އޭއެފްސީ ޗެލެންޖް ކަޕުގެ ސެމީ ފައިނަލުގައި މިރޭ ރާއްޖެ އާއި ފިލިޕީންސް ބައްދަލުކުރާ މެޗު އޮލިމްޕަހުގައި ބެލޭނެ އިންތިޒާމު ހަމަޖެއްސެން ނެތް ކަމުގައި ވިޔަސް، މާފަންނު ޓްރެކް ދަނޑާއި މާފަންނު ޔޫތު ސެންޓަރުގައާއި ހެންވޭރު އަޑި ޕާކުގައި މެޗު ބެލޭނެ އިންތިޒާމު ހަމަޖެހިފައި ވާކަމަށް ކުޅިވަރާ ބެހޭ ވުޒާރާއިން ބުނެފި އެވެ.

އޮލިމްޕަހުގައި މެޗު ބެލޭނެ އިންތިޒާމު ހަމަޖައްސާނެ ކަމަށް ކުޅިވަރާބެހޭ ވަޒީރު ކުރިން ވިދާޅުވި ނަމަވެސް، ކުޅިވަރާ ބެހޭ ވުޒާރާގެ ނޫސް ބަޔާނުގައި ވަނީ، އޮލިމްޕަހަކީ ގައުމީ ފުޓްބޯޅަ ދަނޑާ އިންވެގެން ހުރި އިމާރާތަކަށް ވީހިނދު، އޮލިމްޕަހުގައި މެޗު ބެލޭނެ އިންތިޒާމް ސެކިއުރިޓީ ސަބަބުތަކަށްޓަކައި މިހާރު ހަމަނުޖެއްސުމަށް ނިންމާފައިވާ ކަމަށެވެ.

ޗެލެންޖް ކަޕުގައި މިރޭ 9:00 ގައި ރާއްޖެ އާއި ފިލިޕީންސް ބައްދަލުކުރާ ސެމީ ފައިނަލުގެ މެޗު ބެލުމުގެ ފުރުސަތު ލިބިފައި ނުވާ ދިވެހި ސަޕޯޓަރުން އެއްތަނަކަށް އެއްވެ ދިވެހި ޓީމަށް ސަޕޯޓްކުރުމަށް މަގު ފަހި ކޮށްދިނުމުގެ ގޮތުން މާފަންނު ޓްރެކް ދަނޑުގައި ވަގުތުން މެޗު ބެލޭނެ އިންތިޒާމު ހަމަޖެހިފައިވާނެ ކަމުގައި ކުޅިވަރާ ބެހޭ ވުޒާރާއިން ބުންޏެވެ.

މާފަންނު ޓްރެކް ދަނޑުގައި މެޗު ބެލޭނެ އިންތިޒާމު ހަމަޖެހުނީ ކުޅިވަރާ ބެހޭ ވުޒާރާއާއި ތިންކް އެސޯސިއޭޓާއި ހަބް ލައިޓް އެންޑް ސައުންޑް އަދި އެފްއޭއެމް ގުޅިގެން ކުރި މަސައްކަތުން ކަމުގައި ކުޅިވަރާބެހޭ ވުޒާރާއިން ބުންޏެވެ.

ސެމީ ފައިނަލް މެޗުގައި ފިލިޕީންސާ ދެކޮޅަށް ރާއްޖެ ކުޅޭ މެޗު ވީހާ ގިނަ ބަޔަކަށް ބެލޭނެ އިންތިޒާމް ހަމަޖެއްސުމަށް މާލޭގެ އެކިއެކި ސަރަހައްދުތަކުގައި ބޮޑު ސްކްރީން ބަހައްޓަން ކުޅިވަރާ ބެހޭ މިނިސްޓްރީން މަސައްކަތް ފަށައިފައި ވާ ކަން ކުރިން ވެސް ކުޅިވަރާ ބެހޭ މިނިސްޓަރު ވިދާޅުވެފައި ވެއެވެ.