އޭއެފްސީ ޗެލެންޖް ކަޕްގައި މިރޭ ރާއްޖެއާއި ފިލިޕީންސް ވާދަކުރާ ސެމީ ފައިނަލް މެޗުގެ ޓިކެޓް ފިލިޕީންސް ސަޕޯޓަރުންނަށް މިއަދު 12:00 ގައި އަލުން ވިއްކަން ފަށާނެ ކަމަށް އެފްއޭއެމް އިން ބުނެފި އެވެ.

ޕިލިޕީންސް ސަޕޯޓަރުންނަށް އިއްޔެ ވެސް ވަނީ ޓިކެޓް ވިއްކާފައެވެ. ފިލިޕީންސް ސަޕޯޓަރުންނަށް ޓިކެޓް ވިއްކުމަށް ހަމަޖެހިފައި ވަނީ އެ މެޗަށް ދުކުރުމަށް ހަމަޖެހިފައިވާ ޖުމުލަ ޓިކެޓްގެ އަށް ޕަސެންޓަށް ވާ 664 ޓިކެޓެވެ.

އެފްއޭއެމްގެ އޮފިޝަލް ވިދާޅުވީ، ފިލިޕީންސް ސަޕޯޓަރުންނަށް ޓިކެޓް ވިއްކަން ހަމަޖެހިފައި ވަނީ މިއަދު 12:00 އިން ފެށިގެން އެފްއޭއެމް އިން ކަމަށެވެ. އަދި ޓިކެޓް ވިއްކާނީ، ޕިލިޕީންސް ރައްޔިތުން ޕާސްޕޯޓް ނުވަތަ ވޯކް ޕާމިޓް ކާޑު ހިފައިގެން އައުމުން ކޮންމެ މީހަކަށް އެއް ޓިކެޓް ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.

ފިލިޕީންސް ސަޕޯޓަރުންނަށް އިއްޔެ އާއި މިއަދު ޓިކެޓް ވިއްކާ އިރު ދިވެހި ސަޕޯޓަރުންނަށް ވިއްކަން ހުރި ޓިކެޓް އިއްޔެގެ ނިޔަލަށް ވަނީ ވިކި ހުސްވެފައެވެ.

އޭއެފްސީ ޗެލެންޖް ކަޕްގެ ސެމީ ފައިނަލުގައި މިރޭ ފިލިޕީންސް ދެކޮޅަށް ރާއްޖެ ނުކުންނަ އިރު ސެމީ ފައިނަލްގެ އަނެއް މެޗުގައި މިއަދު ހަވީރު ވާދަކުރާނީ އަފްޣާނިސްތާނާއި ފަލަސްތީނެވެ.