27 May 2014, 11:20
އިންޑިއާ ރާއްޖެއާ ދެމެދު އޮތް ޒަމާންވީ ގުޅުން އިތުރަށް ބަދަހިކުރުމާ ބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާ އަބުދުﷲ ޔާމީނު އަބުދުލްގައްޔޫމާއި އިންޑިއާގެ އާ ބޮޑުވަޒީރު ނަރެންދުރާ ދާމޯދަރުދާސް މޯދީ މަޝްވަރާކުރައްވައިފި އެވެ.
އިންޑިއާގެ މިނިސްޓްރީ އޮފް އެކްސްޓާނަލް އެފެއާޒްގެ ތަރުޖަމާނު ސައްޔިދު އަކުބަރުއްދީން މީގެ ކުޑަ އިރުކޮޅެއް ކުރިން ސޯޝަލް މީޑިއާ ޓްވިޓާގައި ވިދާޅުވެފައި ވަނީ ގުޅުން އިތުރަށް ވަރުގަދަ ކުރުމާ މެދު ދެ ބޭފުޅުން މަޝްވަރާކުރައްވާފައިވާ ކަމަށެވެ.
ބާރަތިޔާ ޖަނަތާ ޕާޓީ (ބީޖޭޕީ)ގެ ލީޑަރު ނަރެންދުރާ މޯދީ އިންޑިއާގެ ބޮޑުވަޒީރުކަމުގެ ހުވާ ކުރެއްވީ އިންޔެ ހަވީރު އެވެ. ދިއްލީގައި ހުންނަ އިންޑިއާގެ ރިޔާސީ ގަނޑުވަރު ރާސްތުރަޕަތީބަވަންގައި އިއްޔެ އޮތް ހުވާކުރުމުގެ ރަސްމިއްޔާތަށް ސައުތު އޭޝިއަން އޯގަނައިޒޭޝަން ފޯ ރީޖަނަލް ކޯޕަރޭޝަން (ސާކް)ގެ ހުރިހާ ގައުމެއްގެ ވެރިން ބައިވެރިވަޑައިގެންނެވި އެވެ.
އިންޑިއާގެ ބޮޑުވަޒީރަކު ހުވާކުރެއްވުމުގެ ރަސްމިއްޔާތަކަށް ސާކް ގައުމުތަކުގެ ވެރިންނަށް ދައުވަތު ދިން މިއީ ފުރަތަމަ ފަހަރެވެ. އިންޑިއާއާ އެންމެ ގުޅުންގޯސް ގައުމުކަމަށްވާ ޕާކިސްތާނުގެ ބޮޑު ވަޒީރު ނާވާޒް ޝަރީފު ވެސް އެރަސްމިއްޔާތުގައި ބައިވެރިވަޑައިގެންނެވި އެވެ.