މަސްތުވެގެން ހުރި ކަމަށް ތުހުމަތު ކުރެވޭ މީހަކު އިއްޔެ ޖަލާލުއްދީން މިސްކިތަށް އަރައި، ސަޖިދައަށް ދިޔަގޮތަށް ތެދުނުވެވި އޮތް ކަމަށް ތުހުމަތުކޮށް ފުލުހުން އޭނާ ހައްޔަރުކޮށްފި އެވެ.

ޗާނދަނީމަގު ނިމޭ ސަރަހައްދުގައި ހުންނަ ޖަލާލުއްދީން މިސްކިތަށް މަސްތުވެގެން ހުރި މީހަކު ސަޖިދައަށް ގޮސް ނުތެދުވެ އޮތް ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބުމުން ފުލުހުން އެ މިސްކިތަށް ގޮސް އޭނާ ހައްޔަރު ކުރީ އިއްޔެ އަސުރު ވަގުތުގަ އެވެ. ފުލުހުން ވަނީ "ސަން"އަށް އެކަން ކަށަވަރުކޮށްދީފަ އެވެ.

މަންޒަރު ދުށް މީހުން ބުނީ "މަސްތުވެގެން ހުރި މީހާ" އެ މިސްކިތަށް އަރާފައި ވަނީ އިއްޔެ އަސުރު ނަމާދުގެ ކުރިން ކަމަށާއި އަދި އަސުރު ނަމާދުގައި ސަޖިދައަށް ދިޔަ ގޮތަށް އެ ނަމާދު ނިމުނުތާ އެތައް އިރެއް ފަހުން ވެސް އޭނާ ނުތެދުވެ ސަޖިދައިގައި އޮތް ކަމަށެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ މަސްތުވެގެން ހުރި ކަމަށް ޝައްކު ކުރެވޭ މީހަކު މިސްކިތުގައި އޮއްވައި އިއްޔެ ހައްޔަރުކޮށްފައިވާ ކަމަށެވެ. އެކަމާ ބެހޭ ތަފްސީލެއް ވެސް އަދި އެނާގެ ވަނަވަރެއް ފުލުހުން އާންމެއް ނުކުރެ އެވެ.