ބްރަޒީލްގެ ރައީސް ކަމުގެ މަޤާމަށް އިންތިޚާބު ކުރެވިފައިވާ ރައީސާ ދިލްމާ ރޯސެފް ރައީސް ކަމުގެ ޤާނޫނީ ހުވާ ކުރައްވައިފިއެވެ. ޢުމުރުފުޅުން 62 އަހަރުގެ ދިލްމާއަކީ، މަޤާމުން ވަކިވެ ވަޑައިގެންނެވި ރައީސް ލުވިސް ޑިސިލްވާ ގެ ޕާޓީއަށް ނިސްބަތްވެ ވަޑައިގަންނަވާ އޭނާއާ ވަރަށް ގާތްރަޙްމަތްތެރި ބޭފުޅެކެވެ. ރައީސް ކަމުގެ ޤާނޫނީ ހުވާކުރެއްވުމަށްފަހު ޤައުމާ މުޚާތަބުކުރައްވައި ދެއްވި ޚިތާބުގައި ދިލްމާ ވިދާޅުވީ ވެރިކަމުން ވަކިވެ ވަޑައިގެންނެވި ރައީސް ޑިސިލްވާގެ ސިޔާސަތުތައް ވަރަށް މޮޅުކަމަށާއި މިސިޔާސަތުތަކާގެން ކުރިޔަށް ވަޑައިގަންނަވާނެ ކަަމުގައެވެ. ދިލްމާއަކީ ބްރަޒީލްގެ ރައީސްކަމަށް އިންތިޚާބުވެ ވަޑައިގެންނެވި ފުރަތަމަ އަންހެން ޝަޚްސިއްޔަތެވެ. އޭނާއަކީ ޑިސިލްވާގެ ސަރުކާރުގައި ވަޒީރު ކަމުގެ ދެ މަޤާމެއް ފުރުއްވާފައިވާ ބޭފުޅެކެވެ. 2003 ން 2005 ށް އޭނާ ފުރުއްވާފައިވަނީ  ހަކަތައާބެހޭ ވަޒީރުކަމުގެ މަޤާމެވެ. އެއަށްފަހު 2003 ން 2010 ށް ރިޔާސަތާބެހޭ ވަޒީރުކަން އޭނާ ފުރުއްވާފައިވެއެވެ.