27 May 2014, 13:03
އޭއެފްސީ ޗެލެންޖު ކަޕްގެ ސެމީ ފައިނަލްގައި ފިލިޕީންސާ ދެކޮޅަށް މިރޭ ނުކުންނަ ރާއްޖޭގެ ގައުމީ ޓީމަށް ދިވެހި ސަޕޯޓަރުންނާ އެކު ސަޕޯޓު ކުރުމަށް ޝްރީ ލަންކާގެ މަޝްހޫރު "ޕަޕަރާ ބޭންޑް"އެއް ގެންނަން ހަމަޖައްސާފައިވާ ކަމަށް ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުން ބުނެފި އެވެ.
ނިއުގެ އޮފިޝަލް އިބްރާހީމް ޝާޒު ހަބީބު މިއަދު "ސަން"އަށް ވިދާޅުވީ، ނިއު ކުޅޭ މެޗުތަކުގައި ގަލޮޅުދަނޑުގައި "ފޯރިނަގާ" ލަންކާގެ ޕަޕަރާ ބޭންޑް ގެންނަން ނިންމީ މިރޭ ގައުމީ ޓީމު ކުޅޭ މެޗުގައި ސަޕޯޓަރުންގެ ތެރޭގައި އިތުރަށް "ޖޯޝު" އުފައްދައި "ފޯރި" ގަދަކުރުމަށް ކަމަށެވެ.
"އަޅުގަނޑުމެން ބޭނުންވަނީ ނިއުގެ ފަރާތުން ގައުމީ ޓީމަށް ހަދިޔާއެއް ދޭން. ލަންކާގެ ޕަޕަރާ ބޭންޑް ގެނައުމުގެ ހުރިހާ ކަމެއް މިހާރު ވަނީ ހަމަޖެހިފައި. އެމީހުން މިއަދު މެންދުރު ފަހު ރާއްޖެ އަންނާނެ،" ޝާޒު ވިދާޅުވި އެވެ.
"އަޅުގަނޑުމެންނަށް މިކަމުގައި އެހީތެރިވެ ދެނީ، ސްރީލަންކަން އެއާލައިންސް އާއި މައިލޯގެ ފަރާތުން."
"ޝްރީލަންކަން ޕަޕަރޭ"ގެ ނަމުން މަޝްހޫރު ވެފައިވާ މި ބޭންޑުގައި ތިބެނީ، ޓްރަމްޕެޓް ފުމޭ މީހަކާއި ސިމްބަލް ޖަހާ މީހަކާއި ދެ ޑްރަމަރުންނެވެ.