ބްރާވިއާ އައިޑިއާސް ކަޕުގެ ކުއާޓާ ފައިނަލަށް ދަތުރުކުރި ޓީމުތައް ކަށަވަރުވެއްޖެ އެވެ.

މިހާރު ކުރިއަށްދާ އައިޑިއާސް ކަޕުގެ ކުއާޓާގެ ޖާގަތައް ކަށަވަރުކުރީ އެލައިޑް އިންޝުއަރެންސް، ބަރާބަރު، ރީފްސައިޑް، ސްޓެލްކޯ، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)، މާލޭ ސިޓީ ކައުންސިލް، ވިންސެންޑޯ އަދި މޯލްޑިވްސް ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެމްއާރުޑީސީ) އެވެ.

ކުއާޓާގެ ޖާގައެއް އެލައިޑް ހޯދީ ގަދަ ސޯޅައިގައި އިސްލާމިކް އެފެއާޒް އަތުން 5-2 ލަނޑުން މޮޅުވެގެންނެވެ. އެލައިޑުގެ އަހްމަދު އަފްރާހު ނަސީރު ހެޓްރިކެއް ކާމިޔާބުކުރި އިރު، އެ ޓީމުގެ ބާކީ ދެ ލަނޑު ކާމިޔާބުކޮށްދިނީ މުހައްމަދު ރިއްފަތު އެވެ. އިސްލާމިކް އެފެއާޒްގެ ލަނޑުތައް ކާމިޔާބުކޮށްދިނީ އާދަމް އަޒްމީ އާއި މުހައްމަދު ޝަރީފް އެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެލައިޑްގެ ޖާޒީ ނަންބަރު ފަހެއް މުހައްމަދު ރިއްފަތު އެވެ.

ރީފްސައިޑް ކުއާޓާ އަށް ދަތުރުކުރީ ގަދަ ސޯޅައިގައި އެސްސީ ވެލަރަސް އަތުން 4-0 ލަނޑުން މޮޅުވެގެންނެވެ. ރީފްސައިޑްގެ އަޔާޒް އަހްމަދާއި މޫސާ ސޮބާހު، މި އިން ކޮންމެ ކުޅުންތެރިއަކު ވަނީ ދެ ލަނޑު ކާމިޔާބުކޮށްފަ އެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ރީފްސައިޑް ޖާޒީ ނަންބަރު ހަތެއް އަޔާޒް އަހްމަދެވެ.

މި މުބާރާތުގެ ކުއާޓާގެ ޖާގައެއް ބަރާބަރު ހޯދީ ގަދަ ސޯޅައިގައި ޔުނައިޓެޑް އައިސޮލާނޯއާ ވާދަކޮށް، ޕެނަލްޓީ ޖަހައިގެންނެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވި އިރު، ދެ ޓީމު އޮތީ 4-4 ލަނޑުން އެއްވަރުވެގެންނެވެ. ޕެނަލްޓީ ޖަހައިގެން ބަރާބަރު މޮޅުވީ 12-11 ލަނޑުންނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އައިސޮލާނޯގެ ޖާޒީ ނަންބަރު 11 ޒައިދު ޝަރީފް އެވެ.

ކުއާޓާގެ ޖާގައެއް ސްޓެލްކޯ ކަށަވަރުކުރީ 6-2 ލަނޑުން މެކާނޯ ބަލިކުރުމަށް ފަހު އެވެ. ސްޓެލްކޯގެ އަބްދުﷲ މުހައްމަދާއި ހާރޫން އިބްރާހިމް، މިއިން ކޮންމެ ކުޅުންތެރިއެއް ހެޓްރިކެއް ކާމިޔާބުކުރި އެވެ. މެކާނޯގެ ދެ ލަނޑު ކާމިޔާބުކޮށްދިނީ އަލީ އަޒުމީ އެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ސްޓެލްކޯގެ ޖާޒީ ނަންބަރު ހަތެއް ހާރޫން އިބްރާހިމް އެވެ.

ވިންސެންޑޯ އަށް ކުއާޓާގެ ޖާގައެއް ކަށަވަރުވީ ގަދަ ސޯޅައިގައި 3-5 ލަނޑުން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ބަލިކޮށްގެންނެވެ. ވިންސެންޑޯގެ އަލީ ޝިފާއު ހެޓްރިކެއް ކާމިޔާބުކުރި އިިރު، އެ ޓީމުގެ އަނެއް ދެ ލަނޑު ކާމިޔާބުކޮށްދިނީ މުހައްމަދު އިމްރާނާއި އާދަމް ނިފާޒެވެ. އެމްއެމްއޭގެ ލަނޑުތައް ކާމިޔާބުކޮށްދިނީ އިރުފާން އާމިރާއި މަހައްމަދު އަސްލަމް އަދި އަހްމަދު ރިޒާ އެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ މެޗުގައި ތިން ލަނޑު ކާމިޔާބުކުރި ވިންސެންޑޯގެ ޖާޒީ ނަންބަރު ހަތެއް އަލީ ޝިފާއު އެވެ.

