27 May 2014, 12:47
އިންޑިއާގެ އާ ބޮޑުވަޒީރު ނަރެންދުރާ މޯދީ ހުވާކުރެއްވުމުގެ ރަސްމިއްޔާތާ ގުޅިގެން މީޑިއާގެ ސަމާލުކަމަށް އެންމެ ބޮޑަށް އައި އެއް ކަމަކީ ޕާކިސްތާނުގެ ބޮޑުވަޒީރު ނަވާޒް ޝަރީފު އެރަސްމިއްޔާތަށް ވަޑައިގެންނެވުމެވެ. ޒަމާންވީ މިނިވަން ވީއްސުރެ ދެ ހަތުރުންގެ ގޮތުގައި އޮތް ދެ ގައުމުގެ ވެރިން ރާސްތުރަޕަތީ ބަވަންގައި އެއްތަން ވުންވީ ވަރަށް ތާރީހީ ކަމަކަށެވެ.
މޯދީ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތަށް ފަހު އޭނާ ގެންދަވަނީ އެ ރަސްމިއްޔާތުގައި ބައިވެވަޑައިގެންނެވުމަށް ދިއްލީ އަށް ވަޑައިގެންނެވި ސާކް ގައުމުތަކުގެ ވެރިންނާ ވަކިވަކިން ބައްދަލުކުރައްވަމުންނެވެ. އެގޮތުން ސްރީލަންކާގެ ރައީސް މަހިންދަ ރާޖަޕަކްޝާ އާއި ރާއްޖޭގެ ރައީސް އަބްދުﷲ ޔާމީނާ ވެސް މިހާރު ވަނީ ބައްދަލުކުރައްވާފަ އެވެ. ނަމަވެސް މޯދީ އެންމެ ބޮޑަށް ފާހަގަ ކުރައްވައި، މީހުންގެ ސަމާލުކަމަށް ގެންނަވަން ބޭނުންވެވަޑައިގެންނެވީ ޕާކިސްތާނުގެ ބޮޑުވަޒީރު ނަވާޒް ޝަރީފު އަރިހުގައި ހޭދަކުރެއްވި ވަގުތުކޮޅު ކަމަށް ފެނެ އެވެ.
އެ ވަގުތުކޮޅާ ބެހޭ ވަރަށް ހާއްސަ ވާހަކައެއް އޭނާ ވަނީ ސޯޝަލް މީޑިއާ ފޭސްބުކްގައިވާ ޕޭޖްގައި ލިއުއްވާފަ އެވެ. ލިއުއްވާފައި ވަނީ ދެ ބޭފުޅުން ދެއްކެވި ވާހަކައިގެ ތެރޭގައި ވަރަށް ޖަޒުބާތީ ވާހަކައެއް ޝަރީފު ވިދާޅުވި ކަމަށެވެ.
"ނަވާޒް ޝަރީފުޖީ އަޅުގަނޑު ގާތު ވިދާޅުވީ އޭނާ ދިރިއުޅުއްވަނީ އިސްލާމް އާބާދުގައި ކަމަށާއި އެކަމަކު ކޮންމެ ހަފުތާއަކު ވެސް މަންމާފުޅާ ބައްދަލުކުރައްވަން ވަޑައިގަންނަވާ ކަމަށެވެ. އަދި މިފަހަރު (އެންމެ ފަހުން ވަޑައިގެންނެވި ފަހަރު) މަންމާފުޅު އަރިހުގައި ފަރިއްކުޅުއްވަން އިންނެވި އިރު، އަޅުގަނޑުގެ މަންމަ އަޅުގަނޑަށް ފޮނިކާ އެއްޗެތިދޭ މަންޒަރު ދައްކަމުން ދިޔަ ކަމަށް ވިދާޅުވި އެވެ. އެ މަންޒަރު ފެނުމުން ނަވާޒު ޝަރީފާއި އޭނާގެ މަންމާ ފުޅަށް ވެސް އަސަރު ކުރި ކަމަށް އޭނާ ވިދާޅުވި އެވެ. އޭނާ ވިދާޅުވި އެ މަންޒަރު ފެނިވަޑައިގެންނެވުމުން މަންމާފުޅު ވަރަށް ޖަޒުބާތީ ވެވަޑައިގެން އުޅުއްވި ކަމަށެވެ،" މޯދީ އޭނާގެ ފޭސްބުކް ޕޭޖްގައި ދެބޭފުޅުންގެ ފޮޓޯއެއް ޝާއިއު ކުރައްވަމުން ލިއުއްވާފައިވެ އެވެ.
މޯދީ ލިއުއްވާފައިވާ މިވާހަކަ އިން ދޭހަވަނީ ދެބޭފުޅުންގެ ބައްދަލުކުރެއްވުން ކުރިއަށް ދިޔައީ ވަރަށް އެކުވެރި ރަހުމަތްތެރި ގޮތަކަށް ކަމެވެ. އިންޑިއާ އާއި ޕާކިސްތާނާ ދެމެދު އޮތް ނުތަނަވަސްކަން ކުޑަކުރުމުގައި ދެބޭފުޅުން މަސައްކަތް ކުރައްވާނީ ކިހިނެތް ކަން އޮޅުން ފިލަން އަދި ދުވަސްކޮޅެއް ހޭދަވާނެ އެވެ.