ރާއްޖޭގެ ސިޔާސީ މައިދާން މުޅިން އާ ޖައްވަކަށް މިވަނީ ހުޅުވައިލެވިފަ އެވެ. ބޮޑު މަންޒަރާއި ކުޑަ މަންޒަރުގެ ކުލަތައް އެ މައިދާނުން ދަނީ ފެންނަމުންނެވެ. ސިޔާސީ ގޮތުން ބައެއް ޕާޓީތައް "އިނދަޖެހި" ރޫޅިއްޖެ އެވެ. ބައެއް ސިޔާސީ ވެރިންގެ ތަރި އޮއްސި އަނެއް ބަޔެއްގެ ތަރި މަޑުމަޑުން އަރަމުން ދަނީ އެވެ.  


ލޯކަލް ކައުންސިލް އިންތިހާބޭ ބުންޏަސް ރާއްޖެ ނުދެކޭވަރުގެ ބޮޑު އިންތިހާބެއް ބޯމަތި ވެގެން އަންނަ މި ދަޑިވަޅުގައި ރާއްޖޭގެ ސިޔާސީ މައިދާން ގަރަނބު ވަމުން ދަނީ ރައީސް ނަޝީދު ވިދާޅުވާ ފަދައިން ގައުމެއްގެ ހަޔާތުގައި "ހިނދުކޮޅުތަކެއް" އަންނަ ގޮތަށެވެ.


ސަރުކާރު ޒިންމާދާރު ކުރުވުމުގެ ބުރަ މަސްއޫލިއްޔަތު ކޮނޑުގައި އެޅިފައިވާ އެންމެ ބޮޑު އިދިކޮޅު ސިޔާސި ޕާޓީ، ޑީއާރުޕީގެ ލީޑަރު ތަސްމީނު އަލީ އާއި އެ ޕާޓީގެ އެއް ޑެޕިއުޓީ ލީޑަރު އުމަރު ނަސީރުގެ މެދުގައި އުފެދުނު ހިޔާލުތަފާތުވުންތަކާ ހަމައިން  މިހާރު ވަނީ ގޮތްކިޔަން ނޭނގޭ މިސްރާބަކަށް ސިޔާސީ މައިދާން ފުރޮޅެން ފަށައިފަ އވެ. ހިޔާލު ތަފާތުވުންތައް ބޮޑުވެ ތޮށިގަނޑު ފަޅާލައިފައި އުމަރު ނަސީރަށް ފާޅުގައި ޕާޓީގެ ލީޑަރާއި ދެކޮޅަށް އަޑުއުފުލަން މަޖުބޫރުވުމުން ސިޔާސީ މައިދާނުގެ އަދި ނުފެންނަ ސޮފުހާއެއް ވެސް ހުޅުވުނީ އެވެ. އެއް ސިޔާސީ ޕާޓީއަކުން ދެ ހިޔާލެއްގެ ކުރިފެޅީ އެވެ. މިއަށް ވުރެ ބޮޑަށް ދިވެހިންނަށް މަންޒަރު ސާފު ވާނީ މިހާރުގެ ގޮތަށް ޑީއާރުޕީ ދެ ފެކްޝަނަކަށް ބަހައިލީ އޭ ބުނިއްޔާ އެވެ.


އެއްކޮޅުގައި ތިބީ އެންމެ ފަހުން ޑީއާރުޕީން ބޭއްވި ކޮންގްރެސްގެ ތެރެއިން ކުރީގެ ރައީސް މައުމޫން އެންޑޯޒް ކުރެއްވި، ޕާޓީގެ ލީޑަރު ތަސްމީނު އަލީ އެވެ. އަނެއް ކޮޅުގައި، މޫނުމައްޗަށް ފެންނަން ހުންނެވީ ސިޔާސީ މައިދާނުގައި "ސިޔާސަކަމަށް" ގިނަ ބަޔަކު ސިފަކުރާ ކުރީގެ އައިޑީޕީގެ ރައީސް އަދި މިހާރު ޑީއާރުޕީގެ ޑެޕިއުޓީ ލީޑަރު އުމަރު ނަސީރެވެ. ދެކޮޅުގައި ވެސް ޕާލަމެންޓް މެންބަރުންނާއި ސިޔާސީ ގޮތުން ދޫހެލޭ "މަސްފަލަ" ފަރާތްތައް އެބަތިއްބެވި އެވެ. ދެ ފެކްޝަނަކުން ވެސް ޑީއާރުޕީގެ ނަމުގައި ނޫސްބަޔާން ނެރެ ހަރަކާތްތައް ހިންގައި ސިޔާސީ މައިދާނަށް ބަސް ކިޔަ އެވެ. އެ މިންގަނޑުން ބަލާ ނަމަ ތިލަފަތް ފެންނަނީ ދާދި ހަމަހަމަ ކޮށެވެ. ނަމަވެސް އިސް ނަގާތަން ފެންނަނީ އުމަރުގެ ފެކްޝަނެވެ.


