26 May 2014, 17:21
އިންޑިއާގެ ބޮޑުވަޒީރަކަށް މިއަދު ވެވަޑައިގަންނަވާ ބީޖޭޕީގެ ލީޑަރު ނަރެންދުރާ މޯދީގެ އުފަން އަދި އޭނާ 13 އަހަރު ދުވަހު ޗީފް މިނިސްޓަރުކަން ކުރެއްވި ގުޖުރާތުގެ މުސްލިމުންނާއި ހިންދޫންނާ ދެމެދު ރޭގައި ވަރުގަދަ ކުރިމަތިލުންތަކެއް ހިނގައިފި އެވެ.
ހިންދުސްތާން ޓައިމްސް ބުނީ ގުޖުރާތުގެ ކުރީގެ ވެރިރަށް އަހުމަދު އާބާދުގައި ދެދީނުގެ މެދުގައި ހަމަނުޖެހުން ފެށުނީ ކައިވެންޏަކަށް ދިޔަ ދެކާރު އެކްސިޑެންޓް ވުމުން އުފެދުނު ޒުވާބަކުން ކަމަށެވެ. ފަހުން ހަމަނުޖެހުން ބޮޑުވެ، ވެހިކަލްތަކާއި ފިހާރަތަކުގައި ހުޅުޖަހާފައިވާ ކަމަށް ވެސް ބުންޏެވެ.
އޭއެފްޕީއާ ހަވާލާދީ އެ ނޫހުން ބުނީ ހަމަނުޖެހުމުގައި ތިން ފިހާރައަކާއި މިނީ ބަހަކާއި ބައެއް ސައިކަލްތައް އަންދާލާފައިވާ ކަމަށެވެ.
އަހުމަދު އާބާދު ޖޮއިންޓް ޕޮލިސް ކަމިޝަނަރް މަނޯޖް ޝަސިންދުރައާ ހަވާލާދީ ނޫހުން ބުނީ ހަމަނުޖެހުން ކޮންޓްރޯލް ކުރީ ފުލުހުން ކަރުނަގޭސް ބޭނުންކޮށްގެން ކަމަށެވެ.
ގުޖުރާތުގައި މުސްލިމުންނާ ހިންދޫއިންނާ ދެމެދު ހަމަނުޖެހުން ހިނގާފައި މިވަނީ ނަރެންދުރާ މޯދީ އިންޑިއާގެ ބޮޑުވަޒީރުކަމުގެ ހުވާ މިއަދު ކުރައްވަން ތައްޔާރުވެވަޑައިގަންނަވަނިކޮށެވެ. މިއަދުގެ ފަހުގެ ވަގުތެއްގައި އޭނާ އިންޑިއާގެ ބޮޑުވަޒީރުކަމުގެ ހުވާ ކުރައްވާނެ އެވެ.
ހިންދޫއިންނާއި މުސްލިމުންނާ ދެމެދު 2002 ވަނަ އަހަރު ހިނގި ވަރުގަދަ ހަމަނުޖެހުންތަކުގައި މޯދީގެ ދައުރެއް ވާކަމަށް މުސްލިމުން ތުހުމަތު ކުރެ އެވެ. ނަމަވެސް އޭނާ ގެންދަވަނީ ތަކުރާރުކޮށް އެކަން ދޮގުކުރައްވަމުންނެވެ.