މާލެއިން ހުޅުމާލެ ދިޔަ ފެރީއެއް ކޮންޓްރޯލް ނުކުރެވިގެން ގޮސް ހުޅުމާލެ ފެރީޓާމިލަލް ތޮށިގަނޑުގައި ޖެހި ފެރީގައި ތިބި ބައެއް މީހުންނަށް އަނިޔާވެއްޖެ އެވެ.

މިއަދު ހަވީރު ހިނގި އެ ހާދިސާއާ ގުޅިގެން ފެރީން ދަތުރުކުރި ޕަސިންޖަރަކު ސަން އަށް މައުލޫމާތު ދެމުން ބުނީ އެ ހާދިސާގައި ތިން މީހަކު ޒަޚަމްވެފައިވާ ކަމަށާއި އޭގެ ތެރޭގައި ކުޑަ ކުއްޖަކު ވެސް ހިމެނޭ ކަަމަށެވެ. އަދި ތޮށިގަނޑުގައި ޖެހުމުގެ ސަބަބުން ފެރީގައި ހުރި ސައިކަލް ތަކަށް އެކިވަރުގެ ގެއްލުން ލިބިފައިވާ ކަމަށް އޭނާ ބުންޏެވެ.

އެމީހާ ބުނީ ފެރީ ދުއްވަން އިން ކެޕްޓަނާއި ގުޅޭގޮތުން މީގެކުރިން ވެސް ޕަސިންޖަރުން އެމްޓީސީސީގައި ޝަކުވާކޮށްފައިވާ ކަމަށެވެ.

ހުޅުމާލޭ ހޮސްޕިޓަލްގެ އޮފިޝަލަކު ވިދާޅުވީ އެ ހާދިސާގައި ޒަހަމްވި ކުޑަކުއްޖަކާއި ދެ މީހަކަށް އެ ހޮސްޕިޓަލްގައި ފަރުވާދެމުން އަންނަ ކަމަށާއި އެ މީހުންގެ ހާލު ސީރިއަސް ނޫންކަމަށެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ އެކްސިޑެންޓުގެ މައްސަލަ ބަލަމުން އަންނަ ކަމަށެވެ.

މިކަމާ ގުޅޭގޮތުން އެމްޓީސީސީގެ ބަހެއް އަދި ވަނީ ލިބޭގޮތް ނުވެފައެވެ.