27 May 2014, 10:17
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ހާއްސަ ޔުނިޓެއް މިއަންނަ މަހު ގާއިމް ކުރާނެ ކަމަށް އެ ބޭންކުން ބުނެފި އެވެ.
ބީއެމްއެލްގެ އިސް އޮފިޝަލަކު މިއަދު ސަން އަށް ވިދާޅުވީ އެ ޔުނިޓް މިއަންނަ މަހު ގާއިމު ކުރުމުގެ ބޭނުމަކީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ހިންގާ ފަރާތްތަކަށް ބޭންކްގެ ހިދުމަތްތައް ހޯދެއްވުމަށް ފަސޭހަ ގޮތްތަކެއް ތައާރަފްކޮށްދިނުން ކަމަށެވެ.
"މިޔުނިޓް ގާއިމު ކުރެވިގެން ދިޔާމަ ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ކުރައްވާ ފަރާތްތަކަށް އެބޭފުޅުން ގުޅުއްވާނެ ވަކި ހާއްސަ ޔުނިޓެއް ގާއިމް މިވަނީ،" އޮފިޝަލް ވިދާޅުވި އެވެ.
ގައުމީ ބޭންކްގެ އޮފިޝަލް ވިދާޅުވީ އެ ޔުނިޓް ގާއިމު ކުރުމުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރައްވާ ފަރާތްތަކަށް ދޫކުރާ ލޯންތަކާއި އެހެނިހެން ހިދުމަތްތައް ވެސް ދޭނީ އެ ޔުނިޓް މެދުވެރިކޮށް ކަމަށެވެ.
ބޮޑެތި ވިޔަފާރިތަކަށް ހާއްސަކޮށްގެން ބީއެމްއެލްގައި އެފަދަ ޔުނިޓްތައް މިހާރު ވެސް ވަނީ ގާއިމުކޮށްފަ އެވެ.