27 May 2014, 13:57
މެޗްތައް ކުޅޭ ވަގުތުތަކުގައި ފުލުހުން ބަންދުކޮށްފައިވާ ސަރަހައްދުގެ ތެރޭގައި ހުއްދަ ނުނަގައި ވިޔާފާރި ކުރާ ފަރާތްތަކާއި ފޭކް ޓިކެޓްގައި ދަނޑަށް ވަންނަން މަސައްކަތް ކުރާ މީހުން ހުއްޓުވާނެ ކަމަށް ފުލުހުން ބުނެފި އެވެ.
މިރޭ ފިލިޕީންސާ ދެކޮޅަށް ރާއްޖެ ކުޅޭ ސެމީ ފައިނަލް މެޗުގެ ސަލާމަތީ ކަންކަމާ ގުޅިގެން ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ ފޭކް ޓިކެޓްގައި ދަނޑަށް ވަންނަން މީހުން މަސައްކަތް ކުރާނެ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. އަދި އެކަންކަމަށް ފުލުހުން ހާއްސަ ސަމާލުކަމެއް ދޭނެ ކަމަށާއި އަސްލު ޓިކެޓް ނޫން ޓިކެޓުގައި ދަނޑަށް ވަންނަން މަސައްކަތްކުރާ މީހުން ހުއްޓުވާނެ ކަމަށެވެ.
އެފްއޭމުން ބުނެފައި ވަނީ އޭއެފްސީ ޗެލެންޖު ކަޕުގައި ވިއްކާ ޓިކެޓްތަކުގެ ސެކިއުރިޓީ ފީޗާސްތައް ވަރުގަދަވާނެ ކަމަށާއި އެ ޓިކެޓާ އެއް ފެންވަރުގެ ޓިކެޓެއް މިވަގުތު ރާއްޖޭގައި ނުހެދޭނެ ކަމަށެވެ.
ފުލުހުން ބުނީ މެޗުތައް ކުޅޭ ވަގުތުތަކުގައި ބަންދުކޮށްފައިވާ ސަރަހައްދުގެ ތެރޭގައި ވިޔަފާރީގެ ހުއްދަ ނުނަގައި ތަކެތި ވިއްކުން ފަދަ ކަންކަން ކުރާ ނަމަ އެކަންކަން ވެސް ހުއްޓުވާނެ ކަމަށެވެ.
އަދި ކުޅުންތެރިންނާއި އޮފިޝަލުން ގޮވައިގެން މޮޓޯ ކޭޑް ދަތުރުކުރާ އިރު، ފުލުހުން އަންގާ ގޮތެއްގެ މަތިން ރައްޔިތުން އަމަލުތައް ބަހައްޓާ ފުލުހުންނަށް އެއްބާރުލުން ދިނުމަށް ވެސް ވަނީ އިލްތިމާސްކޮށްފަ އެވެ.
ފުލުހުން ބުނީ މިއަދާއި މިރޭ ކުޅުމަށް ހަމަޖެހިފައިވާ ސެމީ ފައިނަލް މެޗްތަކަށް ގެންދިއުމަށް، ކުޅުންތެރިން ގޮވައިގެން މާލޭގެ މަގުތަކުން ދަތުރުކުރާ އިރު އެއްގަމު ދަތުރުފަތުރު ކުރާ ފަރާތްތަކަށް ދަތިތަކެއް ދިމާވި ނަމަވެސް ކެތްތެރިކަމާ އެކު ފުލުހުންނަށް އެއްބާރުލުން ދިނުމަކީ ކުޅުންތެރިންނާއި އޮފިޝަލުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ވަރަށް މުހިއްމު ކަމެއް ކަމަށެވެ. އަދި މޮޓޯ ކޭޑް ދަތުރުކުރާ ވަގުތުތަކުގައި ކޭޑާ އެކު ދަތުރުކުރާ ފުލުހުން އަންގާ ގޮތެއްގެ މަތިން އެމަގުތަކުން ދަތުރުކުރާ ފަރާތްތަކުން އަމަލު ކުރުމަށް ވެސް ފުލުހުން އެދެ އެވެ.
ރައްޔިތުންގެ އެއްބާރުލުން ދިނުމަށް ފުލުހުން އެދިފައި މިވަނީ، އައްޑޫ ސިޓީގައި ކުޅުނު އޭއެފްސީ ޗެލެންޖް ކަޕްގެ މެޗަކަށް ފަހު އަފްގާނިސްތާން ޓީމު ގޮވައިގެން ދަތުރު ކުރަމުންދިޔަ މޮޓޯ ކޭޑްގެ ތެރެއަށް ސައިކަލެއް ވަނުމާއި ގުޅިގެން ހިނގައިދިޔަ އެކްސިޑެންޓުގައި ބައެއް ކުޅުންތެރީންނާއި އޮފިޝަލުންގެ އިތުރުން ފުލުހުންނަށް ވެސް އަނިޔާތަކެއްވުމާއި ގުޅިގެންނެވެ.
ފުލުހުން އަދި ބުނީ މެޗްތައް ކުޅޭ ވަގުތުތަކުގައި ދަނޑު ތެރޭގައި އަދި ދަނޑުން ބޭރުގައި ވެސް ސަލާމަތީ ކަންކަމުގައި ފުލުހުންނަށް އެއްބާރުލުން ދިނުމަށް އެދިފަ އެވެ. އަދި މެޗްތައް ކުޅެމުމުންދާއިރު ސަޕޯޓަރުންގެ ފަރާތުން ކުޅިވަރުގެ ރޫހާއި ހިލާފު އެއްވެސް އަމަލެއް ނުކުރުމާއި ނަސްލީ ތަފާތު ކުރުމާއި ކުޅުންތެރިންނާއި އެކުޅުންތެރިއަކު ނިސްބަތްވާ ޤައުމެއްގެ ކަންތަކާއި ގުޅިގެން އެކިއެކި ބަސްތަކުން ގޮވައި ސަޕޯޓް ނުކުރުމަށް ވެސް އެދިފަ އެވެ.