ހއ. އުތީމުގައި ހުންނަ ބޮޑުތަކުރުފާނުގެ ގަނޑުވަރުގެ ބޮޑު ދިދަ ނަގާ ދަނޑި އަށް ހޮނު އަޅައި ދަނޑި ބިނދިއްޖެ އެވެ.

އުތީމު ކައުންސިލުގެ ނައިބް ރައީސް އަބްދުﷲ ރަޝީދު މިއަދު ސަން އަށް ވިދާޅުވީ، ރޭ އެ ރަށަށް ފަތިހު 4:30 އެހާކަންހާ އިރު ވަރަށް ގަދަޔަށް ގުގުރައި ވިއްސާރަކޮށްފައިވާ ކަމަށެވެ. އަދި އުތީމު ގަނޑުވަރުގައި ހުންނަ ބޮޑު ދިދަ ނަގާ ދަނޑި އަށް ހޮނު އަޅައި ގަނޑުވަރުގައި ހުންނަ ކަރަންޓް ބޯޑު ވެސް ހަލާކުވެފައިވާ ކަމަށެވެ.

"ގަނޑުވަރުގައި ހުންނަ ގާތްގަނޑަކަށް 60 ފޫޓުގެ އެ ދަނޑީގެ ގާތްގަނޑަކަށް މެދުން އިންނަނީ ހަމަ މުގުރައިގެން ގޮސްފައި. މުގުރައިގެން ގޮސް އެބަ ހުރި ދަނޑި ވަށައިގެން 180 ފޫޓު ދުރަށް އެތިކޮޅުތައް ބުރައިގެން ގޮސްފައި،" ރަޝީދު ވިދާޅުވި އެވެ.

މީގެ އިތުރުން ވެސް ރޭ ކުރި ވިއްސާރައިގައި މުޅި ރަށުން ކުޑަވަގުތު ކޮޅަކަށް ކަރަންޓް ގޮސް، ބައެއް އޮފީސް އިމާރާތްތަކަށާއި ގެތަކުގައި ހުންނަ ބައެއް ކަރަންޓް ސާމާނު ވެސް ހަލާކުވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެ އެތަކެތީގެ ތަފްސީލު ނަގަމުން އަންނަ ކަމަށް ވެސް ރަޝީދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، އެ ދަނޑި މަރާމާތު ކުރުމުގެ މަސައްކަތް އެ ގަނޑުވަރު ބެލެހެއްޓުމަށް ޓަކައި ގާއިމުކޮށްފައިވާ ބޮޑުތަކުރުފާނުގެ ހަނދާނީ މަރުކަޒުން ކުރަމުން އަންނަ ކަމަށެވެ.

އެ މަރުކަޒުގެ އެސިސްޓަންޓް ޑިރެކްޓަރު އަބްދުލް ވާހިދު ހަސަން ވިދާޅުވީ، އުތީމު ގަނޑުވަރުގެ ބޮޑު ދިދަ ނަގާ ދަނޑި ބިއްދައިގެން ދިއުމުން އެކަން ޑިޕާޓްމަންޓް އޮފް ހެރިޓޭޖް އަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި އެ މައްސަލަ އިތުރަށް ބެލުމަށް ފުލުހުން ވެސް ހަރަކާތްތެރިވަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.