26 May 2014, 17:12
ކޯޓުތަކަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމަކީ ޝަރުއީ ދާއިރާ އަށް ދިމާވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުން ކަމަށް ބަންޑާރަ ނައިބު މުހައްމަދު އަނިލް ވިދާޅުވެއްޖެ އެވެ.
ރާއްޖޭގެ ކޯޓުތަކުގައި ވާކާލާތު ކުރުމުގެ ހުއްދަ ބައެއް ބޭފުޅުންނަށް ދޫކުރުމަށް މިއަދު މެންދުރު ފަހު ވެލާނާގޭގައި ބޭއްވި ރަސްމިޔާތުގައި ބަންޑާރަ ނައިބު ވިދާޅުވީ ކޯޓުތަކަށް ހުށަހެޅޭ މައްސަލަތައް އަވަހަށް ނިންމުމަށް ދިމާވެފައިވާ އެއް ހުރަހަކީ ވެސް ޖާގައިގެ ދަތިކަން ކަމަށެވެ.
އެގޮތުން އެންމެ ގިނަ މައްސަލަތައް ހުށަހަޅާ ސިވިލް ކޯޓާއި ކްރިމިނަލް ކޯޓަށް ޖާގައިގެ ދަތިކަން ދިމާވެފައިވާކަން ބަންޑާރަ ނައިބު ވަނީ ފާހަގަކުރައްވާފަ އެވެ.
"މިވާ ގޮތުން މައްސަލަތަކުގެ އަޑުއެހުން އެއް ގަޑިއިރަށް ބޭއްވުމަށް ފަހު މި ޖެހިވަޑައިގަންނަ ވަނީ އެ ދުވަހަށް ޝަރީއަތް ނިންމަވާލައްވަން. ދެން އަނެއްކާ ވެސް މަސައްކަތް ހުންނަ ގޮތުން ޝެޑިއުލް ކުރަން ޖެހިވަޑައިގަންވާ މަސް ދުވަސް ފަހުން ވެސް. އެހެންވީމާ މިއީ ޖާގައިގެ ދަތިކަމުގެ ސަބަބުން ދިމާވާ ކަންކަން،" ބަންޑާރަ ނައިބު ވިދާޅުވި އެވެ.
އޭގެ އިތުރުން ކޯޓުގެ ޖާގައިގެ ދަތިކަމާ އެކު ސިވިލް ކޯޓަށާއި ކުރިމިނަލް ކޯޓަށް އައްޔަން ކުރައްވާފައިވާ ފަނޑިޔާރުން މަދުވުމަކީ ވެސް މައްސަލަތައް އަވަސްކަމާ އެކު ނިންމުމަށް ދިމާވެފައިވާ މައްސަލައެއް ކަމަށް ބަންޑާރަނައިބު ވިދާޅުވި އެވެ.
"ސިވިލް ކޯޓަށާއި ކުރިމިނަލް ކޯޓަށް ގާތްގަނޑަކަށް އަށެއްކަ ފަނޑިޔާރުން މި ތިއްބަވަނީ. އެހެން ނަމަވެސް އެ ބޭފުޅުނަށް ހުށަހެޅޭ މައްސަލަތަކާއި ކޯޓު އަމުރުތަކާއި ވަގުތީ އަމުރުތަކަށް ބަލާ އިރު މަދުވެގެން ގާތްގަނޑަކަށް 15 ފަނޑިޔާރުން އެއިން ކޮންމެ ކޯޓަކަށް ބޭނުންވޭ. އެހެން ނަމަވެސް ޖާގައިގެ ދަތިކަމާ އެކު އެ މަސައްކަތް ވެސް ވަނީ ކުރިއަށް ނުގެންދެވިފައި،" އެމަނިކުފާނު ވިދާޅުވި އެވެ.
ޖުޑިޝަލް ސެކްޓާ ރިފޯމް ކޮމެޓީއެއް ސުޕްރީމް ކޯޓުން އުފައްދައިގެން މަސައްކަތްކުރެއްވުމަށް އިޝާރާތްކުރައްވައި ބަންޑާރަ ނައިބު ވިދާޅުވީ ޝަރުއީ ދާއިރާ ހަރުދަނާކުރުމަށް ޝަރުއީ ދާއިރާގެ ތެރެއިން މަސައްކަތްކުރާތަން ފެނުމުން އެކަމާ އުފާކުރައްވާ ކަމަށެވެ.
"އަޅުގަނޑު ވަރަށް އުފަލާ އެކު ފާހަގަކުރަން ބޭނުން މިހާރު ޖުޑިޝަރީން އިސްވެ މަސައްކަތްތަކެއް ފައްޓަވައިގެން ކުރިއަށް ގެންދަވާތީ." ބަންޑާރަ ނައިބު ވިދާޅުވި އެވެ.