްތީނަށް ލިބުނު ޕެނަލްޓީއަކާ ހިސާބުން މުޅި މެޗު އަފްގާނަށް ގެއްލިގެން ދިޔައީ ކަމަށެވެ. އަދި މެޗުން ބަލިވި ކަމުގައި ވިޔަސް އެއްވެސް ޝަކުވާއެއް ނެތް ކަމަށާއި ފުޓްބޯޅައިގައި ކޮންމެ ވެސް އެއްބަޔަކު ބަލިވާން ޖެހޭނެ ކަން ގަބޫލް ކުރާ ކަމަށް ވެސް ކޯޗް ރޫޓެމޫލާ ބުންޏެވެ.

"މެޗުން ބަލިވީ ލިބުނު ފުރުސަތު ތަކުގެ ބޭނުން ނުހިފި އުޅެނިކޮށް، ފަލަސްތީނަށް ލިބުނު ހިސާބުން. މެޗުން ބަލިވިޔަސް އެއްވެސް ޝަކުވާއެއް ނެތް،" ކޯޗް ރޫޓެމޫލާ ބުންޏެވެ.

އަފްގާން ކޮޅަށް ފަލަސްތީނުން ޖެހި ދެ ލަނޑު ވެސް މިއަދުގެ މެޗުގައި އެ ޓީމަށް ކާމިޔާބު ކޮށްދިނީ ފޯވަޑް އަޝްރަފް އަލްފަވަގްރާ އެވެ.