ސަރުކާރުގެ ބައެއް ކުންފުނިތަކާއި އަމިއްލަ ބައެއް ފަރާތްތަކާ އެކު އުފައްދާފައިވާ ކޮންސޯޓިއަމް، އެއާޕޯޓް އިންވެސްޓްމަންޓް މޯލްޑިވްސް (އެއިމް) ކުންފުންނަށް 2007 ވަނަ އަހަރު ދޫކުރި ތިން ރަށެއްގެ އެޑްވާންސް ކުލީގެ ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ އާއިލީ މަސްލަހަތު އޮންނަ ކުންފުންޏަކުން ދެއްކި 16.9 މިލިއަން ޑޮލަރުގެ ބަދަލުގައި 112 މިލިއަން ޑޮލަރު (1.7 ބިލިއަން ރުފިޔާ) ހޯދުމަށް ހައި ކޯޓަށް ހުށަހަޅައިފި އެވެ.

ގާސިމްގެ ހަތަރު ބޭފުޅަކާއި ވިލާ ޝިޕިންގެ ހިއްސާ އޮންނަ ޑަބްލިއު އެލްޓީ ޕްރައިވެޓް ލިމިޑެޓުން ދައުލަތާއި އެއިމް ކުންފުންޏާ ދެކޮޅަށް ހައި ކޯޓުގައި މިދިޔަ މަހު ފަހުކޮޅު ދައުވާކުރީ އެއިމް ކުންފުނިން 2007ގައި ޑަބްލިއު ކުންފުންޏަށް ދޫކުރި ތިން ރަށެއް ރިސޯޓް ހެދުމަށް އެވޯޑް ކުރުމަށް ފަހު އެ ރަށްތައް ތަރައްގީ ކުރުމަށް ހަވާލުނުކޮށްގެން ކަމަށް އެ ކުންފުނީގެ ނަމުގައި ހައި ކޯޓަށް ހުށަހެޅި މައްސަލާގައި ބަޔާންކޮށްފައިވެ އެވެ.

ދ. މާފުއްޓާއި ތ. އޮޅުގިރި އާއި ގދ. ރާޅެއޮޑިގެއްލާ 2007 ވަނަ އަހަރު ޑަބްލިއުއެލްޓީ ޕްރައިވެޓް ލިމިޓެޑަށް އެވޯޑް ކުރި އިރު ފިނޭންސް މިނިސްޓަރަކަށް ހުންނެވީ ގާސިމް އިބްރާހީމެވެ.

ހައި ކޯޓަށް ހުށަހެޅި ދައުވާ ފޯމްގައިވާ ގޮތުން އެ މައްސަލަ ހައި ކޯޓަށް ހުށަހެޅީ ޑަބްލިއު އެލްޓީ އިން ސިވިލް ކޯޓަށް ހުށަހެޅި މައްސަލާގައި އެ ކުންފުނިން ބަދަލުގެ ގޮތުގައި ހޯދުމަށް ދައުވާ ކުރި 112.7 މިލިއަން ޑޮލަރު ނަގައި ދެވޭނެ ތަނެއް ނެތް ކަމަށް ހުކުމް ކުރުމުމުންނެވެ. ނަމަވެސް އެ ރަށްތަކުގެ އެޑްވާންސް ކުލީގެ ގޮތުގައި ދައުލަތަށް ދެއްކި 16.9 މިލިއަން ޑޮލަރު ޑަބްލިއު އެލްޓީ އަށް ދޭންޖެހޭނެ ކަމަށް މި އަހަރުގެ ޖެނުއަރީ މަހު އެ ކޯޓުން ވަނީ ހުކުމްކޮށްފަ އެވެ.

ކުރީގެ ބަންޑާރަ ނައިބު ޑރ. ހަސަން ސައީދުގެ ރާއްޖެ ޗެމްބާސް މެދުވެެރިކޮށް ޑަބްލިއު އެލްޓީން ހައި ކޯޓުގައި އެދިފައި ވަނީ އެ ރަށްތައް ހަވާލު ނުކުރުމުގެ ސަބަބުން 2010 އޮކްޓޫބަރު 15ގެ ނިޔަލަށް އެ ކުންފުންޏަށް ލިބުނު ގެއްލުމުގެ ގޮތުގައި 112.7 މިލިއަން ޑޮލަރު އެ ކުންފުންޏަށް ލިބެން ޖެހޭނެ ކަމަށް ނިންމައި ދިނުމަށެވެ. އެ 112.7 މިލިއަން ޑޮލަރަކީ ފައިނޭންސް ކޮސްޓަށްވާ 7.3 މިލިއަން ޑޮލަރާއި ވަކީލުގެ ފީ އާއި ޑިޒައިނިން ފީއަށް ވާ 59،000 ޑޮލަރާއި ދަތުރު ފަތުރާއި އެހެނިހެން ޙަރަދުތަކަށްވާ 7،000 ޑޮލަރާއި އޮޕަޗުނިޓީ ކޮސްޓަށް 105.3 މިލިއަން ޑޮލަރު ކަމަށެވެ.

ޑަބްލިއު އެލްޓީގެ ހިއްސާ ފަހުން ބަދަލުކޮށްފައިވާ ގޮތުން އެ ކުންފުނީގައި ގާސިމްގެ ހަތަރު ބޭފުޅެއްގެ 20 ޕަސެންޓް ހިއްސާ އާއި ވިލާ ޝިޕިންގެ 70 ޕަސެންޓް ހިއްސާ އާއި ސައިރިކްސް އަހުމަދު ޝަރީފްގެ 10 ޕަސެންޓް ހިއްސާ އޮވެ އެވެ.

އެއިމް ކުންފުނީގެ ހިއްސާދާރުންގެ ގޮތުގައި ޑަބްލިއު އެލް ޓީގެ އިތުރުން އެމްޓީސީސީ އާއި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީގެ އިތުރުން އައިލެންޑް އޭވިއޭޝަން ހިމެނެ އެވެ.