އަންނަ ޖޫންމަހުގެ ހަތަރު ވަނަ ދުވަހުން ފެށިގެން 14 ވަނަ ދުވަހުގެ ނިޔަލަށް ސިންގަޕޫރުގައި ބާއްވާ އޭސީސީ އެލީޓް ކުރިކެޓް މުބާރާތުގައި ވާދަކުރާ ދިވެހި ގައުމީ ކުރިކެޓް ޓީމް، މުބާރާތައް ތައްޔާރު ވުމުގެގޮތުން ސްރީލަންކާއަށް މިއަދު ހެދުނު ހިނގައްޖެއެވެ.

ކުރިކެޓް ބޯޑުން ބުނީ، ޓީމް ސިންގަޕޫރަށް ދިއުމުގެ ކުރިން ސްރީލަންކާގައި އަންނަ މަހުގެ ހަތަރު ވަނަ ދުވަހުގެ ނިޔަލަށް ޕްރެކްޓިސް ހަތަރު މެޗް ކުޅޭގޮތަށް ހަމަޖެހިފައިވާކަމަށެވެ. ގައުމީ ކުރިކެޓް ޓީމް ސްރީލަންކާގައި ފުރަތަމަ މެޗް ކުޅޭނީ މިމަހުގެ 27 ވަނަ ދުވަހު ކޮލްޓްސްއާ ދެކޮޅަށެވެ. ދެ ވަނަ މެޗް މިމަހުގެ 28ވަނަ ދުވަހު ބްލޫމް ފީލްޑާއާއި ދެކޮޅަށް ރާއްޖެ ކުޅޭއިރު، މިމަހުގެ 30 ވަނަ ދުވަހު ރާއްޖެ ކުޅޭނީ މޫއާސް އާއި ދެކޮޅަށެވެ. އަދި ޖޫން މަހުގެ ދެވަނަ ދުވަހު އާމީ ގްރައުންޑްގައި ސްރީލަންކާ އާމީ ޓީމްއާއި އެކު ވެސް މެޗެއް ކުޅުމަށް ހަމަޖެހިފައި ވާކަމަށް ވެސް ކުރިކެޓް ބޯޑުން ބުންޏެވެ.

މުބާރާތުގައި ވާދަކުރުމަށް ގައުމީ ކުރިކެޓް ޓީމް ސްރީލަންކާ މަގުން ސިންގަޕޫރަށް ފުރުމަށް ހަމަޖެހިފައި ވަނީ އަންނަ މަހުގެ ފަސް ވަނަ ދުވަހުއެވެ. މުބާރާތުގައި ރާއްޖެ ކުޅޭ ފުރަތަމަ މެޗުގައި އަންނަ މަހުގެ ހަތް ވަނަ ދުވަހު ނުކުންނާނީ ބޫޓާނާ ދެކޮލަށެވެ. ދެ ވަނަ މެޗުގައި އަންނަ މަހުގެ އަށް ވަނަ ދުވަހު ނުކުންނާނީ ބަހްރޭނާ ދެކޮޅަށެވެ. ތިން ވަނަ މެޗުގައި އަންނަ މަހުގެ 10 ވަނަ ދުވަހު ރާއްޖެ ނުކުންނާނީ ކުވައިތާ ދެކޮޅަށެވެ. އަދި އަންނަ މަހުގެ 11 ވަނަ ދުވަހު ސައުދިއެރޭބިޔާ އާއި ދެކޮޅަށް ރާއްޖެ ނުކުންނައިރު، ފަހު މެޗުގައި ރާއްޖެ ނުކުންނާނީ ސިންގަޕޫރާ ދެކޮޅަށެވެ.

މުބާރާތުގައި ވާދަކުރާ ގައުމީ ކްރިކެޓް ޓީމްގެ ސްކޮޑް:

1. އަހްމަދު އަފްޒަލް ފާއިޒް – ކެޕްޓަން
2. ސަފްރާޒް ޖަލީލް – ވައިސް ކެޕްޓަން
3. އަބްދުﷲ ޝާހިދު
4. މުހަންމަދު އައްޒާމް
5. މުހަންމަދު ރިސްވާން
6. މުހަންމަދު ސާފީ ސައީދު
7. މުހަންމަދު މަހަފޫޒު
8. ހަސަން އިބްރާހިމް
9. ހަސްނަ ހާޒިގް ރަސީދު
10. އަހްމަދު އަމީލް މައުރޫފް
11. މިހުސާން ހާމިދު
12. އަހްމަދު އުމަރު ޖަމާލް
13. އަހްމަދު ހަސަން
14. އަހްމަދު ނީސާމް ނާސިރު

އޮފިޝަލުން
- ބްރެންޑަން ކުރުޕޫ – ކޯޗް
- ފަރުހަތު ޖަލީލް – މެނޭޖަރު
- މާދިހު އިސްމާއިލް - ފިޒިއޯ