26 May 2014, 17:41
އޭއެފްސީ ޗެލެންޖް ކަޕް ފުޓްބޯޅަ މުބާރާތުގައި ދިވެހި ގައުމީ ޓީމު ކުރިއަށް ކުޅޭ މެޗްތައް އޮންނަ ދުވަސްތަކުގައި ޓީމަށް ހިތްވަރު ދިނުމުގެ ގޮތުން ސިވިލްސާވަންޓުން ރަތް ހެދުމުގައި އޮފީހަށް ނުކުތުމަށް ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން އެދިއްޖެ އެވެ.
ސީއެސްސީ ވެބްސައިޓުގައި މިއަދު ޝާއިއުކޮށްފައިވާ ބަޔާނެއްގައި ބުނެފައި ވަނީ، ރާއްޖޭގައި މިހާރު ކުރިއަށްދާ އޭއެފްސީ ޗެލެންޖް ކަޕް މުބާރާތަކީ ގައުމީ ހަރަކާތެއް ކަމަށް ސަރުކާރުން ދެކޭ ކަމަށެވެ. އެ މުބާރާތުގައި ވާދަ ކުރާ ގައުމީ ފުޓްބޯޅަ ޓީމަށް ސަޕޯޓުކުރަން ހަރަކާތްތައް ހިންގުމަށް ޔޫތު މިނިސްޓްރީން ކުރިން ވަނީ ސަރުކާރުގެ އިދާރާތަކަށް އަންގާފަ އެވެ.
ސީއެސްސީން ބުނީ ދިވެހި ފުޓުބޯޅަ ޓީމަށް ސަޕޯޓުކޮށް ގައުމީ ރޫޙު ދިރުވުމުގެ މަގުސަދުގައި ގައުމީ ޓީމު ކުރިއަށް ކުޅޭ މެޗްތައް އޮންނަ ދުވަސްތަކުގެ ރަތް ހެދުން ލައިގެން އޮފީހަށް އައުމަށް އެދޭ ކަމަށެވެ. ރަސްމީ ގަޑިތަކުގައި އޮފީހަށް އަންނަ އިރު ގައުމީ ޖާޒީ ނުވަތަ ރަތް ޓީޝާޓް ލައިގެން އައުމަށް އެދޭ ކަމަށް ވެސް ސީއެސްސީން ވަނީ ބުނެފަ އެވެ.
ސީއެސްސީގެ ގަވާއިދުގެ 158 ވަނަ މާއްދާގެ (ހ) ގައި ބުނެފައިވާ ގޮތަށް، އިޖުތިމާއީ މިންގަނޑު ނުގެއްލޭ ގޮތަށް އެދުން އެޅުމަށް ވެސް އެ ކޮމިޝަންގެ ބަޔާނުގައި ބުނެފައިވެ އެވެ.
މުބާރާރުގެ ސެމީ ފައިނަލް މެޗުގައި ރާއްޖެއާ ދެކޮޅަށް ފިލިޕީންސް ބައްދަލުކުރާ މެޗް ފަށާނީ މާދަމާ ރޭ 9:00ގައި ގައުމީ ފުޓްބޯޅަ ދަނޑުގަ އެވެ.