އެއީ މީގެ ފަސް އަހަރު ކުރިއެވެ. އޭއެފްސީ ޗެލެންޖު ކަޕް ފުޓްބޯޅަ މުބާރާތައް ކޮލިފައިވުމަށް ކުޅުނު ފޯރިގަދަ މެޗެވެ. އޭޕްރީލް 16، 2009 ގައި އަމިއްލަ ގައުމުގައި ފިލިޕީންސް އަތުން 3-2 ލަނޑުން ރާއްޖެ ކުރި ހޯދި މެޗެވެ. އެ މެޗުގައި ރާއްޖެ އަށް ލަނޑުތައް ޖަހައިދިނީ މިހާރު ގައުމީ ޓީމުގެ ކެޕްޓަން އަލީ އަޝްފާގް (ދަނގަޑޭ) އާއި މުހުތާރު ނަޝީރު (ޓޫކިލޯ) އަދި އިބްރާހިމް ފަޒީލް (އޮއްޕޮ) އެވެ. މެޗް ކުޅެފައި ވަނީ ގަލޮޅު ރަސްމީ ދަނޑުގަ އެވެ. އެ މެޗުން މޮޅުވެ ތިންޕޮއިންޓު ދިވެހިން ހޯދީ ވެސް ފުރިހަމަ ބާރާ އެކީ އެވެ. އެއީ 12 ވަނަ ކުޅުންތެރިޔާގެ ހިތްވަރާ، ފަންވަރުންނެވެ.

އަވައްޓެރި ލަންކާގައި 2010 ވަނަ އަހަރު އޮތް އެ މުބާރާތައް ރާއްޖެ ކޮލިފައިނުވީ ތުރުކުމަނިސްތާން އަތުން 3-1 ލަނޑުން ބަލިވެ، ރާއްޖެކޮޅަށް ކޮލިފައިން ބުރުގައި ވަދެފައިވާ ގޯލް ގިނަ ވުމުންނެވެ. ގްރޫޕްގެ އެއްވަނަ އެ ފަހަރު ނުވަ ޕޮއިންޓާާ، ފައިދާ 14 ގޯލާއެކު ހޯދައިގެން ކޮލިފައިވީ ވެސް ތުރުކުމެނިސްތާނެވެ. ރާއްޖެއަށް ލިބުނީ ހަ ޕޮއިންޓާއެކު ގްރޫޕްގެ ދެ ވަނަ އެވެ.

އެ ދުވަސްތައް މިއަދު ވަނީ ފުޓްބޯޅައިގެ ތާރީހުތަކަށެވެ. މިފަހަރު ޗެލެންޖުކަޕް ބާއްވަނީ ރާއްޖޭގައެވެ. އޭރު ރާއްޖެ ބަލިކޮށް ގްރޫޕްގެ އެއް ވަނަ ހޯދި ތުރުކުމެނިސްތާން ވެސް މިފަހަރުގެ މުބާރާތުގެ ގްރޫޕް ބީ ފަޅީގައި ވާދަކޮށް ވަނީ ކަޓައިފަ އެވެ. އެކަމަކު ރާއްޖެ ވަނީ ގްރޫޕް އޭ ފަޅިން ދެ ވަނަ ޓީމުގެ ގޮތުގައި ސެމީއަށް ދަތުރު ކޮށްފަ އެވެ. މިއީ ފުޓްބޯޅައިގެ ތާރީހުގައި ރާއްޖެއަށް މި މުބާރާތުގައި ގްރޫޕް ސްޓޭޖު ފަހަނައަޅައި ދެވުނު ފުރަތަމަ ފަހަރެވެ. ދިވެހީންގެ ނަސީބު ދެރައެއް ނޫނެވެ. އަމިއްލަ ގައުމުގައި މުބާރާތް ބޭއްވުމުން ލިބޭ ފަހުރު ވެސް ކިތަންމެހާ ވެސް ބޮޑެވެ.



އޭޝިއާގެ ފުޓްބޯޅައިގެ މައި އިދާރާ އިން މި މުބާރާތް މި އަހަރު ރާއްޖޭގައި ބޭއްވުމަށް ފަހު، ދެން އިތުރަށް މިމުބާރާތް ކުރިއަށް ނުގެންދާނެ އެވެ. އެހެން ކަމުން މުބާރާތުގެ ސެމީ ފައިނަލުގައި މިރޭރޭ ރާއްޖެ ނުކުންނާނީ މީގެ ފަސް އަހަރު ކުރިން ރާއްޖެ ކުރި ހޯދި ފިލިޕީންސާ ދެކޮޅަށެވެ. އެހެން ކަމުން މިރޭގެ މެޗުން މޮޅުވެ ﷲގެ އިރާދައިން ފައިނަލަށް ދަތުރުކޮށް، މުބާރާތުގެ ފަހު ތަށި ދިވެހިންގެ ފަސް ގަނޑުގައި ބަހައްޓަން ލިބޭމީ ފަހު ދަނޑިވަޅެވެ.

