27 May 2014, 09:54
ސެންޓްރަލް އެފްރިކަން ރިޕަބްލިކްގެ ނަސޯރާއިންނާއި އެ ގައުމުގެ މުސްލިމުންނާ ދެމެދު ނަސްލީ ހަނގުރާމައެއް ހިނގާތާ އަހަރަކަށް ވުރެ ގިނަ ވެއްޖެ އެވެ. އެ ހަނގުރާމައިގައި އެންމެ ބޮޑަށް ބަލި، ނިކަމެތިވީ މުސްލިމުންނެވެ. ވަރަށް ލާއިންސާނީ ގޮތެއްގައި ނަސޯރާއިން މުސްލިމުން މަރައި، ހަށިތައް އަންދައި މަންޒަރު ފެންނަ ވީޑިއޯތަކާއި ފޮޓޯތައް ވަނީ އާއްމުވެފަ އެވެ.
ނަމަވެސް ދެ ދީނުގެ މީހުން ސުލްހަކުރަން ބޭނުންވާ ބަޔަކު ވެސް އެތާނގައި އެބަ ތިއްބެވެ. ދެ ދީނުގެ ދެ ޓީމު ކުޅޭ ފުޓްބޯޅަ މެޗެއް ރޭވީ އެ މީހުންނެވެ. ނަމަވެސް އެ މެޗް ކުޅެން ދަނޑަށް ދިޔަ މަގުމަތީގައި މުސްލިމް ކުޅުންތެރިންނަށް ބަޔަކު ހަމަލާދީ އޭގެ ތެރެއިން ތިން ކުޅުންތެރިން ވަނީ މަރާލައިފަ އެވެ.
މެޗު އިންތިޒާމް ކުރި މީހުންގެ އަދި ސީއޭއާރްގެ މުސްލިމުންގެ ތަރުޖަމާނު އުސްމާން އަކުބަރާ ހަވާލާދީ އަލްޖަޒީރާ ބުނީ މަރާލާފައިވާ ޒުވާނުންގެ ހަށިތަކަށް ބޮޑެތި ގެއްލުންދީފައިވާ ކަމަށެވެ. އެގޮތުން އެ ޒުވާނުންގެ ޖިންސީ ގުނަވަންތައް ކަނޑާލައި މޭފަޅައި ހިތް ވެސް ނަގާފައިވާ ކަމަށް އުސްމާނާ ހަވާލާދީ އެ އެޖެންސީން ބުންޏެވެ.
ނަސޯރާއިންގެ ހަނގުރާމަވެރި ޖަމާއަތުގެ ތަރުޖަމާނު ސެބަސްޓިއަން ވެނަޒޫއީ ވެސް ވަނީ އެ ހާދިސާ ކުށްވެރިކޮށްފަ އެވެ. އޭނާ ބުނެފައި ވަނީ އެ ހާދިސާގައި 10 ޒުވާނަކު ވަގަށް ނަގައިގެން ގެންގޮސްފައިވާ ކަމަށެވެ. އެ ކަން ކުރީ އެ ޖަމާއަތުން ވަކިވެގަނެގެން އުޅޭ ބޯއީ ރާބީ އަވަށުގެ ގްރޫޕަކުން ކަމަށް އޭނާ ބުންޏެވެ.
"އެހެން ކުދިން ވީތަނެއް އަހަރެމެންނަކަށް ނޭނގޭ. އަހަރެމެން މިކަން ވަރުގަދައަށް ކުށްވެރިކުރަން. މިހާރު އަހަރެމެން ސުލްހައަށް މަސައްކަތް ކުރަމުންދާ އިރު އަނެއް ބަޔަކު އެ ދަނީ މީހުން މަރަމުން،" ވެންޒޫއީ ބުނެފައިވެ އެވެ.
ދެ ދީނުގެ މީހުން އެކުވެރި ކުރަން މަސައްކަތް ކުރާ "ކަލެކްޓިފް އާޖެންސް 236ގެ ރައީސް ލަޒާރީ ޖޭދަރު ވިދާޅުވެފައި ވަނީ އެ ހާދިސާގެ ސަބަބުން ކުރި މުޅި މަސައްކަތް ފެނަށް ގޮސްފައިވާ ކަމަށެވެ.
"ހަތް މަސް ދުވަހުގެ މަސައްކަތް މިގެއްލުނީ. އަހަރެން މި މަސައްކަތް ކުރަނީ އެންމެން ވެސް ހަމަޖެއްސޭތޯ. އެކަމަކު އެންމެން ވެސް މިހާރު އެތިބީ ވަރަށް ރުޅި އައިސްފައި. މުސްލިމް ނޫން ޒުވާނަކު ވެސް ވަނީ މަރުވެފައި." ޖޭދަރު ވިދާޅުވެފައި ވެ އެވެ.