26 May 2014, 17:16
ދުވަސް ފުރާ ވިހެއުމަށް ފަހު ތުއްތު ދަރިފުޅު މަރާލި ކަމަށް ތުހުމަތު ކުރާ މައްސަލާގައި އެ ތުއްތު ކުއްޖާގެ 18 އަހަރުގެ މަންމަ ފުލުހުން ހައްޔަރުކޮށްފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު ސަން އަށް ވިދާޅުވީ އެ މައްސަލާގައި 18 އަހަރުގެ ދިވެހި އަންހެނަކު މިއަދު 14:20 ހާއިރު ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި އޭނާ، ހޯމް މިނިސްޓްރީ އަށް ފެންނަ ތަނެއްގައި ބަންދުގައި ބަހައްޓައިގެން ތަޙުގީގު ކުރިއަށް ގެންދިއުމަށް 15 ދުވަހުގެ ބަންދުގެ މުއްދަތެއް ކޯޓުން ޖަހާދީފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ފުލުހުން މިއަދު ހައްޔަރުކުރި އަންހެން މީހާ ވިހެއި ދަރިފުޅު މަރުވެފައި އޮތްވައި ފެނިފައި ވަނީ މ. ސިލްވާޝާކްގެ ކުއްޔަށްދީފައި ހުންނަ ބައިގެ ތިން ވަނަ ބުރީގައި ފޮއްޓަކަށް ލާފައި އޮތްވަ އެވެ. އަދި އެ ތުއްތު އަންހެން ކުއްޖާ ހޮސްޕިޓަލަށް ގެންދިޔަ އިރު ވެސް މަރުވެފައިވާ ކަމަށް އައިޖީއެމްއެޗުން ބުންޏެވެ.
އެ ތުއްތު ކުއްޖާގެ މަންމަ ވިހެއި ކަން އެނގުނީ މިދިޔަ ހޮނިހިރު ދުވަހުގެ ވަގުތެއްގައި ލޭ މަނާނުވެގެން އޭނާ އޭޑީކޭ އަށް ގެންދިއުމުން އޭނާ ވިހާފައިވާ ކަމަށް ޑޮކްޓަރުން ބުނުމުން، ވިހެއި ކުއްޖާ ފާހާނާއަށްލާ ފްލަސްކުރީ ކަމަށް އޭނާ ބުނި ކަަމަށް އާއިލާ އިން ވަނީ ބުނެފަ އެވެ. އަދި އޭގެ ފަހުން އެކުއްޖާ ފޮއްޓެއްގެ ތެރެއަށްލާފައި އޮތް ކަމަށް ބުުނުމުން އެކަން ފުލުހުންނަށް އާއިލާ އިން ވަނީ ރިޕޯޓްކޮށްފަ އެވެ.
އެ ކުއްޖާ ވިހެއި ދަރިފުޅު އޮތީ އަނގަޔަށް ފޮތިގަނޑެއް ގެންބުމަށް ފަހު ހެދުން އަޅާފައި ހުރި ދަބަހެއްގެ ތެރެއަށްލާފައި ކަމަށް އާއިލާ އިން ވަނީ ބުނެފަ އެވެ.
އެ މައްސަލަ ފުލުހުންގެ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓުން ދަނީ ތަހުގީގު ކުރަމުންނެވެ.