28 Mar 2010, 11:33
14:30
ހުދުމުޚުތާރު ވެރިކަމަކަށް ރާއްޖެ ބަދަލުކުރުމަށް މަސައްކަތްކުރާ ފަރާތްތަކާއި، އިޤްތިޞާދީ ކުރިއެރުމަށް ހުރަސްއަޅާ ފަރާތްތަކާއި، ޑިމޮކްރަސީ ފުނޑުފުނޑުކޮށް ހައްދުފަހަނަޅައި ގޮސްފައިވާ ނިޒާމެއް ރާއްޖޭގައި ބިނާކުރުމަށް މަސައްކަތްކުރާ ފަރާތްތަކުގެ މައްޗަށް ކުރިހޯދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ އެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން މިހެން ވިދާޅުވީ، "މޯލްޑިވްސް ޑޯނަރ ކޮންފަރެންސް 2010" އިފްތިތާޙު ކޮށްދެއްވުމުގެ ޖަލްސާގައި، ބަނޑޮސް އައިލެންޑް ރިޒޯޓްގައި މިއަދު ހެނދުނު ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ބައެއް ބަދަލުތައް ގެންނައިރު އަސަރުކުރާނެ ކަމަށާއި، އެހެން ނަމަވެސް އެއީ މިއަދު ކޮންމެހެން ގެންނަންޖެހިފައިވާ ބަދަލުތަކެއް ކަމަށާއި، އަދި ޑިމޮކްރަސީގެ ޅަފަތުގެ ދައުރުގައި ގެންނަމުން މިދާ ބަދަލުތަކަށް ރައްޔިތުންގެ އިތުބާރު ބޮޑުކުރުމަށް އެހީތެރިކަން ބޭނުންވެފައިވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ. އެހެން ނަމަވެސް، ތަރައްޤީއަށް ހުރަސްއަޅާ އިދިކޮޅު ފަރާތްތަކެއް އެބަތިބި ކަމުގައި ވިދާޅުވެ، މި ކޮންފަރަންސަށް ހުރަސްއެޅުމުގެ ގޮތުން މިދިޔަ ހަފްތާގެ ތެރޭގައި އިދިކޮޅު ފަރާތްތަކުން މާލޭގައި ހަރަކާތްތަކެއް ހިންގާފައިވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ. އަދި، ސިޔާސީ ފަރާތްތައް މިހާރަށްވުރެ ބޮޑަށް ތަޞައްރަފު ފުދެންވެއްޖެ ކަމަށާއި، އެބޭފުޅުން އެ ހިންގަވާ ކަންތައްތަކުގެ ސަބަބުން ގެއްލުން ލިބޭނީ، ދިވެހި އެންމެހާ ރައްޔިތުންނަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ހުދުމުޚުތާރު ވެރިކަމަކަށް ރާއްޖެ ބަދަލުކުރުމަށް މަސައްކަތްކުރާ ފަރާތްތަކާއި، އިޤްތިޞާދީ ކުރިއެރުމަށް ހުރަސްއަޅާ ފަރާތްތަކާއި، ޑިމޮކްރަސީ ފުނޑުފުނޑުކޮށް ހައްދުފަހަނަޅައި ގޮސްފައިވާ ނިޒާމެއް ރާއްޖޭގައި ބިނާކުރުމަށް މަސައްކަތްކުރާ ފަރާތްތަކުގެ މައްޗަށް ކުރިހޯދައި، ރައްޔިތުންގެ ދިރިއުޅުން މިހާރަށްވުރެ ރަނގަޅުކުރުމަށް މަސައްކަތްކުރަންޖެހޭ ކަމުގައި ވިދާޅުވި އެވެ.
