27 May 2014, 13:14
އޭއެފްސީ ޗެލެންޖް ކަޕް ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލުގައި ފިލިޕީންސްއާ ދެކޮޅަށް ކުޅެ ދިވެހި ގައުމީ ޓީމުން ފުރިހަމަ ކާމިޔާބީއެއް މިރޭ ނެރޭނެ ކަމުގެ ޔަގީންކަން އޮތް ކަމަށް 2011 ވަނަ އަހަރު އިންޑިއާގެ ވެރިރަށް ނިއުދިއްލީގައި އޮތް ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި ދިވެހި ޓީމަށް އިރުޝާދުދިން އެސިސްޓެންޓް ކޯޗު އިސްމާއީލް މަހްފޫޒް (އިންމަ) ބުނެފި އެވެ.
މާޒިޔާގެ ހެޑް ކޯޗް ކަމުގެ މަގާމުގައި ހުރި އިންމަ ސަން އަށް ދިން އިންޓަވިއުގައި ބުނީ، މި ރޭގެ މެޗަކީ ދިވެހި ޓީމަށް ކިތަންމެހާ ވެސް މުހިންމު މެޗެއް ކަމަށާއި މެޗުން މޮޅުވުމަށް ދިވެހި ޓީމުން އެންމެ ފަހު ސިކުންތާ ހަމައަށް ވެސް މަސައްކަތް ކުރާނެ ކަމަށެވެ. އަދި އެ މަސައްކަތުގެ ނަތީޖާ ވަރަށް ފުރިހަމަ ވާނެ ކަމުގެ ޔަގީންކަން އެބޮތް ކަމަށް އިންމަ ބުންޏެވެ.
"މިއީ މުހިންމު މެޗެއް. ފުރިހަމަ ކާމިޔާބީއެއް ދިވެހި ޓީމުން ނެރޭނެ ކަމުގެ ޔަގީންކަން އެބޮތް. މެޗުން މޮޅުވުމަށް ދިވެހި ޓީމުން އެންމެ ފަހު ސިކުތާ ހަމައަށް ވެސް މަސައްކަތް ކުރާނެ." އިންމަ ބުންޏެވެ.
އިންމަ ބުނީ، މިރޭގެ ބޮޑު ހަގުރާމަ އަށް ދިވެހި ޓީމުން ނުކުންނާނީ 12 ވަނަ ކުޅުންތެރިޔާ ފަހަތު ލައިގެން ކަމަށާއި ދިވެހި ޓީމުގައި މިހާރު ތިބި ކުޅުންތެރިނާ މެދު މުޅި ގައުމު ފަހުރުވެރިވާ ކަމަށެވެ. އަދި މިރޭގެ މެޗުގައި ދިވެހިން ހިތް އުފާވާކަހަލަ މޮޅު ކުޅުމެއް ދިވެހި ޓީމުގެ ފަރާތުން ފެންނާނެ ކަމަށާއި ޓީމަށް ސަޕޯޓްކޮށް ހިތް ވަރު ދިނުމަށް ޓަކައި ވީހާ ވެސް ގިނަ ދިވެހި ދަނޑަށް ދިއުން ވަރަށް މުހިންމު ކަމަށް ވެސް އިންމަ ބުންޏެވެ.
ފިލިޕީންސާ ދެކޮޅަށް ރާއްޖެ ކުޅޭ ސެމީ ފައިނަލް މެޗު ފަށާނީ މިރޭ 9:00ގައި ގައުމީ ފުޓްބޯޅަ ދަނޑުގަ އެވެ.