މި މުބާރާގެ ކުއާޓާގެ ޖާގައެއް ސިޓީ ކައުންސިލް ހޯދީ ގަދަ ސޯޅައިގައި ފަސޭހަކަމާ އެކު 6-0 ލަނޑުން ބާރަށް ބަލިކުރުމަށްފަހު އެވެ. ސިޓީ ކައުންސިލްގެ މުހައްމަދު އަޔާޒާއި ހަސަން ނޫރިޝް، މިއިން ކޮންމެ ކުޅުންތެރިއަކު ދެ ލަނޑު ކާމިޔާބުކުރި އިރު، އެ ޓީމުގެ ބާކީ ދެ ލަނޑު ކާމިޔާބުކޮށްދިނީ މުހައްމަދު އަފްޒަލް އާއި އަހްމަދު އަޝްފާގު އެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ސިޓީ ކައުންސިލްގެ ޖާޒީ ނަންބަރު ހައެއް އިބްރާހިމް އަގީލް އެވެ.

އެމްއާރުޑީސީ އަށް ކުއާޓާގެ ޖާގައެއް ލިބުނީ ގަދަ ސޯޅައިގައި ރޫޓް އެކްސް އަތުން 6-1 ލަނޑުން މޮޅުވެގެންނެވެ. އެމްއާރުޑީސީގެ އިސްމާއިލް އީސާ (މެސީ) ހެޓްރިކެއް ކާމިޔާބުކުރި އިރު، މުހައްމަދު ފުހެއިދު ދެ ލަނޑު ކާމިޔާބުކުރި އެވެ. އަދި އެމްއާރުޑީސީގެ އަނެއް ލަނޑު ކާމިޔާބުކޮށްދިނީ އަލީ އަރުޝަދެވެ. ރޫޓް އެކްސްގެ ހަމައެކަނި ލަނޑު ކާމިޔާބުކޮށްދިނީ އަހްމަދު އިނާދެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެމްއާރުޑީސީގެ ޖާޒީ ނަންބަރު 10 އިސްމާއިލް އީސާ (މެސީ) އެވެ.

އެމްއޭސީލް އަށް ކުއާޓާގެ ޖާގައެއް ލިބުނީ ގަދަ ސޯޅައިގައި ވާދަވެރި ފިނޭންސް މިނިސްޓްރީ އަތުން ޕެނަލްޓީ ޖަހައިގެން މޮޅުވެގެންނެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވި އިރު، ދެ ޓީމު އޮތީ 2-2 ލަނޑުން އެއްވަރުވެފަ އެވެ. ޕެނަލްޓީ ޖަހައިގެން އެމްއޭސީއެލް މޮޅުވީ 7-5 ލަނޑުންނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެމްއޭސީއެލްގެ ޖާޒީ ނަންބަރު ފަހެއް މުހައްމަދު ހައިޝަމް އެވެ.

މި މުބާރާތުގެ ކުއާޓާގެ މެޗުތައް ކުޅޭނީ އަންނަ ބުދަ ދުވަހު އެވެ. ކުއާޓާގެ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ އެލައިޑާއި ބަރާބަރެވެ. ދެވަނަ ކުއާޓާގައި ރީފްސައިޑާއި ސްޓެލްކޯ ބައްދަލުކުރާ އިރު، ތިންވަނަ ކުއާޓާގައި ބައްދަލުކުރާނީ އެމްއޭސީއެލް އާއި މާލޭ ސިޓީ ކައުންސިލް އެވެ. އަދި ފަހު ކުއާޓާގައި ބައްދަލުކުރާނީ ވިންސެންޑޯ އާއި އެމްއާރުޑީސީ އެވެ.

ބްރާވިއާ އައިޑިއާސް ކަޕް 2014 ގެ މެއިން ސްޕޮންސަރަކީ ރީފްސައިޑެވެ. އެލައިޑް އިންޝުއަރެންސް އިން ކޯ ސްޕޮންސަރު ކޮށްފައިވާ މި މުބާރާތުގެ ޕްރިންޓިންގް ޕާޓްނަރަކީ އެމްސެވަން ޕްރިންޓެވެ. އަދި މުބާރާތުގެ މީޑިއާ ޕާޓްނަރަކީ ސަން އޮންލައިން އެވެ.