26 May 2014, 18:18
ބާރަތިޔާ ޖަނަތާ ޕާޓީގެ ލީޑަރު ނަރެންދުރާ މޯދީ އެގައުމުގެ ބޮޑުވަޒީރުކަމުގެ ހުވާ ދާދި ދެންމެއަކު ކުރައްވައިފި އެވެ.
އިންޑިއާގެ ރައީސް ޕްރަނާބް މުކަރުޖީގެ ކުރިފުޅުމަތީގައި މޯދީ ހުވާ ކުރެއްވީ އިންޑިއާގެ ވެރިރަށް ނިއުދިއްލީގައިވާ އެގައުމުގެ ރިޔާސީ ގަނޑުވަރު ރާސްތުރަޕަތީބަވަންގައި މިހާރު ކުރިއަށްދާ ރަސްމިއްޔާތެއްގަ އެވެ.
މޯދީގެ ކެބިނެޓްގައި ހިމެނިވަޑައިގަންނަވާ މިނިސްޓަރުން ވެސް އެރަސްމިއްޔާތުގައި ވަނީ ހުވާ ކުރައްވާފަ އެވެ. މޯދީގެ ސަރުކާރުގައި މިވަގުތަށް ހިމެނެނީ 23 މިނިސްޓަރުންނާއި މިނިސްޓަރް އޮފް ސްޓޭޓް ވިތު އިންޑިޕެންޑެންޓް ޗާޖްގެ ގޮތުގައި ތިއްބަވާ 10 ބޭފުޅަކާއި 11 ސްޓޭޓް މިނިސްޓަރުންނެވެ.
މޯދީ ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި ސައުތު އޭޝިއަން އެސޯސިއޭޝަން ފޯ ރީޖަނަލް ކޯޕަރޭޝަން (ސާކް)ގެ އަށް ގައުމުގެ ވެރިންނާއި އެކު ޖުމްލަ 4000 ހާޒިރީން ބައިވެރިވި އެވެ.