27 May 2014, 11:28
ރާއްޖޭގައި ކުރާ ދޮށީގެ މަސްވެރިކަމާ ބެހޭގޮތުން ތައިލެންޑްގެ ވެރިރަށް ބެންކޮކްގައި ބޭއްވި "އިންފޯ ފިޝް ޓޫނާ ކޮންފަރެންސް" ގައި ރާއްޖެއަށް ދޮށީގެ މަސްވެރިކަމުގައި ބާނާ މަހަށް އިނގިރޭސިވިލާތުގެ މަސްވެރިކަމާބެހޭ ވަރަށްބޮޑު ކުންފުންޏަކުން ޝައުގުވެރިކަން ފާޅުކޮށްފައި ވާ ކަމަށް ކޫއްޑޫ ފިޝަރީޒުން ބުނެފި އެވެ.
ތިމާވެށްޓަށް އެއްވެސް އަސަރެއްނުކުރާ ގޮތަށް ރާއްޖޭގައި ދޮށިން ބާނާ މަހަކީ ހާއްސަ އެއްޗެއްކަން ދުނިޔޭގައި މަސްގަންނަ ފަރާތްތަކަށް އަންގައިދީ އިޝްތިހާރު ކުރުމުގެ ބޭނުމުގައި މިމަހުގެ 21 އިން 23 އަށް ކުރިޔަށް ގެންދިޔަ އެ ސެމިނާއާ ބެހޭގޮތުން ސަން އަށް މައުލޫމާތު ދެއްވަމުން ކޫއްޑޫގެ މެނޭޖިން ޑިރެކްޓަރު އަދްލީ އިސްމާއިލް ވިދާޅުވީ، ވަރަށް ގިނަ ފަރާތްތަކަކުން ރާއްޖޭގައި ދޮށީގެ މަސްވެރިކަމުގައި ބާނާ މަސް ގަތުމަށް ޝައުގުވެރިކަން ފާޅުކޮށްފައި ވާކަމަށެވެ.
އެގޮތުން އެ ސެމިނާގެ ތެރޭގައި ޔޫކޭގެ މަޝްހޫރު ކުންފުންޏަކުން އަހަރަކު 10،000 ޓަނުގެ މަސް ބެނުންވާކަމަށް ކޫއްޑޫ ފިޝަރީޒްގައި ބުނެފައި ވާކަމަށާއި ރާއްޖޭގެ "ޕޯލް އެންޑް ލައިން" ނޫން އެހެން މަހެއް ބޭނުން ނުވާކަމަށް ބުނެފައި ވާކަމަށް ވެސް އަދްލީ ވިދާޅުވި އެވެ.
ދުނިޔޭގައި ބޭއްވޭ އެންމެ ބޮޑު ޓޫނާ ކޮންފަރެންސްގައި ކޫއްޑޫ ފިޝަރީޒް ބައިވެރިވެފައި ވަނީ ހަމައެކަނި ކޫއްޑޫގެ ނަމުގައި ނޫން ކަމަށާއި ކޫއްޑޫއިން ބައިވެރިވެފައި ވަނީ މުޅި ދިވެހިރާއްޖޭގެ މަސްވެރިން ތަމްސީލް ކުރާގޮތަށް ކަމަށް އަދްލީ ވިދާޅުވި އެވެ. އެގޮތުން ކޫއްޑޫގެ ސްޓޯލްގައި ޖަހާފައި ހުންނާނީ "ޕޯލް އެންޑް ލައިން ފްރޮމް މޯލްޑިވްސް" ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ ވެސް ބައިވެރިވެ ވަޑައިގެންނެވި އެ ކޮންފަރެންސްގައި ރާއްޖޭގެ ފަރާތުން ދިވެހި މަސްވެރިއަކު ވެސް ވަނީ ބައިވެރި ކޮށްފައެވެ.