Last Updated: 1 decade 1 year ago
މިއަދު މެންދުރު ފަހު މާފަންނު ކުނޫޒުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ގާސިމް ވިދާޅުވީ ޕާޓީގެ ގައުމީ ހިންގާ ކޮމެޓީގެ ބައްދަލުވުމެއް މިއަދު 5:30ގައި ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ. އަދި ވިދާޅުވީ ޕީޕީއެމްއާ އެކު އެ ޕާޓީން ވެފައިވާ އެއްބަސްވުން އުވާލެވިދާނެ ކަމަށް އަމިއްލަފުޅަށް ގަބޫލު ނުކުރައްވާ ކަމަށާއި ނަމަވެސް ގޮތެއް ނިންމާނީ ގައުމީ ހިންގާ ކޮމެޓީން ކަމަށެވެ.
"އަޅުގަނޑުމެން އަދި ނުދަންނަވަން[މަޖިލީހުގެ ރައީސް ކަމަށް] ކުރިމަތިނުލާ ވާހަކައެއް. އަޅުގަނޑުމެން ގޯހެއް ހަދައިގެން ތިބި ކަމަކަށް ޕާޓީގެ އެއްވެސް ގުނަވަނަކުން ނުބުނޭ. އަޅުގަނޑު ހިތަކަށް ނާރާ ބުނެފާނެ ކަމަކަށް ވެސް، އަޅުގަނޑުމެން މި ކުރިއަށް ގެންދަނީ ޕާޓީގެ ޑިމޮކްރަޓިކް އުސޫލުތަކާއި ހަމަތަކަށް ބަލައިގެން. އަޅުގަނޑު އަމިއްލަ އަށް ގޮތެއް ނިންމައިގެނެއްނޫން މި އުޅެނީ. އިރާދަކުރެއްވިއްޔާ އެފަދަ ގޮތަކަށް ކަމެއް ނުކުރާނަން. އަޅުގަނޑުމެން ބުނާ އެއްޗެއް ބުނާނީ ވަރަށް ސާފުކޮށް. އެހެންވީމަ މިއަދު 5:30 އަށް ގައުމީ ހިންގާ ކޮމެޓީގެ ބޭފުޅުންނަށް ނޯޓެއް ދީގެން މި އުޅެނީ. އެ ބޭފުޅުން ދެން ގޮތެއް ނިންމީމާ އަޅުގަނޑަށް ވެސް އެނގޭނެތާ އެއިން އެއްޗެއް،" ގާސިމް ވިދާޅުވި އެވެ.
ގާސިމް ވިދާޅުވީ ޕީޕީއެމް އާއި އެ ޕާޓީއާ ދެމެދު ވެފައިވާ އެއްބަސްވުމާ އެއްގޮތަށް ޕާޓީ އަށް ސިޔާސީ މަގާމުތައް ދީފައިނުވާ މައްސަލަ ވެސް މިއަދު ބާއްވާ ގައުމީ ހިންގާ ކޮމެޓީ އަށް ހުށަހަޅުއްވާނެ ކަމަށެވެ.
ގާސިމް އިބްރާހިމް މަޖިލީހުގެ ރައީސް ކަމަށް ކުރިމަތިލައްވައިފި ނަމަ ސަރުކާރު ކޯލިޝަނުން ޖޭޕީ ވަކިވާނެ ކަމަށް ޕީޕީއެމްގެ ކައުންސިލް ވަނީ ބުނެފަ އެވެ. ނަމަވެސް އެ ނިންމުން އެ ޕާޓީ އަށް އަދި ލިބިފައިނުވާ ކަމަށް ޖުމްހޫރީ ޕާޓީން ވަނީ ބުނެފަ އެވެ.
އަޅުގަނޑާ އެއްވެސް މަޝްވަރާކުރުމެއް ނެތި، ފޮނުވީ ސިޓީއެެއް. އެ ސިޓީގައި އޮތީ ތިމަންނަ މެންނަކީ ބޮޑުޕާޓީއޭ.