ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ކަމުގެ މަގާމަށް ކުރިމަތިލުމުގެ ނިންމުމަށް ބަދަލެއް ނުގެންނަވާ ކަމަށާއި އަދި އޮތް ގޮތުން އެކަން އެ ގޮތަށް ކުރިޔަށް ދާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުޑަހުވަދޫ ދާއިރާގެ މެންބަރު އަދި އެމްޑީއޭގެ ޑެޕިއުޓީ ލީޑަރު އަހުމަދު އާމިރު ވިދާޅުވެއްޖެ އެވެ.

"ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އާމިރު މިއަދު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ކަމުގެ މަގާމަށް ކުރިމަތިލުމަށް ނިންމާފައިވާކަން ހާމަކުރެއްވި އިރު ޕީޕީއެމްގެ ފަރާތުން މަޖިލީހުގެ ނައިބު ރައީސް ކަމުގެ މަގާމަށް މީހަކު ނެރުމާ ގުޅޭ ގޮތުން އެއްވެސް ވާހަކައެއް އާންމުކޮށްފައި ނުވާ ކަމަށެވެ. ޕީޕީއެމުން ވާހަކަދައްކަމުން އައީ ރައީސް ކަމުގެ މަގާމާ ގުޅޭ ގޮތުން އެކަނި ކަމަށް އޭނާ ވިދާޅުވި އެވެ.

"ޕީޕީއެމުން އެއްވެސް އިރަކު ނައިބު ރައީސް ކަމުގެ މަގާމަށް މީހަކު ލުމުގެ ވާހަކައެއް ނުދައްކާ. އެމީހުން ދައްކަމުން މިއައީ ރައީސް ކަމުގައި ހުންނަން ޖެހޭނީ އެ ޕާޓީގެ މީހެއް ކަމަށް. އެހެންވީމަ އަޅުގަނޑު ގަބޫލު ކުރަނީ އަޅުގަނޑުމެންގެ މި ނިންމުން އަނބުރާ ގެންނަން ޖެހޭނެ ސަބަބެއް ނެތް ކަމަށް. އަދި އެބޭފުޅުންވެސް މިއީ މައްސަލައެއް ކަމަށް ނުދެކޭނެ ކަމަށް،" އާމިރު ވިދާޅުވި އެވެ.

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ޕީޕީއެމް އާއި އެކު އެންމެ ފުރަތަމަ ކޯލިޝަން ހެދި އެމްޑީއޭގެ ނައިބު ލީޑަރު ވިދާޅުވީ، ޕީޕީއެމްގެ ރައީސް، ރައީސް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވާ ގޮތުގައި މިފަދަ ކަންކަން ކުރިޔަށް ދާނީ އާންމުކޮށް އަމަލުކުރަމުން އަންނަ އުސޫލުން ކަމަށެވެ. މި ވިސްނުމަށް ބަލާ އިރު، އޭރު ޑީއާރްޕީ ވެރިކަމުގައި އޮތް އިރު މައި ޕާޓީގެ ހައިސިއްޔަތުން ޑީއާރްޕީ އަށް މަޖިލީހުގެ ރައީސްކަން ނެގުމަށް ފަހު ނައިބު ރައީސްކަން ދިނީ ޕީއޭ އަށް ކަން އާމިރު ފާހަގަކުރެއްވި އެވެ.

އެމްޑީއޭގެ ޕީޖީ ގުރޫޕުގެ ލީޑަރުކަން ވެސް ކުރައްވާ، އާމިރު އިތުރަށް ވިދާޅުވީ މަޖިލީހުގެ ނައިބު ރައީސް ކަމަށް ކުރިމަތިލެއްވުމަކީ އެމްޑީއޭގެ ޕީޖީ ގުރޫޕުގެ ވެސް ނިންމުން ކަމަށާއި އެ ގޮތަށް ނިންމީ ކޯލިޝަން ދެމެހެއްޓުމުގެ ވިސްނުމާއި ބައިނަލް އަގުވާމީ މުޖުތަމައުގައި ކޯލިޝަނަށް އޮންނަ އިތުބާރު ވެސް ވަރުގަދަ ކުރުމުގެ މަގުސަދުގައި ކަމަށެވެ.

"އެއް ޕާޓީއެއްގެ ދެމީހުން މަޖިލީހުގެ ރައީސް ކަމާއި ނައިބު ރައީސް ކަމުގެ މަގާމުގައި ތިބުމަށް ވުރެ ދެ ޕާޓީގެ ދެމީހުން ތިބުމުން އިތުބާރު އެބަ ބޮޑުވޭ. ބައިނަލް އަގުވާމީ މުޖުތަމައު ދެކޭގޮތް ވެސް ތަފާތުވޭ. އޭގެ ނަތީޖާއެއްގެ ގޮތުން ކޯލިޝަނަށް ފައިދާތަކެއް ކުރާނެ،" އާމިރު ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމުގެ މަގާމަށް ޕީޕީއެމްގެ ފަރާތުން ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ މަސީހު މުހައްމަދު ނެރެން ނިންމާފައިވާ އިރު، ޖޭޕީގެ ފަރާތުން އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ވަނީ ވާދަކުރައްވަން ނިންމަވައިފަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމުގެ މައްސަލައިގައި ޕީޕީއެމާއި ޖޭޕީއާ ދެމެދު އޮތް ގުޅުން ވަނީ ގޯސް ވެފަ އެވެ. ދެފަރާތުން ވެސް އަންނަނީ އެއްބަޔަކު އަނެއް ބަޔަކަށް ބަހުގެ ހަމަލަތައް ދެމުންނެވެ. ޕީޕީއެމްގެ މުޝްތަޝާރު އަދި ރައީސުލްޖުމްހޫރިއްޔާ އަބްދުއްﷲ ޔާމީން ވިދާޅުވެފައި ވަނީ ގާސިމް ޖެހޭނީ ނަން އަނބުރައި ގެންދަން ކަމަށެވެ. އެހެން ނަމަވެސް ގާސިމް އިބްރާހީމް މިއަދު މެންދުރު ބޭއްވި ނިއުސްކޮންފަރެންސެއްގައި ވިދާޅުވެފައި ވަނީ އޭނާ ނަން އަނބުރައި ގެންދަން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށެވެ. ގާސިމް މަޖިލީހުގެ ރައީސް ކަމަށް ކުރިމަތިލައްވައިފި ނަމަ ޖޭޕީ އާއި ޕީޕީއެމާ ދެމެދު ހަދާފައި އޮތް ކޯލިޝަން އެއްބަސްވުން އެހާހިސާބުން ނިމުމަކަށް އަންނާނޭ ކަމަށް ވެސް ޕީޕީއެމުން ވަނީ ބުނެފަ އެވެ.