01 Jan 2011, 10:05
ތައިލޭންޑްގައި 13 މީހުން ދަތުރުކުރި ވޭނެއް އެކްސިޑެންޓްވެ، ނުވަ މީހުން މަރުވި ހަދިސާއެއްގައި ދިވެއްސަކު ސަލާމަތްވެޖެ އެވެ.
މިދިޔަ ހޯމަ ދުވަހުގެ ރޭ ހިނގި އެކްސިޑެންޓްގައި ސަލާމަތްވީ ފ. ފީއަލީ ގުލްއަލާމާގެ މުހައްމަދު ޝަކީބު،33، އެވެ.
އޭޝިޔަން އިންސިޓިއުޓް އޮފް ޓެކްނޮލެޖީގައި ކިޔަވާ ކުދިންތަކެއް، ކޮލެޖް ނިންމުމަށް ފަހު އެނބުރި ގެއަށް ދިޔަ މަގުމަތީގައި އެކުސިޑެންޓް ހިނގުމާ އެކު ވަގުތުން އަށް މީހުން މަރުވި ކަމަށް އެ ކޮލެޖުގައި ކިޔަވަމުން އަންނަ މުހައްމަދު ރިޔާޒު ބުންޏެވެ. އެކަކު މަރުވީ ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށެވެ.
ރޭގަނޑު ގާތްގަނޑަކަށް 9:30 ހާކަންހާއިރު ހިނގި އެކްސިޑެންޓްގައި ނުވަ މީހުން މަރުވަން ދިމާވީ، ރިޔާޒު ބުނި ގޮތުގައި, ވޭން ބުރިޖެއްގެ މަތީން ދުއްވާފައި ދަނިކޮށް ވޭންގެ ފަހަތުގައި ކާރަކުން ޖެއްސުމާ އެކު ވޭން ދެތިން ބުރު ޖެހުމަށް ފަހު ވޭންގައި ތިބި މީހުންތައް ބުރައިގެން ގޮސް ބުރިޖު މަތިން ވެއްޓިގެންނެވެ. ނަމަވެސް ޝަކީބު ސަލާމަތްވީ، ގާތްގަނޑަކަށް ފަސް މީޓަރު ހުންނަ ބުރިޖް މަތީން ވިއްސައިގެން ދިޔަ މީހުންގެ ތެރޭގައި ޝަކީބު ނުހިމެނުމުންނެވެ.
މަޝްހޫރު ޓީވީ ޕްރެޒެންޓާ އަހުމަދު ޝަކީބުގެ ކޮށްކޮ، އަދި އެ ޔުނިވަސިޓީގައި މާސްޓާ ޑިގްރީ އަށް ކިޔަވަމުން އަންނަ ޝަކީބު ވިއްސައިގެން ގޮސް ޖެހުނީ، ބުރިޖުމަތީގަ އެވެ. ބުރިޖުން ވިއްސައިގެން ނުދިޔަ ހަތަރު މީހުންގެ ތެރޭގައި ޝަކީބު ވެސް ހިމެނެ އެވެ. އެ ހާދިސާގައި ސަލާމަތްވީ ވެސް ހަތަރު މީހުންނެވެ.
ވޭނުގެ ފަހަތުން ޖެއްސި ކާރު ދުއްވީ ލައިސަންސް ނެތް 16 އަހަރުގެ ތައިލެންޑްގެ މަޝްހޫރު އާއިލާއެއްގެ އަންހެން ކުއްޖެއް ކަމަށް ރިޔާޒު ބުންޏެވެ. ބޭންކޮކް ނޫސްތައް ބުނާ ގޮތުގައި ވޭންގެ ފަހަތުން ޖެއްސި ކާރު ދުއްވާފައި ހުރީ ގަޑިއަކު 70 ކިލޯ މީޓަރުގެ ބާރުމިނުގަ އެވެ.
ޝަކީބު ހޮސްޕިޓަލުގެ ބަލި އެނދުގައި އޮވެގެން ސަން އޮންލައިނަށް މިއަދު މައުލޫމާތު ދެމުން ބުނީ އެ އެކްސިޑެންޓް ހިނގަން މެދުވެރިވީ އޭނާ ދަތުރު ކުރަމުން ދިޔަ ވޭންގެ ފަހަތުން ބާރު ސްޕީޑެއްގައި އައި ކާރެއް ބަހުގައި ޖެހިގެން ކަމަށެވެ. ނަމަވެސް ކާރު ބަހުގައި ޖެހުމަށް ފަހު ވީ އެއްވެސް ގޮތެއް ކިޔާދޭން ނޭނގޭ ކަމަށް އޭނާ ބުންޏެވެ.
"ފަހަތުން ވަރަށް ބާރަށް އައި ކާރެއް ބަހުގައި ޖެހުނުކަން އިނގޭ. ނަމަވެސް އެއަށް ފަހު ވީނުވީއެއް ހަމަ އެއްވެސް ގޮތަކަށް ނޭނގޭ. އަހަރެން ހޭ އެރިއިރު އޮތީ ބުރިޖުގެ ހައިވޭ މަތީގައި ލެއިން ތަތްތެޅިފައި. އެތާންގައި ހިރި ވެސް ނުލެވި އޮތް ގޮތަށް އޮތީ. ޝުކުރު ކުރަން އަޅުގަނޑު ސަލާމަތްވީތީ. ބަހުން ދަތުރު ކުރި އަށް މީހުން ވަނީ ބުރިޖުން ބިމަށް ވެއްޓުނު ގޮތަށް މަރުވެފައި،" ޝަކީބު ނުންޏެވެ.
އޭނާ ބުނީ ޔުނިވާސިޓީގެ އެހީއާ އެކު މިހާރު ހޮސްޕިޓަލުގައި އޭނާއަށް ވަރަށް ރަނގަޅަށް ފަރުވާ ލިބެމުންދާ ކަމަށެވެ. އަދި އޭނާގެ އަންހެނުން ވެސް މިހާރު ތައިލެންޓްގައި ހުރި ކަމަށް އޭނާ ބުންޏެވެ.
ހެލްތު މިނިސްޓްރީގެ ސްކޮލާޝިޕެއްގެ އޭޝިޔަން އިންސިޓިއުޓް އޮފް ޓެކްނޮލެޖީ ޔުނިވާސީޓީގައި މުހައްމަދު ޝަކީބު ތައުލީމް ހާސިލް ކުރަމުންދާތާ ދެ އަހަރުވެއްޖެ އެވެ. އަދި އެކްސިޓެންޓާ ގުޅިގެން އެ ހަބަރު ހެލްތު މިނިސްޓްރީ އަށް ވެސް ދީފައިވާނެ ކަމަށް ޝަކީބު ސަން އަށް ކިޔައިދިނެވެ.
އެ އެކްސިޑެންޓްގައި އެ ޔުނިވަސިޓީގައި ޕްރޮފެސަރެއް ވެސް ވަނީ މަރުވެފައި ކަމަށް ރިޔާޒު ބުންޏެވެ.