އިންޑިއާގެ އުތުރުގައިވާ އުއްތަރު ޕްރަދޭޝް ސްޓޭޓްގެ ވެރިރަށް ލަކަނޫގެ ކައިރީގައި މިއަދު ހަވީރު ހިނގި ރޭލު އެކްސިޑެންޓެއްގައި 40 އަށް ވުރެ ގިނަ މީހުން މަރުވެ އެތައް ބަޔަކު ޒަހަމް ވެއްޖެ އެވެ.

އެސޯސިއޭޓެޑް ޕްރެސް (އޭޕީ) ބުނީ ލަކަނޫގެ ކައިރީގައިވާ ސާންތު ކަބީރު ނަގަރުގެ ރެއިލްވޭ ސްޓޭޝަން ކައިރީގައި ހިނގި އެ ހާދިސާގައި ދުއްވާފައި ދިޔަ ރޭލެއް، މަޑުކޮށްފައި އޮތް ރޭލެއްގައި ޖެހުނު ކަމަށެވެ. އަދި ބުނީ ދުއްވާފައި ދިޔަ ރޭލުގެ ހަ ކާރެއް ( ކޮމްޕާޓްމެންޓެއް) ރޭލު ދަގަނޑު މަތިން ކައްސައިލި ކަމަށެވެ.

ރޭލު އެކްސިޑެންޓްވީ އިރު ސްޓޭޝަން މެނޭޖަރަކަށް ހުރި މީހާ ހޯދަން ކަމާ ބެހޭ ފަރާތްތަކުން މިހާރު އަންނަނީ މަސައްކަތް ކުރަމުންނެވެ. ހާދިސާ ހިނގަން މެދުވެރިވި ސަބަބު ހޯދަން ފުލުހުން މިހާރު އަންނަނީ މަސައްކަތް ކުރަމުންނެވެ.

އެކްސިޑެންޓް ހިނގި ދެ ރޭލުގެ ތެރެއިން ދުއްވާފައި ދިޔަ ރޭލުގެ ޑްރައިވަރު ވެސް މިހާރު ވަނީ މަރުވެފަ އެވެ. އޭނާ މަރުވީ ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށެވެ.