26 May 2014, 16:46
ވޯލްޑް ހެލްތު އޮގަނައިޒޭޝަން (ޑަބްލިއުއެޗްއޯ)ގެ އެގްޒެކްޓިވް ބޯޑުގެ ޗެއާއަކަށް ހެލްތު މިނިސްޓަރު ޑރ. މަރިޔަމް ޝަކީލާ މިއަދު އައްޔަން ކުރައްވައިފި އެވެ.
އެކަމަނާ އެ މަގާމަށް އައްޔަން ކުރެއްވީ ޖެނީވާގައި މިއަދު ކުރިއަށްދިޔަ ވޯލްޑް ހެލްތު އެސެންބުލީއަށް ފަހު ބޭއްވި އެގްޒެކްޓިވް ބޯޑުގެ ބައްދަލުވުމުގަ އެވެ. މިއީ ޑަބްލިއުއެޗްއޯގެ އެގްޒެކްޓިވް ބޯޑުގެ ޗާއާގެ މަގާމު ރާއްޖެއަށް ލިބުނު ފުރަތަމަ ފަހަރެވެ.
ހެލްތު މިނިސްޓްރީން ބުނީ ޑަބްލިއުއެޗްއޯގެ އެގްޒެކްޓިވް ބޯޑުގެ ބައްދަލުވުންތައް މިއަދާއި މާދާމާ ޖެނީވާގައި ކުރިއަށްދާނެ ކަމަށާއި ޑރ. ޝަކީލާގެ ޗެއާމަންކަމުގައި އެ ބޯޑުން މުހިންމު ކަންތައްތަކެއް ނިންމުމަށް އެޖެންޑާކޮށްފައިވާ ކަމަށެވެ.
ޑަބްލިއުއެޗްއޯގެ އެގްޒެކްޓިވް ބޯޑުގައި 34 ގައުމެއް ހިމެނެ އެވެ. އެ ބޯޑުގެ މެމްބަރެއްގެ ގޮތުގައި ރާއްޖެއިން ބައިވެރިވެ، ބޯޑު ބައްދަލުވުންތަކުގައި އިށީންނަން ފެށީ 2012 ވަނަ އަހަރުން ފެށިގެންނެވެ. އެ ބޯޑަށް މެމްބަރުން އައްޔަން ކުރަނީ ތިން އަހަރުގެ ދައުރަކަށެވެ.
ޑަބްލިއުއެޗްއޯގެ އެގްޒެކްޓިވް ބޯޑުގެ ޒިންމާއަކީ ވޯލްޑް ހެލްތު އެސެންބުލީން ނިންމާނެ ކަންތައްތައް ހުށަހަޅައި އެ ބައްދަލުވުމުގައި މަޝްވަރާ ކުރާނެ ކަންތައްތައް ކަނޑައެޅުމުވެ. އަދި ވޯލްޑް ހެލްތު އެސެންބުލީން ނިންމާ ކަންތައްތައް ތަންފީޒު ކުރުމެވެ.