ޑީއާރުޕީގެ ދެ ފެކްޝަނުން ވެސް އެއްކަމެއް ޔަގީންކޮށްދެ އެވެ؛ އެމީހުންގެ އެތެރޭގެ ޑިމޮކްރަސީ ހަރުދަނާ ވެފައި އޮތް ކަމެވެ. އުމަރު ވެސް އަދި ތަސްމީނު ވެސް ވެރިކަން ކުރާ އެމްޑީޕީއަށް ގޮންޖައްސަވަން ވިދާޅުވަނީ "އެމްޑީޕީ ތެރެއިން ޕާޓީ އިސްލާހުކުރާ މީހެއް ނުކުމެ ބަލާށޭ" އެވެ.  "އެފަދަ މީހަކު އެމްޑީޕީ އަށް ނުދެއްކޭނެ" ކަމަށެވެ.


ރާއްޖޭގައި ފުރަތަމަ ފަހަރަށް ޒަމާނީ ޑިމޮކްރެޓިކް އިންތިހާބެއް ބޭއްވި، އެމްޑީޕީ ސަރުކާރު ވެރިކަމަށް އައިސްފައި ވިޔަސް ސިޔާސީ މައިދާނުގައި ފުށުން ނުޖެހި ކިތަންމެ ގާބުރިތަކެއް އަދި އެބަ ހުއްޓެވެ. ރާއްޖޭގެ ޑިމޮކްރަސީ ގިރާ ކުރަން ޖެހޭ ރާސްތާ ދިގުވެފައި އުނދަގުލެވެ.


ޑިމޮކްރަސީގެ މޫނުބަލާ ލޯގަނޑު ކަމުގައި ލޭބަލް ކުރާ ހުޅަނގުގެ ޑިމޮކްރަސީތަކަށް ކަޅި އެއްލާއިރު ސިޔާސީ ޕާޓީތައް ފެކްޝަންތަކަކަށް ބައިވެފައެއް ނުހުރެ އެވެ. މިސާލަކަށް އެމެރިކާ އާއި އިނގިރޭސި ވިލާތް ނަގަމާ ހެއްޔެވެ. އެ ގައުމުތަކުގައި އޮންނަނީ ލީޑިން ދެ ތިން ހަތަރު ޕާޓީ އެކެވެ. އެއިން އެއްވެސް ޕާޓީއެއްގެ ތެރޭގައި ފެކްޝަންސްތަކެއް އުފެދި އެއް ޕާޓީއެއްގެ ތެރެއިން ދެ ހިޔާލުގެ ދެކުރި ހެދެމުންނެއް ނުދެ އެވެ.


ރާއްޖެ އާއި އެންމެ ކައިރިން ޕާކިސްތާނަށް ނަޒަރު ހިންގާލާ އިރު ފެކްޝަންސްތަކުގެ ލާމަސީލު މިސާލުތަކެއް އެގައުމުގެ ސިޔާސީ މަޝްރަހުން ފެނެ އެވެ. ޕާކިސްތާނުގެ މުސްލިމް ލީގު ޕާޓީ ވަނީ ހަތަރު ނުވަތަ ފަސް ފެކްޝަނަކަށް ބައިބައިވެފަ އެވެ. ކޮންމެ ފެކްޝަނަކުން ވެސް އެ ފެކްޝަނެއް ތަމްސީލު ކުރާ ލީޑަރެއް ހުރެ އެވެ. އަދި ޕާޓީގެ ނަން ބޭނުންކުރާ ކޮންމެ ހާލަތެއްގައި އެ ޕާޓީގެ ފެކްޝަންގެ އިސް ލީޑަރުގެ ނަން ބުރެކެޓްކޮށްގެން ލިޔެ އެވެ. އިންތިހާބު ތަކުގައި ވެސް ވާދަކުރަނީ ކޮންމެ ފެކްޝަނެއް ވެސް އަމިއްލަ ކެންޑިޑޭޓުން ނެރެގެންނެވެ. އެއް ދިދައެއްގެ ދަށުގައި ދެ ވެރިންގެ ހަރަކާތްތެރި ވުމުގެ ލާމަސީލު މިސާލަކީ އެއީ އެވެ.


"ޕާޓީތަކުގެ ޑިމޮކްރަސީ ހަރުދަނާ ނުވާ ތިން ވަނަ ދުނިޔޭގެ ގައުމުތަކުގައި ފެކްޝަން އުފެދެނީ. ހަރުދަނާ ޑިމޮކްރަސީތަކުގައި ފެކްޝަން ތަކެއް އުފެދިފައެއް ނެތް. އެހެނެއް ނޫން ހުޅަނގުގެ ގައުމުތަކުގައި ވެސް ފެކްޝަން އުފެދިފައި އެބަހުރި މީގެ ކުރިން. ޕާޓީ ނިޒާމު ތައާރަފްވި ދުވަސްވަރު،" ބޭރުގެ ހަބަރުތައް ދިރާސާ ކުރައްވާ މުހައްމަދު ޖަވާދު ޔޫސުފު ވިދާޅުވި އެވެ.


