27 May 2014, 18:52
އެފްސީ ޗެލެންޖް ކަޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލްގައި ކޮންމެ ބަޔަކާ ޖެހުނަސް ހާސްކަމެއް ނެތް ކަމަށް ފަލަސްތީންގެ ކޯޗް ޖަމާލް މަހުމޫދު ބުނެފި އެވެ.
އޭއެފްސީ ޗެލެންޖް ކަޕް ފުޓްބޯޅަ މުބާރާތުގެ ސެމީފައިނަލްގެ ފުރަތަމަ މެޗުގައި މިއަދު ހަވީރު އަފްގާން އަތުން 2-0 ލަނޑުން މެޗް ކާމިޔާބުކޮށް ފައިނަލްގެ ފުރަތަމަ ޖާގަ ކަށަވަރު ކުރި ފަލަސްތީންގެ ކޯޗު މެޗަށްފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ބުނީ، މިއަދުގެ މެޗުގައި ޓީމުން ދެއްކި ކުޅުމާ މެދު ހިތް ހަމަޖެހޭ ކަމަށާއި މިއީ ޓީމަށާއި މުޅި ގައުމަށް ލިބުނުު ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށެވެ. އަދި ފައިނަލްގައި ކޮންމެ ޓީމަކާ ޖެހުނު ކަމުގައި ވިޔަސް އެއްވެސް ހާސްކަމެއް ނެތްކަމަށާއި ދެންތައްޔާރު ވަނީ ފައިނަލް މެޗަށް ކަމަށް ވެސް މަހުމޫދު ބުންޏެވެ.
"މިއީ ޓީމަށް ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއް. މިކާމިޔާބީއާއެކު މާތް ﷲ އަށް ޝުކުރުކުރަން. ޓީމުން ދެއްކީ މޮޅު ކުޅުމެއް. މުބާރާތުގައި ވެސް ޓީމުގެ ފަރާތުން ފެނުނީ މޮޅު ކުޅުމެއް. އަހަރުމެން ދެއް ތައްޔާރު ވާނީ ފައިނަލް މެޗަށް. ފައިނަލް މެޗު ކާމިޔާބު ކުރާން އަހަރުމެން މި ތިބީ ތައްޔާރަށް،" ކޯޗް މަހުމޫދު ބުންޏެވެ.
ގައުމީ ފުޓްބޯޅަ ދަނޑުގައި މިއަދު ހަވީރު ކުޅުނު ފޯރިގަދަ މެޗުގައި އަފްގާން ކޮޅަށް ފަލަސްތީނުން ޖެހި ދެ ލަނޑު ވެސް އެ ޓީމަށް ކާމިޔާބު ކޮށްދިނީ ފޯވަޑް އަޝްރަފް އަލްފަވަގްރާ އެވެ.
މިއީ އޭއެފްސީ ޗެލެންޖު ކަޕުގައި ފަލަސްތީން މި މުބާރާތުގެ ފައިނަލަށް ދަތުރު ކުރި ފުރަތަމަ ފަހަރެވެ. ނޭޕާލުގައި 2012 ވަނަ އަހަރު ބޭއްވި ޗެލެޖު ކަޕުގައި ސެމީގެ ޖާގަ ފަލަސްތީނުން ހޯދި ނަމަވެސް ސެމީގައި އުތުރު ކޮރެއާ އަތުން ބަލިވެ، މުބާރާތުގެ ހަތަރު ވަނަ ފަލަސްތީން އެފަހަރު ހޯދި އެވެ. ޗެލެންޖު ކަޕް ބޭއްވި ފަސް ފަހަރު ތެރެއިން މުބާރާތަށް ފަލަސްތީން ކޮލިފައިންވީ ދެ ފަހަރެވެ.
މުބާރާތުގައި ފަލަސްތީނާ ދެކޮޅަށް ފައިނަލުގައި ނުކުންނާނެ ޓީމެއް ކަށަވަރު ވާނީ ގައުމީ ފުޓްބޯޅަ ދަނޑުގައި މިރޭ 9:00ގައި ފިލިޕީންސް ދެކޮޅަށް ރާއްޖެ ކުޅޭ މެޗުގަ އެވެ.
ޗެލެންޖު ކަޕުގެ ފަހު މުބާރާތުގެ ފައިނަލް މެޗް ކުޅުމަށް ހަމަޖެހިފައި ވަނީ އަންނަ ހުކުރު ދުވަހުގެ ރޭ 9:00ގައި ގައުމީ ފުޓްބޯޅަ ދަނޑުގައެވެ.