ސުޕްރީމް ކޯޓުގެ ހުރުމަތް ކެނޑޭގޮތަށް ރާއްޖެ ޓީވީގެ ޕްރޮގްރާމެއްގައި ވާހަކަދެއްކެވި ކަމަށް ބުނެ، ކޯޓުގެ ހުރުމަތް ރައްކާތެރިކުރުމާ ބެހޭ ގަވާއިދުގެ ދަށުން ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ (އިންތި) ގެ މައްޗަށް ދައުވާ ނުކުރެވޭނެ ކަމަށް ކްރިމިނަލް ކޯޓުން ކަނޑައަޅައިފިއެވެ.

އިންތިގެ ފަރާތުން ނެންގެވި އިޖުރާއީނުކުތާއާ ގުޅިގެން ކްރިމިނަލް ކޯޓުން މިއަދު ނިންމި ނިންމުމުގައި ބުނެފައި ވަނީ އަމުރަށް ނުކިޔަމަންތެރިވުމުގެ ދައުވާގައި، އޭނާ ކޮށްފައިވާ އަމަލު އެއީ ކުށެއް ކަމަށް ބަޔާންކޮށްފައިވާ ގަވާއިދަކީ ގާނޫނު އަސާސީގެ 156 ވަނަ މާއްދާ އާއި ކޯޓުތަކުގެ ގާނޫނުގެ 96 ވަނަ މާއްދާ އާއި އެ ގާނޫނުގެ 72 ވަނަ މާއްދާގެ އިތުރުން ސުޕްރީމް ކޯޓުގެ ސަރާކިއުލާއެއްގެ ދަށުން ވަގުތީގޮތުން އަމަލުކުރުން ވުޖޫދުކޮށްފައިވާ ގަވާއިދެއްކަން ސުޕްރީމް ކޯޓުގެ އާންމު ސިޓީން އެނގެން އޮންނާކަމަށެވެ. އެހެންކަމުން އެ ގަވާއިދުގެ ގާނޫނީ ހައިސިއްޔަތާ މެދު އެ ކޯޓުގައި ބަހުސް ނުކުރެވޭނެ ކަމަށެވެ.

އެ ނިންމުމުގައި ބުނެފައި ވަނީ ކަން އެގޮތަށް އޮތްނަމަވެސް، ވަކިކަމެއް ކުރުން ނުވަތަ ވަކިކަމެއް ނުކޮށް ދޫކޮށްލުން އެއީ ކުށެއް ކަމާއި އެކުށަށް އަދަބު ބަޔާންކުރާ ގަވާއިދު އެއީ އާންމުކޮށް ޝާއިއުކުރެވިފައިވާ އެއްޗަކަށްވުން އެއީ ގާނޫނު އަސާސީން ރައްޔިތުންނަށް ކަށަވަރުކޮށްދޭ އަސާސީ ހައްގެއްކަން ގާނޫނު އަސާސީގެ 61 ވަނަ މާއްދާގެ (ނ) އިން އެނގެން އޮންނަ ކަމަށެވެ. އަދި އެ ގަވާއިދަކީ ގާނޫނު އަސާސީގައިވާ އާންމު މަހުފޫމްތަކާ އެއްގޮތަށް އާންމުކޮށް ޝާއިއުކުރެވިފައިވާ ގަވާއިދެއް ނޫންކަން، ދައުލަތުން ޝަރީއަތުގައި ދައްކާފައިވާ ވާހަކަތަކުން އެނގޭ ކަމަށް ވެސް އެ ނިންމުމުގައި ވަނީ ބުނެފައެވެ.

އެހެންކަމުން އެ ގަވާއިދުގެ ދަށުން، އާންމު ޖިނާއީ އުޖުރާއަތުގެ ދަށުން ދައުވާ ކުރުމަކީ ރައްޔިތުންގެ ހައްގަކަށް އުނިކަމެއް ލިބޭ ކަމެއް ކަމަށް ޝަރީއަތަށް ފެންނާތީ، އެ ދައުވާ ކޯޓުގެ ހުރުމަތް ރައްކާތެރިކުރުމާ ބެހޭ ގަވާއިދުގެ ދަށުން ކުރެވިދާނެ ތަނެއް ނެތް ކަމަށް ކްރިމިނަލް ކޯޓުން ވަނީ ކަނޑައަޅާފައެވެ.