26 May 2014, 17:03
ތާލިބާނުންނާ ދެކޮޅަށް ކަމަށް ބުނެ އެމެރިކާއިން މިދިޔަ 10 އަހަރު ދުވަސް ތެރޭގައި ޑްރޯން ބޭނުންކޮށްގެން އެމެރިކާއިން ޕާކިސްތާނަށް ދިން ހަމަލާތަކުގެ 61 ޕަސެންޓް އަރާފައި ވަނީ އާއްމުންގެ ގެތަކަށް ކަމަށް ދިރާސާ އަކުން ދައްކައިފި އެވެ.
އެކަން ހާމަވީ އިނގިރޭސިވިލާތުގެ އަމިއްލަ ޖަމާއަތެއް ކަމަށްވާ ބިއުރޯ އޮފް އިންވެސްޓިގޭޓިވް ޖާނަލިޒަމް (ބީއައިޖޭ) އާއި ފޮރެންސިކް އާކިޓެކްޗާ އާއި އެމެރިކާގެ ނިއުޔޯކްގައި ގާއިމްވެފައިވާ ސިޓޫ ރިސާޗް ގުޅިގެން ކުރި ދިރާސާއަކުންނެވެ.
މިދިޔަ ބުރާސްފަތި ދުވަހު އާއްމުކޮށްފައިވާ ރިޕޯޓްގައި ބުނެފައިވާ ގޮތުގައި ޑްރޯން ބޭނުންކޮށްގެން ޕާކިސްތާނުގެ ގަބީލާތަކަށް ދިން 380 ހަމަލާގައި 132 ގެ މުޅިން ހަލާކުވެފައި ވެ އެވެ. އަދި ބުނެފައި ވަނީ ނިމިދިޔަ 18 މަސް ދުވަހުގެ ތެރޭގައި ދިން ހަމަލާތަކުގައި މަރުވި 1500 މީހުންގެ ތެރެއިން މަދުވެގެން 222 މީހުންނަކީ އާއްމުންނެވެ. އަދި ބުނެފައި ވަނީ ފާއިތުވި 10 އަހަރުގެ ތެރެއިން އެންމެ ފަހު 18 މަސް ދުވަހުގެ ކުރިން ދިން އެފަދަ ހަމަލާތަކުގައި މަރުވި އާއްމުންނާ ބެހޭ ހުރިހާ ރިޕޯޓްތަކެއް ގެއްލިފައިވާ ކަމަށެވެ. ނަމަވެސް އެއިން ކޮންމެ ހަމަލާއެއްގައި ވެސް މަދުވެގެން އާއްމުންގެ އެކަކު މަރުވެފައިވާކަން އެނގޭ ކަމަށް ވެސް ބުނެފައި ވެ އެވެ.
ތިން ޖަމާއަތް ގުޅިގެން ކުރި ދިރާސާގައި އެތައް ހާސް މީޑިއާ ރިޕޯޓްތައް ބަލައި، މަންޒަރު ދުށް މީހުންނާއި ސުވާލުކޮށްފައިވާނެ ކަމަށް ރިޕޯޓްގައި ބުނެފައި ވެއެވެ. ރަސްމީ އިދާރާތަކަށް ރަސްމީކޮށް ހުށަހަޅައިގެން ވެސް މައުލޫމާތު ހޯދާފައި ވާނެ ކަމަށް ވެސް ބުނެފައި ވެއެވެ.