އޭއެފްސީ ޗެލެންޖް ކަޕުގެ ސެމީ ފައިނަލުގައި މިރޭ ރާއްޖެއާ ދެކޮޅަށް ނުކުންނަ ފިލިޕީންސް ޓީމަށް އެންމެ ބޮޑު ނުރައްކަލަކަށް ވާނީ ރާއްޖޭގެ ކެޕްޓަން އަލީ އަޝްފާގު (ދަގަނޑޭ) ކަމަށް ފިލިޕީންސްގެ ކުރީގެ ކޯޗު އަދި ނިއު ރޭޑިއަންޓަށް ކޯޗުކޮށްދިން ސައިމަން މެކްމެނެމީ ބުނެފި އެވެ.

"ސަން" އަށް ދިން އިންޓަވިއުއެއްގައި ސައިމަން ބުނީ، ފިލިޕީންސް ޓީމަށް ދަގަނޑޭ ހުއްޓުވުމަށް އުނދަގޫތަކަކާ ކުރިމަތިވާނެ ކަމަށާއި ފިލިޕީންސްގައި ވެސް ރާއްޖޭގެ ޑިފެންސް ލައިނަށް ނުރައްކާކުރެވޭނެ ކުޅުންތެރިން އެބަ ތިބި ކަމަށެވެ.

"ފިލިޕީންސަށް އޮތް އެންމެ ބޮޑު ނުރައްކަލަކަށް ވާނީ ދަގަނޑޭ. އެވަރުގެ މޮޅު ކުޅުންތެރިއަކާ މެދު ފިލިޕީންސް ނުވިސްނައިފި ނަމަ، އޭގެ ލަނޑު ލިބޭނެ. ފިލިޕީންސުން އެންމެ ބޮޑު މަސައްކަތެއް ކުރަން ޖެހޭނީ އޭނާ ހުއްޓުވަން. ފިލިޕީންސްގެ ސްޓެފަން ޝްރޮކް އަކީ ކޮންމެ ޑިފެންސަކަށް ވެސް ބޮޑު އުނދަގުލަކަށް ވާނެ. އޭނާއާއެކު ފިލް ޔަންގްހަސްބަންޑަކީ ވެސް ހަމަ އެވަރުގެ ކުޅުންތެރިއެއް. މި ދެޓީމުގެ ކޯޗުން ޑިފެންސްކުރަން މަސައްކަތްކުރާ ގޮތް ބަލައިލަން އަހަރެން ބޭނުން،" އޭނާ ބުންޏެވެ.

ސައިމަން ބުނީ، ފިލިޕީންސް ޑިފެންސް ވަރުގަދަ ވިޔަސް، ރާއްޖެ އަށް ފުރުސަތުތަކެއް ލިބޭނެ ކަމަށާއި ރާއްޖޭގެ އެންމެ ބޮޑު ފައިދާ އަކީ ސަޕޯޓަރުން ކަމަށެވެ.

"ކޮންމެ ކަމެއްވެސް ވެދާނެ. ހާއްސަކޮށް ރާއްޖޭގެ ސަޕޯޓަރުންނާއެކު. އެކަމަކު ފިލިޕީންސްގެ ޑިފެންސް ވަރަށް ވަރުގަދަވާނެ. ޑިފެންސިވްކޮށް ފިލިޕީންސުން މަސައްކަތް ކުރި ނަމަވެސް، ރާއްޖެއަށް ފުރުސަތުތަކެއް ލިބޭނެ. މެޗުގައި ތަފާތަކަށް ވާނީ ޓެކްޓިކްސް،" ކުޑަ ދުވަސްކޮޅަކަށް ނިއުގެ ކޯޗުކަން ކުރި ސައިމަން ބުންޏެވެ.

ފިލިޕީންސްގެ ކުރީގެ ކޯޗު އިތުރަށް ބުނީ، މިރޭގެ މެޗަކީ ދެ ޓީމަށް ވެސް ވަރަށް އުނދަގޫ މެޗަކަށް ވާނެ ކަމަށާއި މި މުބާރާތަށް ފިލިޕީންސް ނުކުތީ ވަރަށް ބޮޑަށް ތައްޔާރުވެގެން ކަމަށެވެ.

"މި މެޗަކީ ދެ ޓީމަށް ވެސް ވަރަށް އުނދަގޫ މެޗަކަށް ވާނެ. މި ދެ ޓީމުގައި ހިމެނޭ ކުޅުންތެރިން ވެސް އަހަރެންނަށް ވަރަށް ރަނގަޅަށް އެނގޭ. މި ދެ ސްކޮޑުގެ ތެރެއިން އެންމެ ވަރުގަދަ ސްކޮޑަކީ ޕިލިޕީންސް ކަމަށް އަހަރެން ދެކެނީ. މި މުބާރާތަށް ފިލިޕީންސް ނުކުތީ ވަރަށް ބޮޑަށް ތައްޔާރުވެގެން. ނަމަވެސް ރާއްޖެއަށް ހޯމް އެޑްވާންޓޭޖް އޮންނާނެ،" ސައިމަން ބުންޏެވެ.

އޭއެފްސީ ޗެލެންޖް ކަޕުގެ ސެމީ ފައިނަލުގެ މެޗުތައް މިއަދު ކުޅުމަށް ހަމަޖެހިފައިވާ އިރު، ހަވީރު 4:00ގައި ބައްދަލުކުރާނީ އަފްޣާނިސްތާނާއި ފަލަސްތީނެވެ. އަދި މިރޭ 9:00ގައި ބައްދަލުކުރާނީ ރާއްޖެ އާއި ފިލިޕީންސް އެވެ.