Last Updated: 1 decade 1 year ago
ޕީޕީއެމްގެ އޮފީހުގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޕާޓީގެ ނައިބު ރައީސް އަދި ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބު ވިދާޅުވީ އެގޮތަށް ފާސްކޮށްފައި ވަނީ މިރޭ ބޭއްވީ ޕީޕީއެމްގެ ކައުންސިލްގެ ހުރިހާ މެމްބަރުންގެ އިއްތިފާގުން ކަމަށެވެ.
އަދީބު ވިދާޅުވީ އެގޮތަށް ނިންމުމުގެ ކުރިން ޖުމްހޫރީ ޕާޓީއާއެކު ލިޔުމުން މަޝްވަރާ ކުރައްވާފައިވާނެ ކަމަށާއި އެ ޕާޓީން އެކަމަށް އެއްބަސްވެފައި ނުވާ ކަމަށެވެ.
"އެ އެގްރީމެންޓް ބާތިލްވުމާ އެކީގައި ދެން ކޯލިޝަނެއް ނޯންނާނެ. އެ ހިސާބުން ޕީޕީއެމުން އަންގާނެ ސަރުކާރަށް ޕީޕީއެމަށް ހުރިހާ މަގާމްތަކެއް އަނބުރާ ދިނުމަށް،" އަދީބު ވިދާޅުވި އެވެ.
މަޖިލީހުގެ ރައީސްކަމުގެ މަގާމް ޖުމްހޫރީ ޕާޓީއަށް ދިނުމަށް ކޯލިޝަން އެއްބަސްވުމުގައި ހިމަނާފައި ނުވާނެ ކަމަށާއި މަޖިލިސް އިންތިޚާބުގައި އެންމެ ގިނަ ގޮނޑިތައް ލިބުނީ ޕީޕީއެމަށް ކަމަށް ވާތީ މަޖިލީހުގެ ރައީސް ކަމުގެ މަގާމު އެ ޕާޓީއަށް ލިބެން ޖެހޭނެ ކަމަށް ވެސް އަދީބު ވިދާޅުވި އެވެ.
މަޖިލީހުގެ މަޖިލީހުގެ ރައީސް ކަމަށް ޕީޕީއެމްގެ ކެންޑިޑޭޓަކު ނެރޭގޮތަށް ޖުމްހޫރީ ޕާޓީން އެއްބަސްވެއްޖެނަމަ ނާއިބް ރައީސްކަން އެ ޕާޓީއަށް ދިނުމަށް ޕީޕީއެމް އޮތީ ތައްޔާރަށް ކަމަށް އަދީބު ވިދާޅުވި އެވެ.
ނޫސްވެރިންނާ ވާހަކަދައްކަވަމުން އެޕާޓީގެ ނާއިބް ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ކޯލިޝަންގެ ބައިވެރިއެއްގެ ގޮތުގައި ޖުމްހޫރީ ޕާޓީ އޮވެ، މަޖިލީހުގެ ރައީސްކަން ހޯއްދަވަން އެމްޑީޕީއާ މަޝްވަރާ ކުރެއްވުމަކީ ކޯލިޝަންގެ އެއްބަސްވުމާ އެ ޕާޓީން ޚިލާފުވުން ކަމަށެވެ.
ޕީޕީއެމްގެ ފަރާތުން މަޖިލީހުގެ ރައީސް ކަމަށް ކުރިމަތިލައްވަނީ ފުވައްމުލަކު ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ މަސީހު މުހައްމަދެވެ. އަދި ނާއިބް ރައީސްކަމަށް އެ ޕާޓީން ނެރޭ ބޭފުޅަކީ ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ އެވެ.
އާ މަޖިލީހަށް ރައީސަކާއި ނައިބު ރައީސަކު ހޮއްވަވާނީ ބުދަ ދުވަހު ބާއްވާ މަޖިލީހުގެ ޖަލްސާގަ އެވެ.