26 May 2014, 18:12
ނިމިގެންދިޔަ ސީޒަނުގެ އެފްއޭ ކަޕު ތަށި ކާމިޔާބުކުރި އާސެނަލުގައި މަޑުކުރަން އުފާކުރާ ކަމުގައި އެކްލަބުގެ ޖަރުމަން ތަރި ލޫކަސް ޕޮޑޯލްސްކީ ބުނެފި އެވެ.
މި ސީޒަނުގައި އިނގިރޭސި ޕްރިމިއާ ލީގު ކާމިޔާބު ނުކުރެވި އިތުރު އިންތިޒާރީތަކެއް ކުރަން ޖެހުނު އާސެނަލް ދޫކޮށް ދާނެ ކަމަށް ބައެއް މީޑިއާ ރިޕޯޓްތަކުން ބުނާ އެއް ކުޅުންތެރިއަކީ ޕޮޑޯލްސްކީ އެވެ. ނަމަވެސް އޭނާ ބުނާ ގޮތުގައި އެކްލަބުގައި ހުރީ އުފަލުގައި ކަމަށާއި ކްލަބު ދޫކޮށް ދާން ބޭނުން ނުވާ ކަމަށެވެ.
"މިއަދު އަހަރެންނަކީ އާސެނަލް ކުޅުންތެރިއެއް. ވަކި މާދަމާ އެއަކަށް ބަދަލެއް ނާންނާނެ،" އުމުރުން 28 އަހަރުގެ ފޯވަޑް ބުންޏެވެ. "ލަންޑަނަށް އައުމަކީ އަހަރެންނަށް ނިންމުނު އެންމެ ރަނގަޅު ނިންމުން. ބޮޑު ކްލަބަކަށް ކުޅެ، ދުނިޔޭގެ އެންމެ ވަރުގަދަ ލީގަށް ކުޅުމުގެ ފުރުސަތު ލިބުމުން އުފާކުރަން. އާސެނަލްގައި ހޭދަކުރި ދެ އަހަރަކީ ވަރަށް އުފާވެރި އަހަރުތަކެއް،"
ނިމިގެންދިޔަ ސީޒަނުގައި ޕޮޑޯލްސްކީ ވަނީ އާސެނަލް އަށް ކުޅުނު 27 މެޗުން 12 ލަނޑު ކާމިޔާބުކޮށްފަ އެވެ. ޕޮޑޯލްސްކީ ބުނީ، މިދިިޔަ ސީޒަނުގައި އަނިޔާ ނުވި ނަމަ، އެއަށް ވުރެ ގިނަ ލަނޑު ކާމިޔާބު ކުރެވުނީސް ކަމަށެވެ.
"އަހަރެންނަށް ލިބުނު އަނިޔާއާ ގުޅިގެން ގާތްގަނޑަކަށް ފަސް މަސްދުވަހު ކުޅުމާއި ދުރުގައި ހުންނަން ޖެހުނު. އެހެން ނުވި ނަމަ، ނިމިގެންދިޔަ ސީޒަނު އިތުރަށް ރަނގަޅު ވާނެ،" އޭނާ ބުންޏެވެ. "އަހަރެންނަށް ދެއްކުނު ކުޅުމާއި މެދު ހިތްހަމަޖެހޭ. ލީގުގައި ފުރަތަމަ އެގާރައިން ޖާގަ ހޯދުމަށް ފަހު، ކާމިޔާބުކުރެވުނު އަށް ގޯލާއި ހަތަރު އެސިސްޓަކީ ކާމިޔާބެއް."