27 May 2014, 14:28
ޓެކްސީ ޑްރައިވަރުންނާއި އެނޫން ވެސް އާންމު ދަތުރުފަތުރުގެ ހިދުމަތްދޭ ފަރާތްތަކަށް ފަސްޓް އެއިޑް ޓްރެއިނިންގް ދިނުމުގެ ޕްރޮގްރާމެއް ހިންގުމަށް ޓްރާންސްޕޯޓް އޮތޯރިޓީ އާއި ރެޑް ކްރެޒެންޓް އާ ދެމެދު އެއްބަސްވެ، އެމްއޯޔޫއެއްގައި މިއަދު ސޮއިކޮށްފި އެވެ.
ޓްރާންސްޕޯޓް އޮތޯރިޓީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ އެއްބަސްވުމުގައި ޓްރާންސްޕޯޓް އޮތޯރިޓީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު އޮފް ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭޝަންސް އަމީން އިބްރާހީމް އެވެ. ދިވެހި ރެޑް ކްރެޒެންޓުގެ ފަރާތުން ސޮއިކުރެއްވީ އެ ޖަމިއްޔާގެ ސެކްރެޓަރީ ޖެނެރަލް އަބްދުލްރައްޒާގް އިބްރާހިމް އެވެ.
އެމްއޯޔޫގައި ސޮއިކުރެއްވުމަށް ފަހު ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު އަމީން ވިދާޅުވީ ޓެކްސީ ޑްރައިވަރުންނަށް ފަސްޓް އެއިޑް ނުވަތަ ފުރަތަމަ އެހީ ދިނުމުގެ ޕްރޮގްރާމެއް ހިންގުމަކީ ވަރަށް މުހިންމުކަމެއް ކަމަށާއި އާންމުދަތުރު ފަތުރުގެ ހިދުމަތްދޭ އެންމެންނަށް ވެސް މިފަދަ ކަންކަމާ ބެހޭ ތަމްރީން ލިބިފައި ހުރުން މުހިންމު ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ އެ އެންމެންނަކީ ވެސް ރެޔާއި ދުވާލު ބުރަކޮށް އާންމުންނަށް މުހިންމު ހިދުމަތެއް ދިނުމަށް ބުރަކޮށް މަސައްކަތް ކުރާ ބަޔަކަށްވާ އިރު، އެމީހުންގެ މަސައްކަތްތަކުގައި ކުއްލި ގޮތަކަށް ދިމާވާ ކަންކަމުގައި ދިމާވާ އެކި ކަހަލަ ކަންކަމުގައި ފަސޭހަކަމާއި ރައްކާތެރިކަމާ އެކުގައި ކުރިމަތިލުމުގެ ގާބިލުކަން މި ޕްރޮގްރާމްގެ ސަބަބުން ދަތުރުފަތުރުގެ ކަންކަމުގައި ހަރަކާތްތެރިވާ މީހުންނަށް އެނގިގެންދާނެ ކަމަށެވެ.
ކަމެއް ތަންފީޒުކުރުމަށް އާ ގަވާއިދެއް ހަދައިގެން ނުވަތަ ގަވާއިދެއް ބަދަލުކޮށް އެއަށް އަމަލުކުރުމުގައި ބައެއް ފަހަރު ދަތިތަކާ ކުރިމަތިވާނެ ކަމަށާއި އެގޮތުން ޓެކްސީ ގަވާއިދަށް ވެސް ގެނެވުނު ބަދަލާ އެކު ޓެކްސީ ޑްރައިވަރުންގެ ފަރާތުން ވެސް އެ ގަވާއިދު ތަންފީޒުކުރުމުގައި ލިބެމުންދާ އެއްބާރުލުމަށް މިނިސްޓަރު ޝުކުރު އަދާކުރެއްވި އެވެ. އަދި ރައްޔިތުންގެ ސަލާމަތާ ރައްކާތެރިކަމަށް ކުރެވޭ މިފަދަ މުހިންމު ކަންކަމުގައި ހުރިހާ އެންމެންގެ ފަރާތުން ވެސް އެއްބާރުލުން ދިނުމަށް މިނިސްޓަރު އެދިވަޑައިގެންނެވި އެވެ.
ދިވެހި ރެޑް ކްރެޒެންޓްގެ ސެކްޓްރީ ޖެނެރަލް އަބްދުލްރައްޒާގް އިބްރާހިމް ވިދާޅުވީ އެއީ ދިވެހި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް އެޅުނު ވަރަށް މުހިންމު ފިޔަވަޅެއް ކަމަށެވެ. އަދި ހާދިސާތައް ހިނގާފައިވާ ކުއްލި ހާލަތްތަކުގައި ފުރަތަމަ އެތަނަށް ދާނެ ބަޔަކީ ދަތުރުފަތުރު ކުރާ މީހުންނަށްވާ އިރު އެފަދަ ހާލަތްތަކުގައި ފަސްޓް އެއިޑްގެ ޓްރެއިނިންގް ލިބި ފަރުވާ ދިނުމުގެ ގާބިލުކަން ލިބިފައިވާ ބަޔަކަށް އެމީހުން ވުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ.