26 May 2014, 16:42
ބާސެލޯނާއާ އެކު ހަދާފައިވާ ކޮންޓްރެކްޓް އާކުރި ސްޕެއިން ޑިފެންޑަރު ޖެރާޑް ޕީކޭއަކީ ދުނިޔޭގެ އެންމެ މޮޅު ސެންޓާ ބެކް ކަމުގައި އެކްލަބުގެ ރައީސް ޖޯސެޕް ބާޓޮމެއޫ ބުނެފި އެވެ.
އިއްޔެ ޕީކޭ ވަނީ ބާސާއާއެކު ފަސް އަހަރުގެ ދުވަހުގެ ކޮންޓްރެކްޓެއްގައި ސޮއިކޮށްފަ އެވެ. ބާސާގެ ރައީސް ބުނީ، ޕީކޭގެ ނިންމުމާއި މެދު އުފާކުރާ ކަމުގަ އެވެ.
"ޕީކޭ ބާސާގައި މަޑުކުރަން ނިންމި ނިންމުމަކީ ވަރަށް ރަނގަޅު ނިންމުމެއް،" ބާސާގެ ރަސްމީ ވެބްސައިޓަށް ދިން އިންޓަވިއުއެއްގައި ބާޓޮމެއޫ ބުނެޏެވެ. "ޕީކޭ އަކީ ދުނިޔޭގެ އެންމެ މޮޅު ސެންޓާ ބެކް. ކުރިއަށް އޮތް ރޭވުންތަކުގައި ޕީކޭ ހިމެނޭ،"
ޕީކޭގެ ކޮންޓްރެކްޓް އާކުރުމުން ބާސާގެ ރައީސްއާއެކު އެ ކްލަބުގެ ސްޕޯޓިންގް ޑިރެކްޓަރު އެންޑޯނީ ޒުބިޒަރެޓާ ވެސް އެކަމާއި މެދު އުފާކުރާ ކަމަށް ބުނެފައިވެ އެވެ.
"ޕީކޭގެ ކޮންޓްރެކްޓް އާކުރުމަކީ އަހަރެމެންނަށް ލިބުނު ކާމިޔާބެއް. އޭނާ ސޮއިކުރުމުން ކްލަބުން ކުރިއަށް މިގެންދާ ޕްރޮޖެކްޓަށް އިތުރު ފުރިހަމަކަމެއް ލިބޭނެ. އަހަރެމެންގެ އަމާޒަކީ ކުރިއަށް އޮތް ސީޒަނަކީ ކާމިޔާބު ސީޒަނަކަށް ހެދުން،" އޭނާ ބުންޏެވެ.
ޔުނައިޓެޑަށް ކުޅުމަށްފަހު، 2008 ވަނަ އަހަރު ބާސާ އަށް އެނބުރި އައިސް އޭނާ ވަނީ އެކްލަބާއެކު ހަތަރު ސްޕެނިޝް ލީގާއި ދެ ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފަ އެވެ.