ލިވަޕޫލްއާ އެކު ހަދާފައިވާ އެއްބަސްވުން އެ ކްލަބުގެ ކޯޗު ބްރެންޑަން ރޮޖާސް އާކޮށްފި އެވެ.

ރޮޖާސް މި ފަހަރު ލިވަޕޫލަށް ސޮއިކުރީ ދިގު މުއްދަތެއްގައި އެ ކްލަބުގެ ކޯޗުކަމުގައި ހުރުމަށެވެ. މި ކޮންޓްރެކްޓްގައިވާ ގޮތުން ރޮޖާސްއާ އެކު އެކްލަބުން ހަދާފައިވާ އެއްބަސްވުން ނިމުމަކަށް އަންނާނީ 2018 ވަނަ އަހަރު އެވެ. ރޮޖާސްގެ ކޮންޓްރެކްޓް އާކުރުމަށް ލިވަޕޫލް އިން ކުރިން މަސައްކަތް ކުރި ނަމަވެސް، ރޮޖާސް އޭރު ބުނީ ފަހުން ސީޒަން ނިމުމުން ޖަވާބެއް އަރުވާނެ ކަމަށެވެ.

"މިފަދަ ވަރުގަދަ ކްލަބަކުން އަހަރެން ހަދާފައިވަ ކޮންޓްރެކްޓް އާކޮށް، ފުރުސަތު ލިބުމުން ވަރަށް އުފާކުރަން. ނިމިގެން ދިޔަ ދެ އަހަރު ދުވަހު އަހަރެމެން ބިނާ ކުރަމުން ދިޔަ ފައުންޑޭޝަންގެ މަސައްކަތް އިތުރަށް ކުރިއަށް ގެންދަން އަހަރެން މިހިރީ ތައްޔާރަށް. އިތުރު ކާމިޔާބީ ހޯދުމަށް ގިނަ މަސައްކަތެއް ކުރަން ޖެހޭނެ. ނަމަވެސް އެއީ ވަރަށް އުނދަގޫ މަސައްކަތަކަށް ވާނެ،" ލިވަޕޫލްގެ ރަސްމީ ވެބްސައިޓަށް ދިން އިންޓަވިއުއެއްގައި ރޮޖާސް ބުންޏެވެ.

ލިވަޕޫލްއާ އެކު ރޮޖާސް ހަދާފައިވާ ކޮންޓްރެކްޓް އާކުރުމުން ލިވަޕޫލްގެ ވެރިޔާ ޖޯން ހެންރީ ބުނީ، ކުޅުންތެރިންނާއި ސަޕޯޓަރުން ވެސް ބޭނުން ވަނީ ކްލަބުގެ ކޯޗުކަމުގައި ރޮޖާސް ބަހައްޓަން ކަމަށެވެ.

"އަހަރެމެންގެ ހިތުތެރޭގައި އޮތީ ރޮޖާސް. ލިވަޕޫލް އަށް ރިޖާސް ކޮށްދެމުން އެ ދަނީ ވަރަށް މުހިންމު މަސައްކަތެއް. މި ސީޒަނުގައި އޭނާ ކުރަން ނިންމު ކަންތައް އޭނާ ވަނީ ފުރިހަމަކޮށްފައި. ކުޅުންތެރިންނާއި ސަޕޯޓަރުން ބޭނުންވަނީ ކްލަބުގެ ކޯޗެއްގެ ގޮތުގައި ރޮޖާސް ބަހައްޓަން." ލިވަޕޫލްގެ ވެރިޔާ ބުންޏެވެ.