27 May 2014, 10:09
ފިލްމީ ދާއިރާގެ މަސައްކަތްތަކުގެ އަގުވަޒަން ކުރުމަށް ދޭ ގައުމީ ފިލްމް އެވޯޑް ފަސް އަހަރު ވަންދެން ނުދީ އޮތުމަށް ފަހު އަލުން ދިނުމަށް ނިންމައިފި އެވެ.
ގައުމީ ފިލްމް އެވޯޑު އެންމެ ފަހުން ދީފައި ވަނީ 2008 ވަނަ އަހަރު ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ވެރިކަމުގަ އެވެ. އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެރިކަމުގައި ވަނީ ފިލްމް އެވޯޑް ދިނުން ހުއްޓާލާފަ އެވެ.
ނޭޝަނަލް ސެންޓާ ފޮ ދި އާޓްސް ހިންގުމާ ހަވާލުވެ ހުންނެވި ޔޫތު މިނިސްޓްރީގެ ކޯޑިނޭޓަރު އަބްދުﷲ މުއާޒް (މުއާ) ސަން އަށް މިއަދު ވިދާޅުވީ ގައުމީ ފިލްމް އެވޯޑް އަލުން ދޭން ފެށުމަށް ސަރުކާރުން ނިންމާފައިވާ ކަމަށާއި އެވޯޑު ދިނުމުގެ ރަސްމިޔާތު މި އަހަރުގެ ފަހު ކޮޅުގައި ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ. މިހާރު ކުރެވުމުން ދަނީ އެކަމާ ގުޅޭ އިދާރީ މަސައްކަތްތައް ކަމަށާއި އޭގެ ފަހުގައި ފިލްމް އެވޯޑަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"ގައުމީ ފިލްމް އެވޯޑު ދިނުމަށް ނިންމުމާ ގުޅިގެން އެކަމުގެ ތައްޔާރީތައް މިދަނީ ވަމުން. މި އަހަރުގެ ފަހު ކޮޅުގައި ބޭއްވޭތޯ މަސައްކަތް މި ކުރަނީ. އޭގެ ފަހުގައި ފިލްމްތައް ބައިވެރިކުރުމަށް ހުޅުވާލާނެ." މުއާ ވިދާޅުވި އެވެ.
ގައުމީ ފެންވަރުގައި ދެމުން ދިޔަ ފިލްމް އެވޯޑް 2008 ވަނަ އަހަރުން ފެށިގެން ހުއްޓާލުމާ އެކު ވޭތުވި އަހަރުގެތަކުގައި ފިލްމް އެވޯޑްދީފައި ވަނީ ފިލްމް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިންނެވެ. ފިލްމް އެސޯސިއޭޝަން ބޯޑުގެ ޗެއާމަން އަހަމަދު ސައީދު ސަން އާ ވާހަކަ ދައްކަވުން މިއަދު ވިދާޅުވީ ގައުމީ ފިލްމް އެވޯޑް އަލުން ދިނުމަށް ނިންމުމަކީ ފިލްމީ ދާއިރާ އިތުރަށް ކުރިއެރުމަށް ލިބިގެންދާނެ ހިތްވަރެއް ކަމަށެވެ.
"ގައުމީ ފިލްމް އެވޯޑެއް ދޭން އަލުން ނިންމުމުން އެކަމާ އުފާކުރަން. އޭގެ ސަބަބުން ފިލްމީ ދާއިރާގައި ވާދަވެރިކަން ބޮޑުވެ ފިލްމީ ދާއިރާ އަށް އިތުރު ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށް ފިލްމް އެސޯސިއޭޝަނުން ދެކެން،" ސައީދު ވިދާޅުވި އެވެ.