އޭނާ ވިދާޅުވީ އެންމެ ގިނައިން ފެކްޝަންތައް އުފެދިފައި ހުރީ ރެސިސްޓެންސް ގުރޫޕުތަކުންނާއި  ރިވޮލިއުޝަނަރީ ޕާޓީތަކުގެ ތެރެއިން ކަމަށެވެ.


ރިވޮލިއުޝަނަރީ ގުރޫޕުތަކާއި ރެސިސްޓެންޓް ގުރޫޕުތަށް މާނަ ކުރެވެނީ ވަކި މަގުސަދެއް ހާސިލްކުރުމަށް ނޫނީ ވަކި ކަމެއް އެއްފަރާތް ކުރުމަށް މަސައްކަތް ކުރާ ޖަމާއަތްތަކެއްގެ ގޮތުގަ އެވެ. މިސާލަކަށް، ފަލަސްދީނުގެ ފަތަހަ ޖަމާއަތާއި އިރާގުގެ ކުރީގެ ރައީސް ސައްދާމުގެ ބާސް ޕާޓީ އަކީވެސް އެފަދަ ޖަމާއަތްތަކެވެ. ފަތަހަ ޖަމާއަތުގެ އެތައް ގޮފިތަކެއް އުފެދި އަންނަނީ ހަރަކާތްތެރިވަމުންނެވެ. ފަތަހަ ޖަމާއަތް ބައިބައިވެގެން ދިޔައީ ފަތަހަ ޖަމާއަތުގެ އަސްކަރީ ގޮފީގެ ވެރިޔާ ކާނަލް އަބޫ މޫސާ އާއި ޔާސިރު އަރަފާތާއި ދެމެދު އުފެދުނު ހިޔާލުތަފާތުވުމެއްގަ އެވެ.


ދުނިޔޭގެ މީޑިއާތަކުން ވެސް އެއްޕާޓީއެއްގެ ތެރެއިން ދެ ހިޔާލެއް ފާޅުވުމަށް މުހާތަބުކުރަނީ ފެކްޝަންގެ ނަމުންނެވެ. އެ ބަސް އެންމެ ފުރަތަމަ މީޑިޔާ އިން ބޭނުންކުރީ ރަޝިޔާގެ ކުރީގެ ރައީސް މިހާއިލް ގަރުބަޗޯފްގެ ކޮމިޔުނިސްޓް ޕާޓީގެ ތެރޭގައި 1988 ގައި ފެކްޝަންތަކެއް އުފެދުމުންނެވެ.


ރާއްޖޭގެ ސިޔާސީ މަޝްރަހުގެ ލީޑަރުން ސާބިތުކަމާ އެކު ވިދާޅުވަމުން ގެންދަވަނީ ފެކްޝަންތަކެއް ޕާޓީތަކުގެ ތެރޭގައި ނެތްކަމަށާއި އެއީ ޑިމޮކްރަސީއެއްގެ އަސާސީ ސިފައެއް ކަމަށެވެ.


"ޑީއާރުޕީގެ ތެރޭގައި ފެކްޝަނެއް އުފެދިފައެއް ނެތް. ކޮންމެ ބަޔެއްގެ ތެރޭގައި ވެސް ހިޔާލުތަފާތުވުންތައް ހުންނާނެ. މީގެ ކުރިން ވެސް އެބަހުރި އެފަދަ ކަންތައް ވެފައި. ހިޔާލުތަފާތުވީމަ މަޝްވަރާކޮށްގެން ކަންތައްތައް ހައްލުކުރުން މުހިންމީ،" ރާއްޖެ އިން ބޭރުގައި ހުންނެވުމަށް ފަހު ރޭ މާލެ ވަޑައިގެން އެއާޕޯޓްގައި ނޫސްވެރިއަކު ދެންނެވި ސުވާލުތަކަށް ޖަވާބުދެއްވަމުން ޒައީމް މައުމޫން ވިދާޅުވި އެވެ.


ސިޔާސީ ލީޑަރުން ކޮންމެ ގޮތަކަށް ޗާޓު ކުރެއްސެވިޔަސް ހަގީގަތަކީ ފެކްޝަންތަކެއްގެ އޮއިވަރުގައި ސިޔާސީ މައިދާން ގަރަނބުވެފައިވާ ކަމެވެ. އެއީ ސިޔާސީ މައިދާނުގައި ލީ ރެނދެއްގެ ގޮތުގައި އެއްބަޔަކު ސިފަކުރިޔަސް ހަގީގަތަކީ ފެކްޝަން އުފެދުމަކީ ރާއްޖޭގެ ޑިމޮކްރަސީ ފައްކާވަމުން ދިއުމެވެ. ދުރުގައި ހުރެ މަންޒަރު ބަލާ މީހެއްގެ ހިތަށް މާ ފަސޭހަ ކަމަކަށް ނުވެދާނެ އެވެ.