27 May 2014, 15:05
ސަރުކާރުގެ ހުއްދަ ނެތި ދީނީ ފަތުވާ ދިން ކަމަށް ބުނެ ޝައިހް އިބްރާހިމް ފަރީދުގެ މައްޗަށް ދައުލަތުން ކުރާ ޖިނާއީ ދައުވާ ކުރިއަށް ގެންދެވޭނީ ޕީޖީ އަކު އައްޔަން ކުރެވުނީމާ ކަމަށް ކްރިމިނަލް ކޯޓުން ނިންމައިފި އެވެ.
ކްރިމިނަލް ކޯޓުން އެގޮތަށް ނިންމީ، ދީނީ ފަތުވާ ދިނުމުގެ ހުއްދަ ބާތިލްކޮށްފައި ވަނިކޮށް ސެޕްޓެމްބަރު، 2007ގައި ބައެއް ރަށްތަކުގައި ޝެއިހް ފަރީދު ދީނީ ފަތުވާ ދިން ކަމަށް ބުނެ ދައުލަތުން ކުރާ ދައުވާގެ ޝަރީއަތުގެ މިއަދު ބޭއްވި އަޑު އެހުމުގަ އެވެ. މިއީ 2011 ވަނަ އަހަރަށް ފަހު އެ މައްސަލާގެ ޝަރީއަތެއް ބޭއްވި ފުރަތަމަ ފަހަރެވެ.
މިއަދުގެ ޝަރީއަތުގެ އަޑު އެހުމާއި ގުޅޭ ގޮތުން ސަން އަށް މައުލޫމާތު ދެއްވަމުން ކޯޓުގެ މީޑިއާ އޮފިޝަލް އަހުމަދު މުހައްމަދު މަނިކު ވިދާޅުވީ، ޝެއިހް ފަރީދުގެ މައްސަލަ މިއަދު ބެއްލެވީ މިހާރު އެ މައްސަލަ ބައްލަވަމުން ގެންދަވާ ގާޒީ ސުޖާއު އުސްމާން ކަމަށެވެ.
އެގޮތުން އެ މައްސަލަ ޕީޖީ އަކު އައްޔަން ކުރެވެންދެން ނުބަލަން ގާޒީ ސުޖާއު ނިންމެވީ، ޕީީޖީ އޮފީހުން އެ މައްސަލަ އަނބުރާ ގެންދިއުމަށް މިއަދުގެ ޝަރީއަތުގެ އަޑުއެހުމުގައި އެދުމުން ކަމަށް އޭނާ ވިދާޅުވި އެވެ.
"ޕީޖީ އޮފީހުން އެ މައްސަލަ އަނބުރާ ގެންދަވަން ނިންމެވީ އެ މައްސަލައިގެ މުއާލާތް ކެނޑި ގިނަ ދުވަސްތަކެއްވެފައި ވުމުން ކަމަށް ވިދާޅުވި. ނަމަވެސް ގާޒީ ވިދާޅުވީ، ގިނަ ދުވަސްވެގެން މައްސަލަ އަނބުރާ ގެންދާ ނަމަ، އަނބުރާ ގެންދަން ޖެހޭ ވަރަށް ގިނަ މައްސަލަތައް ކޯޓުގައި އެބަހުރި ކަމަށް. އަދި އެފަދަ ކަންކަމުގައި ދައުލަތުން ވެސް އަމަލު ކުރަންޖެހޭނީ ހަމަހަމަ އުސޫލަކުން ކަމަށް ގާޒީ ވިދާޅުވި." އަހުމަދު މުހައްމަދު މަނިކު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެ މައްސަލަ ޕީޖީ އަކު އައްޔަން ކުރެވެންދެން ނުބަލަން ގާޒީ ނިންމީ، ދައުވާ އަނބުރާ ގެނައުމާއި ދައުވާ ނުކުރަން ނިންމުން ފަދަ ނިންމުންތައް ޕީޖީއަކު ނެތި ނުނިންމޭނެ ކަމަށް ސުޕްރީމް ކޯޓުން ނެރެފައިވާ އަމުރުގައި ބުނެފައި ވާތީ ކަމަށެވެ.