ކިޔެވް (މޭ 27) : ޔުކްރޭނާއި ރަޝިޔާއާ ދެމެދު އުފެދިފައިވާ މައްސަލަތައް ހައްލުކުރުމަށްޓަކައި ޔުކްރޭންގެ ރައީސް ކަމަށް އިންތިޚާބު ކުރެވިފައިވާ ބިތްރޯ ބޫރޯޝިންކޯ އާ ސީދާގޮތެއްގައި ވާހަކަތައް ފަށަން ތައްޔާރަށްއޮތްކަން ރަޝިޔާ އިން ހާމަކޮށްފި އެވެ.

ރަޝިޔާގެ ޚާރިޖީ ވަޒީރު ސަރްގީ ލާވްރޯވް ވިދާޅުވީ ތިންވަނަ ފަރާތެއް މެދުވެރިއެއްގެ ގޮތުގައި ހަރަކާތްތެރިނުވެ ބިތްރޯ ބޫރޯޝިންކޯ އާ ސީދާ ގޮތެއްގައި ވާހަކަދައްކަން ރަޝިޔާ ތައްޔާރަށް އޮތްކަމުގަ އެވެ. ޔުކްރޭންގެ ރިޔާސީ އިންތިޚާބު ފެށުމުގެ ކުރިން ރަޝިޔާގެ ރައީސް ވަލްޑިމޭރު ޕޫޓިން ވަނީ އެއިންތިޚާބަށް އިހްތިރާމް ކުރައްވާ ކަމަށާ ޔުކްރޭންގެ ރައްޔިތުން އެގައުމުގެ ވެރިކަމަށް އިންތިޚާބުކުރާ ލީޑަރަކާ ވާހަކަދެއްކުމަށް ރަޝިޔާ ތައްޔާރަށްއޮތްކަން ހާމަ ކުރައްވާފަ އެވެ. މިކަމާބެހޭ ގޮތުން އިތުރަށް ވާހަކަ ދައްކަވަމުން ރަޝިޔާގެ ޚާރިޖީ ވަޒީރު ސަރްގީ ލާވްރޯވް ވިދާޅުވީ ޔުކްރޭންގެ އިންތިޚާބީ ލީޑަރުންނާ ވާހަކަ ދެއްކުމަށް ރަޝިޔާއަށް މެދުވެރިން ބޭނުންނުވާ ކަމަށާ ޔުކްރޭންގެ ރިޔާސީ އިންތިޚާބަށްފަހު ދެގައުމުގެ ދެމެދުގައި ސީދާގޮތެއްގައި ވާހަކަތައް ފެށުމަށް މިހާރު މަގުފަހިވެފައިވާ ކަމުގަ އެވެ. މިއީ ރަޝިޔާއާއި ޔުކްރޭނާ ދެމެދު ސުލްހައިގެ ވާހަކަތައް ކުރިޔަށްގެންދިޔުމުގައި އެމެރިކާ ނޫނީ ވިލާތުގެ އިއްތިޙާދުން މެދުވެރިއެއްގެ ބައި އަދާކުރަން ރަޝިޔާ ބޭނުންނުވާކަމުގެ އިޝާރާތެއްކަމަށް މުރާސިލުން ދެކެ އެވެ.

ޔުކްރޭންގައި މިދިޔަ އާދީއްތަ ދުވަހު ބޭއްވި ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވީ އެގައުމުގެ ވިޔަފާރި ވެރިއެއް ކަމަށްވާ ބިތްރޯ ބޫރޯޝިންކޯ ކަން ވަގުތީ ނަތީޖާއިން ވަނީ ކަށަވަރުވެފަ އެވެ. އިންތިޚާބު ކާމިޔާބު ކުރެވުނުކަން ކަށަވަރުވުމާ އެކު ދެއްވި ބަޔާނެއްގައި ބޫރޯޝިންކޯ ވަނީ އޭނާގެ ވެރިކަމުގައި އެންމެ ބޮޑު އިސްކަމެއް ދެއްވާނީ ޔުކްރޭންގެ އިރުމަތީ ސަރަހައްދުތަކުގައި ވަކިވެގަތުމަށް މަސައްކަތްކުރާ ސިޔާސީ ފަރާތްތަކާ ވާހަކަ ދައްކައިގެން ޔުކްރޭނަށް އެއްބައިވަންތަކަމާއި ހަމަޖެހުމާއި ސުލްޙަ ގެނައުމަށާ އަދި ރަޝިޔާއާއި ޔުކްރޭންގެ ގޯސްވެފައިވާ ގުޅުންތައް ރަނގަނޅު ކުރުމަށް ކަމަށް ވިދާޅުވެ ވާހަކަ ދައްކަވާފަ އެވެ. ނަމަވެސް ހަތިޔާރު ބޭނުންކޮށްގެން ޔުކްރޭންގެ ސަލާމަތީ ބާރުތަކަށް ޙަމަލާތައްދޭ ހަތިޔާރުއެޅި ފަރާތްތަކާ މަޝްވަރާ ނުކުރައްވާނެ ކަމަށާއި އެފަރާތްތަކަކީ ޓެރަރިސްޓުން ކަމަށްވެސް ބޫރޯޝިންކޯ ވަނީ ވިދާޅުވެފަ އެވެ.
ޔުކްރޭންގެ ރިޔާސީ އިންތިޚާބުގައި 21 ކެންޑިޑޭޓަކު ވާދަކުރެއްވި އިރު ބޫރޯޝިންކޯ އަށް 56 އިންސައްތަ ވޯޓު ލިބިވަޑައިގެންފައިވާކަން ވަގުތީ ނަތީޖާތަކުންވަނީ ހާމަވެފަ އެވެ. ބޫރޯޝިންކޯ އާ އެންމެ ގާތުން ވާދަކުރެއްވި ޔުކްރޭންގެ ކުރީގެ ބޮޑުވަޒީރު ޔޫލިޔޯ ތިމޮޝިންކޯއަށް ލިބިވަޑައިގެންފައި ވަނީ 13 އިންސައްތަ ވޯޓެވެ. ދެންތިއްބެވި ކެންޑިޑޭޓުންގެ ތެރެއިން އެއްވެސް ބޭފުޅަކަށް 10 އިންސައްތަ ވޯޓުވެސް ލިބިވަޑައިގެންފައިނުވާކަން ވަގުތީ ނަތީޖާތަކުން ވަނީ ހާމަވެފަ އެވެ. (ނޫސްއެޖެންސީތައް)