ދިވެހިރާއްޖޭގެ ދެ ވަނަ ރައީސް އިބްރާޙިމް ނާސިރުގެ ފުރަތަމަ އަނބިކަނބަލުން ހ. ސޯސަންގެ އައްނަބީލާ އައިޝަތު ޒުބައިރު (ތުއްތު ދޮންގޮމަ) އަވަހާރަވެއްޖެ އެވެ. ތުއްތު ދޮންގޮމަ އަވަހާރަވީ އައިޖީއެމް ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާދެއްވަނިކޮށް މިއަދު ހަވީރުގެ ވަގުތެއްގަ އެވެ. އެކަމަނާ އަވަހާރަވީ އުމުރުފުޅުން 91 އަހަރުގަ އެވެ. ތުއްތު ދޮންގޮމަގެ އާއިލާގެ ބޭފުޅުން ވިދާޅުވި ގޮތުގައި އެކަމަނާ އަވަހާރަވީ މުސްކުޅި ބަލީގަ އެވެ. އަދި ވަރަށް ފަހަކާ ޖެހެންދެން ވެސް ހިނގައިބިގާވެ އުޅުއްވި އެވެ. ތުއްތު ދޮންގޮމައާ ރައީސް ނާސިރު ކައިވެނި ބައްލަވައިގަތީ އެމަނިކުފާނު ވެރިކަމަށް ވަޑައިގަތުމުގެ ކުރިންނެވެ. އެއީ 1950 ވަނަ އަހަރު އެވެ. އެ ބޭފުޅުން ކައިވެނި ބައްލަވައިގެން ލިބިވަޑައިގެންފައި ވަނީ އަހުމަދު ނާސިރެވެ. ތުއްތުދޮންގޮމަ އެހެން ބޭފުޅަކާ ކައިވެނިބައްލަވައިގެން އަންހެން ބޭކަނބަލަކު ވެސް ލިބިވަޑައިގެންފައިވެ އެވެ. އެއީ ސައުސަން ލުތުފީ އެވެ. ތުއްތު ދޮންގޮމަ އަވަހާރަވި އިރު، މާމަ ވިދާޅުވާ ފަސް ބޭފުޅުން ދުނިޔޭގައި އެބަތިއްބެވި އެވެ. އެއީ ރައީސް ނާސިރަށް ކާފަ ވިދާޅުވާ ތިން ބޭފުޅުންނާއި ސައުސަންގެ ފަރާތުން ލިބިވަޑައިގެންފައިވާ ދެ ބޭފުޅުންނެވެ. ތުއްތު ދޮންގޮމަގެ ކަށުނަމާދު އޮންނީ މިރޭ އާ ސަހަރާ މިސްކިތުގައި 11:30ގައި ކަމަށް އާއިލާ އިން ބުންޏެވެ.