27 May 2014, 09:19
އަބޫޖާ (މޭ 27): ނައިޖީރިޔާގެ ހައްދުފަހަނަޅާފައިވާ ޖަމާއަތެއް ކަމަށްވާ ބޫކޫ ހަރާމް ޖަމާއަތުން ވަގަށްނަގާފައިވާ 200 އަށްވުރެ ގިނަ އަންހެންކުދިން ހައްޔަރުކޮށްފައިވާތަން މިހާރު ދެނެގަނެވިފައިވާ ކަމަށް ނައިޖީރިޔާ ސިފައިންގެ ވެރިޔާ އެއާ މާޝަލް އެލެކްސް އެސް ބާދާ ވިދާޅުވެއްޖެ އެވެ.
ނައިޖީރިޔާގެ ޚަބަރުފަތުރާ ވަސީލަތްތަކަށް ދެއްވި ބަޔާނެއްގައި ބާދާ ވިދާޅުވީ ވަގަށްނަގާފައިވާ އަންހެންކުދިން މިނިވަން ކުރުމަށް ކުރެވެންއޮތްހާ ކަމެއް ކުރަމުން ގެންދާކަމަށާއި ނަމަވެސް އެކުދިން ހައްޔަރުކޮށްފައިތިބޭ ތަނަށް ޙަމަލާދީ ބާރުގެ ބޭނުންކޮށްގެން އެކަންކުރަން ކުރުމުގެ ވިސްނުމެއް ނެތް ކަމުގަ އެވެ. ބާރުގެ ބޭނުން ނުކުރަނީ އެކަންކޮށްފި ނަމަ ބޫކޫ ހަރާމްގެ ހަނގުރާމަވެރިން، އެ އަންހެންކުދިންތައް މަރާލަފާނެ ކަމުގެ ބިރު އޮތުމުން ކަމަށްވެސް ނައިޖީރިޔާ ސިފައިންގެ ވެރިޔާ ވިދާޅުވި އެވެ. ވަގަށްނަގާފައިވާ އަންހެންކުދިން މިނިވަންކުރުމާ ބެހޭ ގޮތުން ނައިޖީރިޔާ ސަރުކާރުން އެކުލަވާލާފައިވާ ޕްލޭނެއް އިއްޔެ ކެންސަލް ކޮށްފައިވާ ކަމަށް ރޮއިޓާސް ޚަބަރުދެ އެވެ. މިޕްލޭން ބިނާވެފައި ވަނީ ވަގަށް ނަގާފައިވާ އަންހެންކުދިން މިނިވަން ކުރުމަށްޓަކައި ނައިޖީރިޔާގެ ޖަލުތަކުގައިވާ ބޫކޫ ހަރާމް ޖަމާއަތައް ނިސްބަތްވާ ހަނގުރާމަވެރިންގެ ތެރެއިން ބައެއްމީހުން މިނިވަން ކުރުމުގެ މައްޗަށް ކަމަށްވެ އެވެ.
މި ޕްލޭން ކެންސަލްކުރީ ބޫކޫ ހަރާމް ޖަމާއަތާ އެއްވެސް މުއާމަލާތެއް ނުކުރުމަށާއި އެޖަމާއަތުގެ ހަނގުރާމަވެރިންނަށް އެއްވެސް ދުލެއް ނުދިނުމަށް ނައިޖީރިޔާ ސަރުކާރުން ގެންގުޅޭ ސިޔާސަތުތަކުގެ ދަށުން ކަމަށް އެގައުމުގެ މަސްއޫލުވެރިއަކު ވަނީ ވިދާޅުވެފަ އެވެ. ބޫކޫ ހަރާމް ޖަމާއަތަކީ ނައިޖީރިޔާގައި އިސްލާމީ ޝަރީޢަތް ގާއިމް ކުރުމުގެ ނަމުގައި އިސްލާމް ދީނާ މުޅިން ޚިލާފު އަމަލުތަކެއް ހިންގަމުން ގެންދާ ހައްދުފަހަނަޅާފައިވާ ޖަމާއަތެކެވެ.
ބޫކޫ ހަރާމް ޖަމާއަތުގެ ހަނގުރާމަވެރިން ހިންގަމުންގެންދާ މީހުން މެރުމުގެ އަމަލުތަކާއި އެނޫންވެސް އެޖަމާއަތުން ހިންގަމުން ގެންދާ އިސްލާމްދީނުގައި ހަރާމް ކުރައްވާފައިވާ ނުބައި އަމަލުތައް ނައިޖީރިޔާގެ މުސްލިމުން ވެސް ގެންދަނީ ކުށްވެރި ކުރަމުންނެވެ. އަދި ނައިޖީރިޔާގެ އިސްލާމީ ބައެއް އިލްމުވެރިން ވަނީ ހަރުކަށި އަމަލުތައް ދޫކޮށްލުމަށް ފަހު ތަވްބާވެ އިސްލާމް ދީނަށް އަލުން ރުޖޫއަވުމަށް ވެސް އެޖަމާއަތުގެ މެންބަރުންނަށް ގޮވާލައްވާފަ އެވެ. (ނޫސްއެޖެންސީތައް)