އޭޓީއެމް މެދުވެރިކޮށް ފައިސާ ނެގުމުގެ ހިދުމަތް މިއަދުން ފެށިގެން ހިލޭ ދޭގޮތަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ނިންމައިފި އެވެ.

ބީއެމްއެލް އިން މިއަދު ނެރުނު ނޫސްބަޔަނެއްގައި ބުނެފައި ވަނީ ރާއްޖޭގެ އެކި ހިސާބުގައި ބަހައްޓާފައި ހުރި ބީއެމްއެލްގެ ކޮންމެ އޭޓީއެމް އަކުން ވެސް މިއަދުން ފެށިގެން ފައިސާ ނެގުމުގެ ހިދުމަތް ހިލޭ ލިބޭނެ ކަމަށާއި ކުރިން އެ ހިދުމަތަށް ނަގަމުން އައި ދެ ރުފިޔާގެ ފީ މިއަދުން ފެށިގެން ނުނަގާނެ ކަމަށެވެ.

ބީއެމްއެލް އިން އޭޓީއެމް އިން ވިސާ ކްލެސިކް އަދި އެމެރިކަން އެކްސްޕްރެސް ގްރީން ޑެބިޓް ކާޑު ބޭނުންކޮށްގެން ދުވާލަކު 10000 ރުފިޔާ ނެގޭނެ ކަމަށާއި އެމެރިކަން އެކްސްޕްރެސް ގޯލްޑް ޑެބިޓް ކާޑު ބޭނުންކޮށްގެން ދުވާލަކު 15000 ރުފިޔާ އާ ހަމައަށް ފައިސާ ނެގޭނެ ކަމަށް ބީއެމްއެލްގެ ބަޔާނުގައި ބުނެފައިވެ އެވެ.

ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގް ޑިރެކްޓަރު މރ. އެންޑްރޫ ހީލީ އާ ހަވާލާދީ އެ ބޭންކުން ބުނީ އޭޓީއެމް ފީ ވެގެންގޮސްފައި ވަނީ އާންމުންގެ ވަރަށް ބޮޑު ހިތްހަމަ ނުޖެހުމަށް ކަމަށާއި ފީ ނުނަގާ ގޮތަށް ނިންމުމުން ކަސްޓަމަރުންނަށް ރަނގަޅު ހިދުމަތެއް ފޯރުކޮށްދިނުމުގެ އިތުރުން ބޭންކްގެ އިލެކްޓްރޯނިކް ހިދުމަތް ބޭނުންކުރުމަށް ކަސްޓަމަރުންނަށް އިތުރު ބާރަކަށް މިކަން ވެގެންދާނެ ކަމަށެވެ.

ބީއެމްއެލް އިން ވަނީ ދާދިފަހުން މާލޭގައި ބަހައްޓާފައި ހުރި ހުރިހާ އޭޓީއެމްއެއް ޒަމާނީ ފެންވަރުގެ އޭޓީއެމްތަކަކަށް ބަދަލުކޮށްފަ އެވެ.