ގައުމީ ފުޓްބޯޅަ ދަނޑުގައި މިރޭ 9:00 ގައި ފިލިޕީންސްއާ ދެކޮޅަށް ރާއްޖެ ކުޅޭމެޗަށް މުޅި ދިވެހި ގައުމު ވަނީ ތައްޔާރުވެ، މެޗު ކާމިޔާބު ކުރުމަށް ކެތް މަދުވެފައެވެ. ގައުމުގެ ކުދި ބޮޑު އެންމެންގެ އުންމީދާއި އަމާޒަކީ އެއީ އެވެ. ގައުމީ ޓީމާއި ކޯޗާއި އޮފިޝަލުންގެ ހުރިހާވެސް އުމީދު ގުޅިފައި ވަނީ މިރޭގެ މެޗަށެވެ.

މިރޭގެ ހަނގުރާމައަށް ދިވެހި ގައުމީ ދަރިން ނުކުންނާނީ ބަތޮލުންގެ ގޮތުގައި 12 ވަނަ ކުޅުންތެރިޔާ ފަހަތު ލައިގެންނެވެ.




ފިލިޕީންސާ ދެކޮޅަށް ރާއްޖެ ނުކުތުމުގެ ކުރިން 2009 ވަނަ އަހަރު ފިލިޕީންސް އަތުން ރާއްޖެ ކުރި ހޯދި މެޗުގައި ޓީމަށް ފުރިހަމަ އިރުޝާދު ދިނުމަށް ރެއާ ދުވާލު މަސައްކަތް ކުރި އެސިސްޓެންޓު ކޯޗް އަދި އެފްއޭއެމްގެ ޑައިރެކްޓާ އޮފް އެޓޯލްސް ފުޓްބޯލް އަހުމަދު މުޖްތަބާ (ފެސްކޯ) ވިދާޅުވީ، ދިވެހިން މާދަމާ ނުކުންނާނީ ކުރީގެ ހަނދާންތައް ފޮހެލައި، މުޅިން އާ ހިތްވަރަކާއެކު މެޗުން މޮޅުވެ، ފައިނަލަށް ދަތުރު ކުރުމުގެ އުންމީދާއެކު ކަމަށެވެ. އަދި ދިވެހި ޓީމުގައި މިހާރު ތިބި ކުޅުންތެރިންނަކީ މިޒަމާނުގެ ފުޓްބޯޅައަށް މޮޅަށް ހޭނިފައިވާ، ކާމިޔާބު ހޯދަން ދަންނަ ކުޅުންތެރިން ކަމަށް ފެސްކޯ ވިދާޅުވިއެވެ.

"އޭރު އެކުޅުނު ގޮތަކަށް ނޫން މިހާރު ދިވެހި ޓީމުން ކުޅެނީ. މިހާރުގެ ކުޅުން މާ ފުރިހަމަ. އަދި އެހާމެ މޮޅު. އިދިކޮޅު ޓީމުގައި ރާއްޖޭގެ ކުޅުންތެރިން ބިރުގަންނަ ވަރުގެ ކުޅުންތެރިއެއް ނެތް. މާދަމާ ގެ މެޗަށް ދިވެހި ޓީމުން ނުކުންނާނީ ފުރިހަމަ ބާރާއެކު ދިވެހިންގެ އުންމީދުތައް ހާސިލް ކޮށްދިނުމަށް،" ފެސްކޯ ބުންޏެވެ.

ރާއްޖެއާ ދެކޮޅަށް ނުކުންނައިރު ފިލިޕީންސްގެ ކޯޗު އަދި ކުރީގެ އެމެރިކާ ޓީމުގެ ކެޕްޓަން ތޯމަސް ޑޫލޭ މެޗުގެ ކުރިން އިއްޔެ އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ބުނެފައި ވަނީ، އެ ޓީމަށް އޮތްހާވެސް ޕްރެޝަރަކީ ދިވެހި ސަޕޯޓަރުން ކަަމަށާއި އެހެން ކަމުން އެ ޕްރެޝާ ޓީމަށް އައުން ވަރަށް ގާތް ކަމަށެވެ.