މި ސަރުކާރުން ވެރިކަމާ ހަވާލުވިއިރު، ރާއްޖޭގެ އިޤްތިޞާދީ ހާލަތު އޮތީ ވަރަށް ދަށަށްގޮސްފައި ކަމަށާއި، ވޯލްޑް ބޭންކުގެ ތަފާސްހިސާބުތައް ދައްކާގޮތުގައި، 1956 ގެ ފަހުން ޑިމޮކްރެޓިކް ބަދަލުތަކެއް އަންނަމުން އައި ޤައުމުތަކުގެ ތެރެއިން އެންމެ ދެރަ އިޤްތިޞާދީ ހާލަތަކާ ކުރިމަތިލާން ޖެހިފައިވަނީ ދިވެހިރާއްޖެއަށް ކަމުގައި ރައީސް ވިދާޅުވި އެވެ. އަދި ކުރިއެރުމަށްޓަކައި ރައްޔިތުންނަށް މިނިވަންކަން ބޭނުންވާ ފަދައިން ވިޔަފާރި ތަރައްޤީވުމަށް ވެސް މިނިވަންކަން ބޭނުންވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ. އެގޮތުން ސަރުކާރުން ގެންދަނީ ރާއްޖެއަށް މާލީ އިޞްލާޙުތަކެއް ގެންނަމުން ކަމަށް ވިދާޅުވެ، އޭގެ ތެރެއިން އެމަނިކުފާނު ފާހަގަކުރެއްވި އެންމެ މުހިންމު ތިން އިޞްލާޙަކީ، ދިގުމުއްދަތުގެ މާލީ ހަމަޖެހުމާއި، ދުޅަހެޔޮކަމަށް ދޭ އަހަންމިއްޔަތު ބޮޑުކުރުމާއި، އަމިއްލަ ވިޔަފާރިއާއި، ޕަބްލިކް ޕްރައިވެޓް ޕާޓްނަޝިޕްގެ ދަށުން ވިޔަފާރި ފުޅާކުރުމާއި، ވިޔަފާރީގައި ސަރުކާރުގެ ދައުރު ކުޑަކޮށް ވިޔަފާރި ކުރިއެރުވުމަށް މަގުފަހި ކުރެއްވުން ކަމުގައި ވިދާޅުވި އެވެ.
ދާދި ފަހުން މީޑިއާގެ ބައެއް ފަރާތްތަކަށް ދިން ހަމަލާތައް ކުށްވެރިކުރައްވަމުން ރައީސް ނަޝީދު ވިދާޅުވެފައި ވަނީ، ގޭންގުތަކުންނާއި އަދި ސިޔާސީ ބޮޑުން އަޑީގައި ތިބެގެން ގޭންގުތައް ލައްވާ މީޑިއާއާ ދެކޮޅަށް ހިންގާ އެފަދަ އަމަލުތައް ހުއްޓުވުމަށް ސަރުކާރުން ފަސްނުޖެހޭނެ ކަމަށެވެ. އަދި އެ ފަރާތްތަކާ މެދު ހަރުކަށި ފިޔަވަޅު އަޅުއްވާނެ ކަމުގެ ޔަގީންކަން ވެސް ރައީސް ނަޝީދު ދެއްވި އެވެ. އަދި މީޑިއާގެ ދައުރު ފުޅާކުރުމުގެ ގޮތުން ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބްރޯޑްކާސްޓްކުރުމާ ބެހޭ ބިލު ފާސްކުރެއްވުމަށް މަޖިލީހުގެ މެމްބަރުންނަށް އެ މަނިކުފާނު ގޮވާލެއްވި އެވެ.
މިވޭތުވެދިޔަ ދުވަސްތަކުގެ ތެރޭގައި ރާއްޖެ، ވަރަށް ބޮޑެތި ކުރިއެރުންތަކެއް ހޯދާފައިވާކަން ފާހަގަކުރައްވަމުން، ރާއްޖޭގެ ރައްޔިތުން މިސަރުކާރަށް ވޯޓްދިނީ، ސިޔާސީ ބަދަލެއް ބޭނުންވާތީ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ. އެހެން ނަމަވެސް، ސަރުކާރަށް ކުރަން ޖެހިފައިވާ ވަރަށް ގިނަ މަސައްކަތްތަކެއް އެބަހުރި ކަމަށާއި، މިހާތަނަށް ހޯދިފައިވާ ކުރިއެރުންތަކާ ދޭތެރޭގައި ހިތްޕުޅުހަމަޖެހިވަޑައިގަންނަވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ.
ރާއްޖޭގެ ސިޔާސީ މަސްރަޙަށް މިއަދު އައިސްފައިވާ ބަދަލުތަކާއި، ރާއްޖޭގެ ރައްޔިތުންގެ ސިޔާސީ ހޭލުންތެރިކަން މިއަދު އިތުރުވެފައިވާ މިންވަރުގެ މައްޗަށް ވެސް ރައީސުލްޖުމްހޫރިއްޔާ ބައްލަވައިލެއްވި އެވެ. ރާއްޖޭގެ ތާރީޚުގައި މީގެކުރިން ދުވަހަކު ވެސް ލިބިފައިނުވާ ފަދަ މިނިވަންކަމެއް، ރާއްޖޭގެ ރައްޔިތުންނަށް މިއަދު ލިބިފައިވާކަން ފާހަގަކުރައްވަމުން، މިއީ ރާއްޖޭގެ ރައްޔިތުން ފަޚްރުވެރިވާނެ ކަމެއް ކަމަށް ވިދާޅުވި އެވެ.